ބިރުދެއްކުމުގެ ކުށް ސާބިތުވި މީހަކު ހަ މަސް ދުވަހުގެ މުއްދަތަށް ޖަލަށްލުމަށް އައްޑޫ ސިޓީގެ ފޭދޫ މެޖިސްޓްރޭޓް ކޯޓުން ޙުކުމްކޮށްފި އެވެ.

ބިރުދެއްކުމުގެ ކުށް ސާބިތުވުމާ ގުޅިގެން ޙުކުމްކޮށްފައި ވަނީ ސ. ފޭދޫ، ރަތްކެލާގެ، އަޙްމަދު އަރީޝް (28އ)ގެ މައްޗަށް ކަމަށް ފުލުހުން މިއަދު އާންމު ކުރި ބަޔާނެއްގައި ބުންޏެވެ.

އަޙްމަދު އަރީޝްގެ މައްޗަށް ބިރުދެއްކުމުގެ ކުށުގެ ދަޢުވާ އުފުލާފައި ވަނީ 2014 ޖޫން 18 ވަނަ ދުވަހު ސ. ގަން ޕޮލިސް ސްޓޭޝަނުން ބެލި މައްސަލައަކާ ގުޅިގެން އައްޑޫ ސިޓީ ޕޮލިސް ކަސްޓޯޑިއަލް އަށް ހާޒިރުކޮށްފައި ހުއްޓައި ފުލުހަކާ ދެމެދު ހިނގި ހަމަނުޖެހުމެއްގައި އެ ފުލުސް މީހާ މަރާލާނެ ކަމަށް ބުނެ އިންޒާރު ދިން މައްސަލައަކާ ގުޅިގެން ކަމަށް ފުލުހުން ބުންޏެވެ.

އެ ދަޢުވާ ބެލުމަށް ފަހު އައްޑޫ ސިޓީގެ ފޭދޫ މެޖިސްޓްރޭޓް ކޯޓުން ކޮށްފައިވާ ޙުކުމްގައި ބުނަނީ ދަޢުލަތުން އަޙްމަދު އަރީޝްގެ މައްޗަށް ކޮށްފައިވާ ދަޢުވާއަށް އިންކާރު ކޮށްފައިވީ ނަމަވެސް ހެކީންގެ ހެކިބަހުން އަޙްމަދު އަރީޝްގެ މައްޗަށް ބިރު ދެއްކުމުގެ ކުށް ޝަރީޢަތަށް ސާބިތުވާ ކަމަށެވެ. އަދި މި ކުށުގެ އުޤޫބާތެއްގެ ގޮތުން އަޙްމަދު އަރީޝް ހަ މަސް ދުވަހުގެ މުއްދަތަށް ޖަލަށްލުމަށް ޙުކުމްކޮށް ގަޒިއްޔާ ނިންމައި ޙުކުމް ކުރީ ކަމަށެވެ.