04 Sep 2016, 12:14
ނިއުޔޯކް(ސެޕްޓެމްބަރު 4): އެމެރިކާގެ އަލަބާމާ ސްޓޭޓުގައި ހުންނަ އެތެންސް ލައިމްސްޓޯން ޕަބްލިކް ލައިބްރަރީން ފޮތް ނެގުމަށް ފަހު، އަނބުރާ ލައިބްރަރީއަށް ފޮތް ދޭން ޖެހޭ މުއްދަތުގެ ތެރޭގައި ފޮތް ނުދީފި ނަމަ އެމީހަކަށް ޖަލު ހުކުމް އަތުވެދާނެ ކަމުގެ އިންޒާރު ލައިމްސްޓޯން ޕަބްލިކް ލައިބްރަރީން ދީފިއެވެ.
އަލަބާމާގެ މީޑިއާތަކުގައިވާ ގޮތުން އެ ލައިބްރަރީން އެކި މީހުން ނަގާފައިވާ 200،000 ޑޮލަރުގެ އަގު ހުރި ފޮތްތައް އަނބުރާ ހޯދުމުގެ ގޮތުން އެ ލައިބްރަރީން އަމަލު ކުރަން ފަށާނެ އާ ގަވާއިދުތަކުގެ ތެރޭގައި، ފޮތް ނެގުމަށް ފަހު ލައިބްރަރީއާ ހަވާލުކުރަން ޖެހޭ މުއްދަތުގައި އެކަން ނުކޮށްފި ނަމަ، ފޮތް ނެގި މީހަކު 100 ޑޮލަރުން ޖޫރިމަނާ ކުރުމާއި 30 ދުވަހަަށް ޖަލު ހުކުމް ކުރުން ހިމެނެއެވެ.
އެތެންސް ލައިމްސްޓޯން ލައިބްރަރީގެ ޑިރެކްޓަރު ޕައުލާ ލައުރިޓާ ވިދާޅުވި ގޮތުގައި އެފަދަ ހަރުކަށި ގަވާއިދުތައް ހަދަން ޖެހުނީ ގިނަ ބަޔަކު ލައިބްރަރީންނާއި ޓެކްސް ދައްކާ މީހުންގެ އަތުން 'ވައްކަން ކުރަމުން' ދިޔުމުގެ ސަބަބުންނެވެ.
އާ ގަވާއިދުތަކުގެ ދަށުން ފޮތް އަނބުރާ ދޭންވީ ދުވަސް ޖެހުމުން ފޮތް ނެގިމީހާ އަށް އެކަން މެސެޖެއް ނުވަތަ އީމެއިލްގެ ޒަރިއްޔާއިން ހަނދާންކޮށްދެވޭނެއެވެ. އެއަށް ފަހު ފޮތް އަނބުރާ ނުދީފި ނަމަ، 10 ދުވަސް ތެރޭގައި ފޮތް އަނބުރާ ދިނުމަށާއި ޖޫރިމަނާ ދެއްކުމަށް ބުނެ ސިޓީއެއް ފޮނުވާނެއެވެ.
އަދި އެސިޓީގައިވާ ގޮތަށް އަމަލު ނުކޮށްފި ނަމަ އެމައްސަލަ ބަލަން ކޯޓަށް ހާޒިރުވާން ޗިޓު ފޮނުވޭނެއެވެ. ދެން ކޯޓަށް ހާޒިރު ނުވެއްޖެ ނަމަ އެމީހެއްގެ ޖޫރިމަނާ އިތުރުކޮށް ޖަލު ހުކުމް ކުރުމަކީ އެކަށީގެންވާ ކަމެކެވެ.
ލައުރިޓާ ވިދާޅުވި ގޮތުގައި އެ ގަވާއިދުތަކަކީ ހަމައެކަނި ބޮޑެތި މީހުންނަށް ހާއްސަކޮށްފައިވާ ގަވާއިދުތަކެކެވެ. (ގާޑިއަން)