ރާއްޖޭގައި އަމިއްލަ ފަރާތަކުން ހިންގާ ބައިނަލްއަގުވާމީ އެއާލައިން މެގަ މޯލްޑިވްސްގެ ފްލީޓުގައި ބޭނުންކުރާ އެއާކްރާފްޓުތަކާއި އެ އެއާލައިނުގައި މަސައްކަތްކުރާ މުވައްޒަފުންގެ އަދަދު މަދުކުރަން އެ އެއާލައިނުން ނިންމައިފިއެވެ.

ރާއްޖެއަށް އެންމެ ގިނަ އަދަދަކަށް ފަތުރުވެރިން އަންނަ ގައުމު ކަމުގައިވާ ޗައިނާއަށް ސީދާ ދަތުރުތައް ކުރާ މެގަ މޯލްޑިވްސްއިން މިދިޔަ ހަފްތާގައި ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، ޗައިނާގެ މާކެޓު މިއަހަރުގެ ޖޫން މަހާ ހަމައަށް 11 ޕަސަންޓަށް ދަށްވެފައިވާ ކަމަށާއި، އެކަމުގެ ސަބަބުން އެ އެއާލައިނަށް ލިބޭ އާމްދަނީ ވެސް މަދުވެފައިވާ ކަމަށެވެ.

މެގަ މޯލްޑިވްސްއިން ބުނީ، ޗައިނާގެ މާކެޓު ދަށްވާނެކަން މީގެ ކުރިން ވެސް އެނގިފައި އޮތް ކަމަށާއި އެކަމަށް ތައްޔާރުވުމުގެ ގޮތުން، މި އަހަރުގެ ތެރޭގައި ދުނިޔޭގެ ބައެއް ތަފާތު ހިސާބުތަކަށް އެ އެއާލައިނުގެ ދަތުރުތައް ފުޅާ ކުރުމަށް ރޭވުނު ނަމަވެސް، އެކަންކަން ވެސް މަޑުޖައްސާލަން ޖެހިފައިވާ ކަމަށެވެ.

މީގެ އިތުރުން، އެއާކްރާފްޓުތައް މެއިންޓެއިން ކުރުމަށް ދާ ޚަރަދު ބޮޑުވުމާއި ޗައިނާ މާކެޓު ދަށްވުމުގެ އިތުރުން، އާ މަންޒިލްތަކަށް ދަތުރުތައް ފެށުން މަޑުޖައްސަން ޖެހުމުގެ ސަބަބުން އެއާލައިނުގެ ފްލީޓު އާ ކުރުމުގެ މަސައްކަތް ވެސް މަޑުޖެހިފައިވާ ކަމަށް އެ އެއާލައިނުން ބުނެއެވެ.

އެ އެއާލައިނުން ބުނީ، މެގަ މޯލްޑިވްސްގައި އޮންނަ ފަސް އެއާކްރާފްޓުގެ ތެރެއިން، މިހާރުން ފެށިގެން އަންނަ އަހަރުގެ ނިޔަލަށް ބޭނުން ކުރާނީ އެންމެ ތިން އެއާކްރާފްޓު ކަމަށެވެ.

މީގެ އިތުރުން މެގަ މޯލްޑިވްސްއިން ބުނީ އެ އެއާލައިނުގެ ބައެއް މަގާމުތައް ވެސް އުވާލަން ނިންމާފައިވާ ކަމަށެވެ. އެގޮތުން، އެ އެއާލައިނުގެ 65 މަގާމެއް އުވާލައި، ހުސްވެފައިވާ 50 މަގާމަކަށް މުވައްޒަފުން ނެގުމުގެ މަސައްކަތް މަޑުޖައްސާލަން މެގައިން ނިންމާފައިވާ އިރު، މި އަހަރު ފެށުނު އިރު އެ އެއާލައިނުގައި ތިބި 400 މުވައްޒަފުންގެ އަދަދު 278 އަށް ދަށް ވާނެއެވެ.

އެހެން ނަމަވެސް، މިކަމުގެ އަސަރު ކޮށްގެން ވަކި ކުރާ މުވައްޒަފުންނަށް އެ އެއާލައިނަށް އަލުން ވަޒީފާއަށް ވަދެވޭނެ ކަމަށް އުންމީދު ކުރާ ކަމަށް މެގަ މޯލްޑިވްސްއިން ބުންޏެވެ.

"މި ހުރިހާ ކަމަކާ އެކު ވެސް، އަޅުގަނޑުމެން ދާނީ އަޅުގަނޑުމެންގެ ކުންފުނި ތަރައްގީ ކުރުމުގެ މަގުގައި ކުރިޔަށް. އޭގެ ތެރޭގައި، ދަތުރުތައް ފަށަން މީގެ ކުރިން ރޭވި މަންޒިލުތަކަށް ދަތުރުތައް ފެށުމާއި، ކުންފުންޏަށް އާމްދަނީ އިތުރު ކުރެވޭނެ ގޮތްތައް މި ދަނީ ބަލަމުން،" މެގަ މޯލްޑިވްސްއިން ބުންޏެވެ.

މިހާރު މެގަ މޯލްޑިވްސްއިން ދަތުރުކުރަނީ ހޮންގްކޮންގް، ޝަންހާއި، ބެއިޖިންގ، ކުއަލަ ލަމްޕޫރު އަދި ޓޯކްޔޯއަށް އެކަންޏެވެ.