އޭޝިއަން ކަޕް ކޮލިފިކޭޝަން ޕްލޭ އޮފްގައި ލާއޯސްއާ ދެކޮޅަށް ރާއްޖޭގެ ގައުމީ ފުޓްބޯޅަ ޓީމު ކުޅޭ މެޗުގެ ޓިކެޓް މިއަދު ވިއްކަން ފަށާނޭކަމަށް އެފްއޭއެމުން ބުނެފިއެވެ.

އެފްއޭއެމްގެ ޖެނެރަލް ސެކްރެޓަރީ ބައްސާމް އަދީލް ޖަލީލް މިއަދު ސަންއަށް ވިދާޅުވީ "ޓިކެޓް ވިއްކަން ފަށާނީ މިއަދު ހަވީރު 4:00 އިން ފެށިގެން" ކަމަށެވެ.

ގައުމީ ފުޓްބޯޅަ ދަނޑުގެ ޓިކެޓް ކައުންޓަރުން މިއަދު ހަވީރު ޓިކެޓް ވިއްކަން ފަށާއިރު، ލާއޯސް މެޗަށް 6300 ޓިކެޓް ވިއްކަން ހަމަޖެހިފައިވާ ކަމަށް ބައްސާމް ވިދާޅުވިއެވެ.

"ޓިކެޓްތަކުގެ އަގުތައް ހުންނާނީ 50 ރުފިޔާ، 100 ރުފިޔާ އަދި 150 ރުފިޔާއަށް،" ބައްސާމް ވިދާޅުވިއެވެ.

ކުރިއަށް އޮތް މެޗަކީ ގައުމީ ޓީމަށް ވަރަށް މުހިއްމު މެޗެއްކަން ފާހަގަކުރައްވައި ބައްސާމް ވިދާޅުވީ، ގައުމީ ޓީމަށް ސަޕޯޓުކުރުމަށް ވީހާވެސް ގިނަ ބަޔަކު ދަނޑަށް ވަނުމަށް ދިވެހި ސަޕޯޓަރުންގެ ކިބައިން އެދިލައްވާ ކަމަށެވެ.

އޭއެފްސީ އޭޝިއަން ކަޕް 2019 ކޮލިފިކޭޝަންގެ ޕްލޭ އޯފްގައި ލާއޯސްއާ ދެކޮޅަށް ރާއްޖެ ކުޅޭ ފުރަތަމަ ލެގްގެ މެޗު ކުޅުމަށް ހަމަޖެހިފައި ވަނީ، އަންގާރަ ދުވަހު މާލޭގައެވެ. އަދި ދެވަނަ ލެގު މެޗު ކުޅުމަށް ހަމަޖެހިފައިވަނީ އޮކްޓޯބަރު މަހުގެ 11 ވަނަ ދުވަހު ލާއޯސްގައެވެ.