01 Jun 2011, 16:00
އެންމެ ޕްރޮފެޝަނަލްކޮށް، އެންމެ ފުޅާ ދާއިރާއެއްގައި ހަށިވިއްކުމުގެ ވިޔަފާރި ކުރަނީ ބެންކޮކުގައި އެހެން ނޫން ހެއްވެ؟ އެސްކޯޓް ސާވިސް އާއި ބޭނުން އަންހެން ކުއްޖަކު ހިޔާރު ކުރުމާއި ބޭނުން އުމުރެއްގެ ކުއްޖަކު އެތަނުން ލިބޭ ނޫން ހެއްޔެވެ؟ އެ ފެންވަރުގައި ނޫނަސް، ބެންކޮކާ ދާދި އެއްގޮތަށް ރާއްޖޭގައި ވެސް މިހާރު ހަށިވިއްކަމުންދެ އެވެ. ގަބޫލު ކުރާށެވެ!
ސަން އޮންލައިންގެ ޓީމުން ހިންގި އިންވެސްޓިގޭޝަންގައި ރާއްޖޭގައި އެކި ކަހަލަ ސިއްހީ ޚިދުމަތްދޭ ތަންތަނުގެ ނަމުގައި ހިންގާ މަސާޖް ޕާލާތަކުގެ ހަގީގަތް ވަނީ ހޯދާފަ އެވެ. މީގެ ކުރިން ވެސް ނޫސްވެރިން އެތަންތަނުގެ ހަގީގަތް ފަޅައި އަރުވާލުމުން ފާޑަކަށް ހުއްޓިފައި އޮވެފައި މިހާރު ވަނީ ކަމުގެ ދަރަޖަ މައްޗަށް ޖައްސައި ބެންކޮކް ފެންވަރަށް، ހަށިވިއްކުން ތަރައްގީކޮށްފަ އެވެ. މަސާޖް ޕާލާތަކުގެ ނަމުގައި ހަށި ވިއްކާ ނާސިގެތައް މާލޭގައި އަނެއްކާ ވެސް ފުޅާ ދާއިރާއެއްގައި ހިންގަ އެވެ.
މެނޫ ބަލައިގެން، އަދި އެތުރިގެން ތިބޭ ނާސި އަންހެން ކުދިން ބަލައިގެން ބޭނުން ކުއްޖަކު މިހާރު ރާއްޖޭގެ ނާސިގެ ތަކުގައިވެސް އިހްތިޔާރު ކުރެވެ އެވެ. ބޭނުމިއްޔާ ދޮން ކުއްޖެއް، ބޭނުމިއްޔާ ހަމުގެ ކުލަ ކަޅު ކުއްޖެއް ނެގިދާނެ އެވެ. ދިވެހި ކުއްޖަކުވެސް ނެގިދާނެ އެވެ.
ހަމަ މި ކުދިން މާލޭގެ ގޭގެއަށް ގޮސް ބޭނުން ކަމެއް ބޭނުން ގޮތަކަށް ކޮށްދެ އެވެ. އެއް ފަހަރާ ގިނަ ބަޔަކާއެކު ޖިންސީ ގުޅުން ހިންގިދާނެ އެވެ. ހަމައެކަނި ބޭނުން ވަނީ ފައިސާ އެވެ.
މަސާޖު ޕާލާތައް ހިންގަނީ 15،000ރ.، 25،000ރ. ގެ ބޮޑެތި އެޕާޓްމަންޓްތައް ކުއްޔަށް ހިފައިގެނެވެ. ހެނދުނު މަސާޖް ޕާލާތައް ހުޅުވާ ވަގުތުން ފެށިގެން މެދުކެނޑުމެއް ނެތި ކަސްޓަމަރުން ވަދެ އެވެ.
"މިއަދު އަހަންނަށް ލިބުނީ ފަސް ކަސްޓަމަރުން އެކަމަކު ކޮންމެ ދުވަހަކުވެސް ގިނަ ބަޔަކަށް ހިދުމަތްދެން. ވަރަށް ގިނަ ކަސްޓަމަރުން މެނޭ ބެލުމަށް ފަހު އަހަރެން ނަގާ." އަހަރެމެންގެ މިޝަންގައި ނުކުތް އެއް ނޫސްވެރިޔަކާއެކު ވަގުތު ހޭދަކުރި ތައި އަންހެން ކުއްޖާ ކިޔައިދީފައި ވެއެވެ.
އަހަރެމެން މި މިޝަން ރާވަމުން ދިޔައިރު ޕްލޭން ކުރެހުމުގައި ބައިވެރިވި، އާދަވެ މަސާޖް ޕާލަތަކަށް ގޮސް ތަފާތު ތަޖުރިބާ ކުރައްވާފައިވާ މާލޭގެ މަޝްހޫރު ބޭފުޅަކު ވިދާޅުވީ މާލޭގެ ވަރަށް ގިނަ މަސާޖް ޕާލަތަކަކީ އިންޓަނޭޝަނަލް ފެންވަރުގައި ހިންގާ ތަންތަން ކަމަށެވެ.
"ބޮޑެތި މީހުންނަށް، އަދި ވެރިން ފެންވަރު މީހުންނަށް ހާއްސަ ޖިންސީ ހިދުމަތް ވަރަށް ބޮޑަށް ވަނީ ތަރައްގީކޮށްފައި. މިއިން ކޮންމެ ތަނެއްގައިވެސް އެފެންވަރުގެ މީހުންނަށް ހާއްސަ ގަޑިތަކާއި ކުދިން ތިބޭ. އެކުދިން އެމީހުން ބޭނުންވާ އެޕާޓްމަންޓްތަކަށް ފޮނުވައިދޭ." އޭނާ ވިދާޅުވި އެވެ. "މީގެ ކުރިން ނޫސްވެރިން މިކަމަށް ނުކުތް އިރު އަންހެން ކުދިން އަތުރާފައެއް ނުތިބޭ. ސިޓިން ރޫމުން އައިސް އަތަކު ނުހިފާ. އެކަމަކު މިހާރު މިކަން މިދަނީ އެންމެ މަތީ ފެންވަރުގައި،"
އަހަރެމެންގެ މިޝަންގައި މިކަންކަން ހުރީ އެބޭފުޅާވެސް ކިޔައިދިން ގޮތަށެވެ. ހީވާ ގޮތުން މިއީ އެއް ދުވަހުން ދެ ދުވަހުން ވީ ކަމެއް ނޫނެވެ. މިއީ ގުޅިފައިވާ ރިންގް ނެޓްވޯކަކުން ކުރާ ކަމެކޭވެސް ހީވެ އެވެ. އެހެން ހީވާ ސަބަބަކީ އަހަރެމެން ނާސި ކުދިންނާ ވާހަކަ ދެއްކި އިރު އަހަރެމެން ދިޔަ ހުރިހާ ތަނަކާ އެމީހުން ގުޅިފައިވާކަން އެނގޭތީ އެވެ.