ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) އިން އިންތިޒާމްކޮށްގެން ކުރިއަށްގެންދާ ޔޫތު ޗެމްޕިއަންޝިޕް ފުޓްބޯޅަ މުބާރާތުގައި ނިއު ރޭޑިއަންޓް ސްޕޯޓްސް ކްލަބު އަތުން މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަން ކްލަބު މޮޅުވެއްޖެ އެވެ.

ހެންވޭރު ދަނޑުގައި އިއްޔެ ހަވީރު ކުޅުނު މެޗުގައި ނިއު ރޭޑިއަންޓްގެ މައްޗަށް މާޒިޔާ އިން ކުރި ހޯދާފައިވަނީ 3-1 ލަނޑުގެ ނަތީޖާއަކުންނެވެ. އެ މުބާރާތުގައި މާޒިޔާ ކުޅުނު ތިން މެޗުން ހަ ޕޮއިންޓް ހޯދާފައިވާ އިރު، އިއްޔެގެ މެޗުން ބަލިވި ނިއު އަށް ތިން މެޗުން ލިބިފައިވަނީ ދެ ޕޮއިންޓެވެ.

ޔޫތު ޗެމްޕިއަންޝިޕްގައި މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަން ކްލަބާއި ނިއު ރޭޑިއަންޓް ސްޕޯޓްސް ކްލަބު ބައްދަލުކުރި މެޗުގެ ތެރެއިން: އެ މެޗުން މާޒިޔާ މޮޅުވެފައިވަނީ 3-1 ލަނޑުން --- ފޮޓޯ: މާޒިޔާ

އެ މެޗުގެ ފުރަތަމަ ހާފު ނިމުމުގެ ކުރިން މާޒިޔާ އިން ވަނީ ލަނޑެއް ޖަހައި ލީޑު ހޯދައިފައެވެ. މެޗުގެ 37 ވަނަ މިނެޓުގައި މާޒިޔާއަށް އެ ލަނޑު ކާމިޔާބުކޮށްދިނީ އިބްރާހިމް ހަސީބު އެވެ.

މެޗުގެ 63 ވަނަ މިނެޓުގައި އަބްދުﷲ ޝާފިއު މާޒިޔާއަށް ލީޑު ފުޅާކޮށްދިން ނަމަވެސް، މެޗުގެ 75 ވަނަ މިނެޓުގައި އަލީ ޝާމިއު ވަނީ ނިއުއަށް ލީޑު ހަނިކޮށްދީފައެވެ. މެޗުގެ 84 ވަނަ މިނެޓުގައި މާޒިޔާއަށް އަލުން ލީޑު ފުޅާކޮށްދިނީ މުހައްމަދު އިންޝާލް އެވެ.

އެ މުބާރާތުގައި މެޗެއް ދެން ކުޅުމަށް ހަމަޖެހިފައިވަނީ މާދަމާ އެވެ. މާދަމާ ހަވީރު ކުޅޭ އެ މެޗުގައި ބައްދަލުކުރާނީ ޔުނައިޓެޑް ވިކްޓަރީ އާއި ކްލަބު އީގަލްސް އެވެ.

ޔޫތު ޗެމްޕިއަންޝިޕްގައި މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަން ކްލަބާއި ނިއު ރޭޑިއަންޓް ސްޕޯޓްސް ކްލަބު ބައްދަލުކުރި މެޗުގެ ތެރެއިން: އެ މެޗުން މާޒިޔާ މޮޅުވެފައިވަނީ 3-1 ލަނޑުން --- ފޮޓޯ: މާޒިޔާ

އެފްއޭއެމުން 21 އަހަރުން ދަށުގެ ޓީމުތަކަށް އަމާޒުކޮށްގެން ބާއްވާ އެ މުބާރާތް މި އަހަރު އަލުން ފަށާފައި ވަނީ އެއް އަހަރު ދުވަހުގެ މެދުކެނޑުމަކަށްފަހު އެވެ. ޔޫތު ޗެމްޕިއަންޝިޕް 2011 ވަނަ އަހަރުން ފެށިގެން 2014 ވަނަ އަހަރުގެ ނިޔަލަށް މެދުކެނޑުމެއް ނެތި ބާއްވަމުންދިޔައެވެ. އެ މުބާރާތް 2014 ވަނަ އަހަރު ކާމިޔާބުކޮށްފައިވަނީ ކްލަބު އީގަލްސް އެވެ.

