01 Jun 2011, 15:44
ބިދޭސީން ގެނައުމަށް ސަރުކާރަށް ދައްކަން ޖެހޭ ޑިޕޮސިޓް ފައިސާ އާއި ވިސާ ފީ ބަލައިގަތުން އަނެއްކާ ވެސް ހިއުމަން ރިސޯސް މިނިސްޓްރީ އަށް ދައްކަން ޖެހޭ ގޮތަށް ހަމަޖައްސައިފި އެވެ.
އެކަން އިމިގްރޭޝަން ކޮންޓްރޯލާ އަބްދުﷲ ޝާހިދު ވަނީ މިއަދު ސަން އަށް ކަށަވަރުކޮށްދެއްވައިފަ އެވެ.
ޖުލައި 1، 2009 އިން ފެށިގެން އިމިގްރޭޝަނުން ބަލައިގަންނަން ފެށި ޑިޕޮސިޓް ފައިސާ އާއި ވިސާ ފީ އަނެއްކާ ވެސް ހިއުމަން ރިސޯސް މިނިސްޓްރީ އަށް ދައްކަން ޖެހޭ ގޮތަށް ހަމަޖައްސާފައި ވަނީ، މިދިޔަ ހަފުތާގައި ނެރުނު "ވަޒީފާ އަދާކުރުމަށް ދިވެހިރާއްޖެ އަށް ބިދޭސީން ގެނައުމުގެ ގަވާއިދު"ގެ ދަށުންނެވެ.
ހިއުމަން ރިސޯސް މިނިސްޓްރީން އަމިއްލައަށް އެކުލަވާލައި ނެރުނު އެ އެ ގަވައިދުގެ 15 ވަނަ މާއްދާގެ )ނ( ގައި ބުނެފައި ވަނީ "ދިވެހިރާއްޖޭގައި ވަޒީފާ އަދާކުރާ ކޮންމެ ބިދޭސީއެއްގެ ފުށުން، އެމީހަކަށް ވަޒީފާ ދީގެން އުޅޭ ފަރާތުން އެމީހަކު ވަޒީފާގައި ގެންގުޅޭ މުއްދަތުގައި، މީލާދީ ކޮންމެ މަހަކު 250ރ. ވޯކްވީޒާ ފީގެ ގޮތުގައި މިނިސްޓްރީއަށް، ނުވަތަ މިނިސްޓްރީން ކަނޑައަޅާ އިދާރާއަކަށް ދައްކަންވާނެ،" ކަމަށެވެ.
ނަމަވެސް 2009 ވަނަ އަހަރު ވީޒާ ފީ އާއި ޑިޕޮސިޓް ބަލައިގަތުން އިމިގްރޭޝަނަށް ބަދަލުކުރީ އިމިގްރޭޝަނުގެ ގާނޫނު ދަށުން އެ ފައިސާ ބަލައިގަތުމުގެ ބާރު ލިބެނީ އެ ޑިޕާޓްމަންޓަށް ކަމަށް އޭރު ހުންނެވި ކޮންޓްރޯލާ އިލްޔާސް ހުސެއިން އިބްރާހިމް ނިންމެވުމުންނެވެ. އެކަމާ ހިއުމަން ރިސޯސް މިނިސްޓްރީން ހިޔާލުތަފާތުވެ، އިމިގްރޭޝަނާ އެ މިނިސްޓްރީއާ ދެމެދު ބަހުގެ ހޫނު ހަމަލަތަކެއް ބަދަލުކުރި ނަމަވެސް، އެންމެ ފަހުން މިއަދާ ޖެހެން ދެން ވީޒާ ފީ އާއި ޑިޕޮސިޓް ބަލައިގަނަމުންދިޔައީ އިމިގްރޭޝަނުންނެވެ.
ނަމަވެސް، މި މަހުގެ 15 ވަނަ ދުވަހުން ފެށިގެން ވީޒާފީ އާއި ޑިޕޮސިޓް ފައިސާ ހިއުމަން ރިސޯސް އަށް ދައްކަން ޖެހޭ ގޮތަށް ނިންމައިފައިވާކަން ސަން އަށް ވަނީ އެނގިފަ އެވެ. އަދި އާ ގަވާއިދަށް އަމަލު ކުރުމަށް ކަނޑައަޅާފައި ވަނީ ވެސް މި މަހު 15 އިން ފެށިގެންނެވެ.
ނަމަވެސް ޝާހިދު ވިދާޅުވީ، ވީޒާ ފީ ދެއްކުމާއި ޑިޕޮސިޓް ދެއްކުމުގެ އުސޫލަށް ސަރުކާރުން ގެންނަ ބަދަލު އިއުލާންކުރަން ދެން އެ ފައިސާ ބަލައިގަންނަމުން ދާނީ އިމިގްރޭޝަނުން ކަމަށާއި އެކަމާ ބެހޭ އިތުރު ތަފްސީލު އަންނަ ހަފުތާތެރޭ ދެއްވާނެ ކަމަށެވެ.
"މިހާރު އެއް ތަނެއްގައި ބިދޭސީންގެ ކަންތައް ކުރެވޭތޯ ބަލަން ފިނޭންސާ ހިއުމަން ރިސޯސްއާ މަޝްވަރާކުރަމުންދަނީ. އަދި އޭގެ ތަފްސީލެއް ދޭން އުނދަގޫވާނެ." ޝާހިދު ވިދާޅުވި އެވެ.
ވީޒާ ފީއާއި ޑިޕޮސިޓް ފައިސާ މިހާރު ބަލައިގަންނަމުންދަނީ އަމީނީމަގުގައި ހުންނަ ކުރީގެ އަސަރީ ކެފޭ ހިންގި، އިމިގްރޭޝަންގެ އޮފީހުނެވެ.
ބިދޭސީންގެ ކަންކަން ބެލެހެއްޓުމުގެ ބައެއް މަސައްކަތްތައް 2009 ވަނަ އަހަރު އިމިގްރޭޝަން ޑިޕާޓްމެންޓާ ހަވާލުކުރި ފަހުން އެ ޑިޕާޓްމެންޓާއި ކުރިން ބިދޭސީންގެ ހުރިހާ ކަންތައްތައް ބެލެހެއްޓި ހިއުމަން ރިސޯސަސް މިނިސްޓްރީއާ ދެމެދު ހިޔާލުތަފާތުވެ، ހިނގި ކޯޅުންތަކުގައި ހިދުމަތް ދިނުމަށް ބުރޫ އަރައި ބިދޭސީން ގެންނަ އޭޖެންސީތަކަށާއި އާއްމުންނަށް އުނދަގޫތަކާ ވެސް ކުރިމަތިވި އެވެ.