ހުޅުމާލޭގައި ރޭ ހިނގި އެކްސިޑެންޓުގައި ޒަހަމްވި ފާތުމަތު ޝިއުނާ،28، މަރުވީ ހަށިގަނޑުގެ އެކި ތަންތަން ބިންދައިގެން ދިޔުމުގެ ސަބަބުން ކަމަށާއި އެސައިކަލު ދުއްވަން އިން މުހައްމަދު ޝާހިދު، 35، ގެ ހާލު މިހާރު ރަނގަޅު ކަމަށް އިންދިރާ ގާނދީ މެމޯރިއަލް ހޮސްޕިޓަލް (އައިޖީއެމްއެޗް) އިން ބުނެފިއެވެ.

އައިޖީއެމްއެޗްގެ މީޑިއާ އޮފިޝަލް ޒީނަތު އަލީ ހަބީބު މިއަދު ސަން އަށް ވިދާޅުވީ ޝިއުނާ ރޭ އެހޮސްޕިޓަލަށް ގެންދިޔައިރު ވެސް ވަރަށް ހާލު ބޮޑު ކަމަށެވެ. ޝިއުނާގެ ދަތްދޮޅީގެ އިތުރުން ކަނދުރާއާއި ކަނާތު ފައި ބިންދިފައިވާ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

ޝިއުނާ މިއަދު ހެނދުނު މަރުވީ އެކްސިޑެންޓްވެ ހޭނެތުނުފަހުން ހޭނާރާ އޮށްވައެވެ.

ޝިއުނާ އިން ސައިކަލް ދުއްވި ގާނޫނީ ވަކީލެއްކަމަށްވާ ޝާހިދުއަށް އައިޖީއެމްއެޗްގައި ފަރުވާ ދެމުންދާއިރު ޒީނަތު ވިދާޅުވީ އޭނާގެ ހާލު ރަނގަޅު ކަމަށެވެ. ގައިގެ ތަންތަން މަށައިގެން ދިއުން ފިޔަވައި މާބޮޑު އަނިޔާއެއް ނުވާ ކަމަށް އޭނާ ވިދާޅުވިއެވެ.

އެކްސިޑެންޓް ހިނގާފައިވަނީ ރޭ 11:35 ކަންހާއިރު ނިރޮޅު މަގުން ދުއްވާފައިދިޔަ ސައިކަލެއްގައި ފަހަތުން އައި ކާރެއް ޖެހިގެންނެވެ.

މަރުވި ޝިއުނާ އަކީ މީގެ ކުރިން ކައިވެންޏެއްކޮށްފައިވާ މީހެކެވެ. ހަތް އަހަރުގެ ފިރިހެން ކުއްޖަކުވެސް އޭނާގެ ހުރެއެވެ. ޝިއުނާ މާލެއައީ އޭނާގެ މަންމައާއި ދައްތަ ހައްޖަށް ފޮނުވާފައި ދައްތަގެ ކުދިން ބެލުމަށެވެ.

އެ އެކްސިޑެންޓާ ގުޅިގެން އަދި މީހަކު ހައްޔަރުކޮށްފައި ނުވި ނަމަވެސް އެމައްސަލަ ވަރަށް ސީރިއަސްކޮށް ބަލަމުން އަންނަ ކަމަށް ފުލުހުން ބުނެއެވެ.