ޔޫތު ޗެމްޕިއަންޝިޕްގައި މި އަހަރު އަށް ޓީމު ވާދަކުރެއެވެ. އެއީ ވިކްޓަރީ ސްޕޯޓްސް ކްލަބާއި، ނިއު ރޭޑިއަންޓް ސްޕޯޓްސް ކްލަބާއި، ޔުނައިޓެޑް ވިކްޓަރީ އާއި، ކްލަބު ވެލެންސިއާ އާއި، މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަން ކްލަބާއި، ބީޖީ ސްޕޯޓްސް އާއި، ޓީސީ ސްޕޯޓްސް ކްލަބު އަދި ކްލަބު އީގަލްސް އެވެ.

ޔޫތު ޗެމްޕިއަންޝިޕްގައި މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަން ކްލަބާއި ނިއު ރޭޑިއަންޓް ސްޕޯޓްސް ކްލަބު ބައްދަލުކުރި މެޗުގެ ތެރެއިން: އެ މެޗުން މާޒިޔާ މޮޅުވެފައިވަނީ 3-1 ލަނޑުން --- ފޮޓޯ: މާޒިޔާ

މުބާރާތުގެ ލީގު ބުރުގެ މެޗުތައް ހެންވޭރު ދަނޑުގައި ކުޅުމަށް ހަމަޖެހިފައިވާ އިރު، ސެމީ ފައިނަލާއި ފައިނަލް މެޗު ކުޅުމަށް ހަމަޖެހިފައި ވަނީ ގައުމީ ފުޓްބޯޅަ ދަނޑުގައެވެ. ސެމީގެ ފުރަތަމަ މެޗުގައި ލީގު ބުރުގެ އެއްވަނަ އަދި ދެވަނަ ޓީމު ވާދަކުރާ އިރު، އެ މެޗުން މޮޅުވާ ޓީމަކަށް ފައިނަލުގެ ޖާގައެއް ލިބޭނެއެވެ. ސެމީގެ ދެވަނަ މެޗުގައި ބައްދަލުކުރާނީ ލީގު ބުރުގެ ތިން ވަނަ އަދި ހަތަރު ވަނަ ޓީމެވެ. އެ މެޗުން މޮޅުވާ ޓީމެއް ތިން ވަނަ ސެމީގައި ނުކުންނަން ޖެހޭނީ ފުރަތަމަ ސެމީން ބަލިވާ ޓީމަކާ ދެކޮޅަށެވެ. އަދި ތިން ވަނަ ސެމީން މޮޅުވާ ޓީމަކަށް ފައިނަލުގެ ފަހު ޖާގަ ލިބޭނެއެވެ.

ސެމީގެ ފުރަތަމަ މެޗާއި ދެ ވަނަ މެޗު މި މަހުގެ 15 ވަނަ ދުވަހު ކުޅުމަށް ހަމަޖެހިފައިވާ އިރު، ސެމީގެ ތިން ވަނަ މެޗު ކުޅުމަށް ހަމަޖެހިފައި ވަނީ މި މަހުގެ 19 ވަނަ ދުވަހު އެވެ. އަދި މުބާރާތުގެ ފައިނަލް މެޗު ކުޅުމަށް ހަމަޖެހިފައި ވަނީ މި މަހުގެ 23 ވަނަ ދުވަހު އެވެ.