04 Sep 2016, 14:56
އާމިރު ޚާން އަކީ އަހަރަކު އެންމެ ފިލްމެއްގެ މަސައްކަތް ކުރާ ފަންނާނެކެވެ. މި އަހަރު އާމިރު ފެނިގެންދާނީ "ޑަންގާލް" އިންނެވެ. ނަމަވެސް އެ ފިލްމު ރިލީޒް ނުވެ އުޅެނިކޮށް އާމިރު މިވަނީ އިތުރު ފިލްމެއްގެ މަސައްކަތް ފަށައިފައެވެ.
އާމިރު އަހަރަކު އެންމެ ފިލްމެއްގެ މަސައްކަތް ކުރާތާ މިހާރު 10 ވަރަކަށް އަހަރު ވެއްޖެއެވެ. ނަމަވެސް މި އަހަރު ދެ ފިލްމުގެ މަސައްކަތް ކުރުމުން ގިނަ ބަޔަކު އަންނަނީ 10 އަހަރަށް ފަހު، އާމިރު ގެންގުޅޭ އުސޫލު ބަދަލު ކުރީތޯ ސުވާލު އުފައްދަމުންނެވެ.
މިދިޔަ އަންގާރަ ދުވަހު އާމިރު މަސައްކަތް ފަށާފައި ވަނީ އަދްވައިތު ޗަންދަން ޑައިރެކްޓު ކުރާ "ސީކްރެޓް ސުޕަރސްޓާ" ގެ މަސައްކަތެވެ. ޗަންދަން އަކީ އާމިރުގެ ކުރީގެ މެނޭޖަރެވެ. އަދި "ސީކްރެޓް ސުޕަސްޓަރ" އަކީ އޭނާގެ ފުރަތަމަ ޑައިރެކްޝަނެވެ.
އެ ފިލްމުގައި އާމިރު ފެނިގެންދާނީ ވަރަށް ކުޑަ ނަމަވެސް ވަރަށް މުހިންމު ރޯލަކުންނެވެ. ޚަބަރުތައް ބުނާ ގޮތުން އެ ފިލްމުގައި އާމިރު އަދާކުރާނީ މިޔުޒިކް ޓީޗަރެއްގެ ރޯލެވެ. "ސީކްރެޓް ސުޕަސްޓަރ" އަކީ ލަވަކިޔުމަށް ޝައުގުވެރިކަން ހުންނަ ކުޑަ ކުއްޖެއްގެ ހަޔާތުގެ މައްޗަށް ބިނާކޮށް އުފައްދާ ފިލްމެކެވެ.
"ސީކްރެޓް ސުޕަސްޓަރ" ގެ މަސައްކަތް ނިންމާލުމަށް ފަހު "ޑަންގާލް" ގެ ފަހުގެ މަސައްކަތްތައް އާމިރު ފަށާނެއެވެ. "ޑަންގާލް" ރިލީޒް ކުރުމަށް ހަމަޖެހިފައި ވަނީ ޑިސެމްބަރު މަހުގެ 23 ވަނަ ދުވަހުއެވެ.
"ސީކްރެޓް ސުޕަސްޓަރ" ރިލީޒް ކުރާނީ 2017 ވަނަ އަހަރުއެވެ.