ރާއްޖެއާ ބެހޭ ގޮތުން އަލްޖަޒީރާ އިންވެސްޓިގޭޝަނުން ތައްޔާރުކޮށްފައިވާ "ސްޓީލިންގް ޕެރަޑައިސް" ޑޮކިއުމެންޓްރީ މިއަދު ފަހެއް ޖަހާއިރު ދައްކާ ކަމަށް ބުނެ އެއްވެސް މެސެޖެއް މީޑިއާ ނެޓްގެ ފަރާތުން ނުކުރާ ކަމަށް އެފަރާތުން ބުނެފި އެވެ.

ސްޓީލިންގް ޕެރަޑައިސް ޑޮކިއުމެންޓްރީ މިއަދު ރާއްޖެ ގަޑިން 5:30ގައި ދައްކާ ކަމަށް ބުނެ ނަމްބަރަކުން ދަނީ ފޯނުތަކަށް މެސެޖް ކުރަމުންނެވެ. މީޑިއާ ނެޓްގެ ކަސްޓަމަ ރިލޭޝަންސް މެނޭޖަރު ޕީއާރު ސިމާނާ އިސްމާއިލް 'ސަން' އަށް ވިދާޅުވީ އެއީ މީޑިއާ ނެޓުން ފޮނުވާ މެސެޖެއް ނޫން ކަމަށެވެ.

ސިމާނާ ވިދާޅުވީ މީޑިއާ ނެޓަށް ލިބިފައިވާ އަލްޖަޒީރާގެ އިލެކްޓްރޯނިކް ޕްރޮގްރާމް ގައިޑް (އީޕީޖީ) އަކު ސްޓީލިންގް ޕެރަޑައިސްގެ ނަމުގައި އެއްވެސް ޑޮކިއުމެންޓްރީއެއް މިއަދު ދައްކާ ކަމަށް ނެތް ކަމަށެވެ. އަދި އީޕީޖީ ނެތް އެއްވެސް ޕްރޮގްރާމެއް ނުދައްކާނެ ކަމަށާއި އެއީ މީޑިއާ ނެޓުގެ ބާރުގެ ދަށުގައި އޮތް ކަމެއް ނޫން ކަމަށް ސިމާނާ ވިދާޅުވި އެވެ.

މިއަދު 5:30ގައި ސްޓީލިންގް ޕެރެޑައިސް ދައްކާ ކަމަށް ބުނެ މެސެޖް ކުރަމުންދަނީ މީޑިއާ ނެޓުގެ އަގުވައްޓާލަން ކަމަށް ސިމާނާ ވަނީ ވިދާޅުވެފަ އެވެ.

އެ މެސެޖުގައި އެހެން ބުނެފައިވީ ނަމަވެސް އަލް ޖަޒީރާގެ ޓީވީ ޝެޑިއުލްގައި ސްޓީލިންގް ޕެރަޑައިސް ދައްކާ ކަމަށް ބުނެފައި ވަނީ މި މަހުގެ ހަތް ވަނަ ދުވަހުގެ 5:00 ގަ އެވެ.

ސްޓީލިންގް ޕެރެޑައިސްއަކީ ރާއްޖޭގައި ހިނގާފައިވާ ކޮރަޕްޝަންގެ އަމަލުތަކާ ބެހޭ ގޮތުން އަލް ޖަޒީރާ އިން ތައްޔާރުކޮށްފައިވާ އިންވެސްޓިގޭޓިވް ރިޕޯޓެކެވެ. ސްޓީލިންގް ޕެރަޑައިސްގެ ދެ ޓްރެއިލާއެއް އަލްޖަޒީރާ އިން ވަނީ މިހާތަނަށް އާންމުކޮށްފަ އެވެ.