"ޢާޝިގީ 3" އަކީ މިހާރު ދިގު އިންތިޒާރަކާއި ބޮޑު އުންމީދުތަކެއް ކުރެވޭ ފިލްމެކެވެ. ނަމަވެސް މިހާތަނަށް އައި އިރުވެސް ފިލްމުގެ މެއިން ކާސްޓު ވެސް އަދި ޔަގީންވާ ގޮތެއް ނުވެއެވެ.

މީގެ ފަސް ވަރަކަށް މަސް ކުރިން ފިލްމުގެ ކޯޕްރޮޑިއުސަރު މުކޭޝް ބަޓް ވަނީ ފިލްމުން ފެނިގެންދާނީ ބޮލީވުޑްގައި މިހާރު އެންމެ ބޮޑު ކުރިއެރުމެއް ހޯދަމުން ޖޯޑު އާލިއާ ބަޓް އަދި ސިދާރްތު މަލޯތުރާ ކަމަށް ބުނެފައެވެ. އަދި ސިދާރްތު ވެސް ވަނީ އެކަން ކަށަވަރުކޮށްދީފައެވެ.

ނަމަވެސް އެ ދެ ތަރިން ފިލްމަށް ސޮއި ނުކުރާ ކަމަށާއި، އަދި ފިލްމަށް ސޮއި ކުރަން ކައިރި ވެސް ނުވާ ކަމަށް ފިލްމުގެ ޕްރޮޑިއުސަރު މަހޭޝް ބަޓް މިވަނީ ދާދި ފަހުން ބުނެފައެވެ.

"އަދި އެއްވެސް ކަމެއް ޔަގީނެއް ނޫން. އެހެންވީމަ އާލިއާ އާއި ސިދާރްތު އަކީ ފިލްމުގެ ބައެއް ކަމަށް ބުނުމަކީ ގޯހެއް،" މަހޭޝް ބުނެފައިވެއެވެ.

ފިލްމުގެ ކާސްޓުގެ އިތުރުން، ފިލްމުގެ ވާހަކަ އާއި އެހެނިހެން ކަންކަން ވެސް އަދި ނިމިފައި ނުވާކަމަށް މަހޭޝް ވަނީ ބުނެފައެވެ. މަހޭޝް ބުނީ ފިލްމުގެ ތިން ވަނަ ބައެއް ހެދުމަށް ނިންމާފައި ވީނަމަވެސް، އިތުރު ކަމެއް އަދި ނިމިފައި ނުވާ ކަމަށެވެ.

ނަވާރަސަތޭކަ ނުވަދިހަ ވަނަ އަހަރު ރާހުލް ރޯއި އަދި އަނޫ އަގަރްވާލް އެކުގައި ފެނިގެން ދިޔަ "އާޝިގީ" އަކީ އެ އަހަރު ނުކުތް އެންމެ ކާމިޔާބު އެއް ފިލްމެވެ.

ފިލްމުގެ ދެވަނަ ބައެއް ސިނަމާތަކަށް އައީ އޭގެ 23 އަހަރު ފަހުން 2013 ވަނަ އަހަރުއެވެ. އަދިތްޔާ ރޯއި ކަޕޫރު އަދި ޝްރައްދާ ކަޕޫރު ފެނިގެންދިޔަ "އާޝިގީ 2" އަށްވެސް ބޮކްސް އޮފީހުގައި ވަނީ ބޮޑު ކާމިޔާބެއް ލިބިފައެވެ.