04 Sep 2016, 11:26
ކޮމަންވެލްތުން ރާއްޖެއަށް ކަނޑައެޅުއްވި ޚާއްސަ މަންދޫބު ޑރ. ވިލީ މުޓުންގާ، މަންދޫބުގެ ގޮތުގައި ރާއްޖެއަށް ދެވަނަ ޒިޔާރަތެއް ކުރައްވަމުން އެބަ ގެންދަވައެވެ.
ޑރ. ވިލީ މުޓުންގާ އެންމެ ފުރަތަމަ ރާއްޖެ ވަޑައިގަތީ މިދިޔަ ޖުލައި މަހުގެ 31 ވަނަ ދުވަހުއެވެ. އަދި ރާއްޖޭގެ ސަރުކާރާއި ސިޔާސީ ބައެއް ފަރާތްތަކާ ބައްދަލުކުރެއްވުމަށްފަހު އެމަނިކުފާނު ވަނީ ފުރާ ވަޑައިގެންފައެވެ.
"ސަން" އަށް އެނގިފައިވާ ގޮތުގައި، ޑރ. މުޓުންގާ ރާއްޖެ ވަޑައިގެންފައިވަނީ އިއްޔެއެވެ. އަދި މިހަފްތާގެ ހުކުރު ދުވަހުގެ ނިޔަލަށް އޭނާ ރާއްޖޭގައި ދުވަސް ހޭދަ ކުރައްވާނެ ކަން އެނގިފައިވެއެވެ.
ޑރ. މުޓުންގާ ރާއްޖެ ވަޑައިގެންނެވިކަން ފޮރިން މިނިސްޓްރީން ހާމަކޮށްފައި ނުވި ނަމަވެސް، ފޮރިން މިނިސްޓަރ ޑރ. މުހައްމަދު އާސިމްގެ އަރިހަށް ޑރ. މުޓުންގާ މިއަދު ޒިޔާރަތް ކުރެއްވިކަމަށް މިނިސްޓްރީން ބުނެފައިވެއެވެ.
ޑރ. މުޓުންގާ ރާއްޖެއަށް ކުރެއްވި ފުރަތަމަ ދަތުރުފުޅަށް ފަހު އެމަނިކުފާނު ޓްވީޓު ކުރައްވައި ވިދާޅުވީ، ރާއްޖެއިން ފާހަގަވި އެންމެ މައިގަނޑު ތިން ކަންތަކަކީ ރާއްޖޭގެ ރަށްތަކުގެ ރީތިކަމާއި، މެލޭރިއާ ނައްތާލާފައިވާ ކަމާއި އަދި ރިޔާސީ މޮޓޯކޭޑުގައި ހިމެނޭ އުޅަނދުތަކުގެ މަދުކަން ކަމަށެވެ.
އަދި އޭނާ ކުރައްވާފައިވާ އިތުރު ޓުވީޓެއްގައި ވިދާޅުވެފައި ވަނީ އޭނާ ރާއްޖޭގައި ހޭދަ ކުރެއްވީ އެންމެ ހަތަރު ދުވަސް ކަމަށާއި އޭނާއަަށް ރައީސްގެ މޮޓޯކޭޑް ފެނިފައި ވަނީ އެންމެ ފަހަރަކު ކަމަށެވެ.
މުޓުންގާގެ މި އޮބްޒަވޭޝަންތަކާ ގުޅިގެން ގިނަ ބަޔަކު ވަނީ މުޓުންގާއަށް ފާޑު ކިޔައިފައެވެ. އެގޮތުން، ރާއްޖޭގައި ސިޔާސީ ހަލަބޮލިކަން އިންތިހާއަށް އޮތް އިރުވެސް މުޓުންގާގެ ސަމާލުކަމަށް އައީ މޮޓޯކޭޑް ތޯ ބުނެ، ސުވާލު އުފައްދާފައިވެއެވެ.