ދިވެހި ސަރުކާރާ ގުޅޭގޮތުން އަލްޖަޒީރާއިން ދައްކަން ނިންމާފައިވާ ޑޮކިއުމެންޓްރީ އަކީ ރާއްޖޭގެ ވެރިކަން ވައްޓާލުމަށް ދިވެހީންގެ ބަޔަކު އަޑީގައި ތިބެގެން ކުރާ މަސައްކަތުގެ ފެށުން ކަމަށް ރައީސް އޮފީހުގެ މިނިސްޓަރު އަހުމަދު ޒުހޫރު ވިދާޅުވެއްޖެއެވެ.

ސަންގު ޓީވީގެ ޚަބަރަށްފަހު ޕްރޮގްރާމްގައި ރޭ ވާހަކަފުޅު ދައްކަވަމުން ޒުހޫރު ވިދާޅުވީ، އެ ޑޮކިއުމެންޓްރީން އާ ކަމެއް ފެނިދާނެ ކަމަށް ގަބޫލުނުކުރެވޭ ކަމަށެވެ.

އޭނާ ވިދާޅުވީ، އެ ޑޮކިއުމެންޓްރީގައި ހުންނާނެ ކަމަށް ބެލެވޭ ވާހަކަތަކަކީ ރާއްޖޭގެ ސިޔާސީ މަސްރަހުގައި އިދިކޮޅު ފަރާތްތަކުން ދައްކާ ވާހަކަތައް ކަމަށެވެ. އޭގެ ބޭނުމަކީ ބައިނަލްއަގުވާމީ މައިދާނުގައި ރާއްޖެ ބަދުނާމު ކުރުން ކަމަށާއި އެކަމުގެ ސަބަބުން ރާއްޖެއަށް ލިބެން އޮތް އާމްދަނީތަކަށް ހުއްޓުމެއް އަންނާނެކަން އިދިކޮޅު ފަރާތްތަކަށް އެނގޭ ކަމަށް ޒުހޫރު ވިދާޅުވިއެވެ.

"ކޮންމެ ތަނެއްގައި ވެސް ޕޮލިޓިކަލް އެންވަޔަރަންމެންޓް ބަދަލުވެއްޖެ ކަމަށް ވަންޏާ ވަރަށް ބޮޑަށް މައިކްރޯ ފެކްޓާ ތަކަށް އިފެކްޓު ކުރާނެ. އެއީ އިކޮނަމީ މި ޑިޕެންޑު ވަނީ އެތަނެއްގައި އޮންނަ ޕޮލިޓިކަލް އެންވަޔަރަންމެންޓަކަށް. ދެން ސޯޝަލް އެންވަޔަރަންމެންޓަކާ ޓެކްނޮލޮޖީގެ ތެރެއިން އަޅުގަނޑުމެން ކުރާ މަސައްކަތަކުން އިކޮނަމީ މި ބައްޓަން ވެގެން ދަނީ، އަޅުގަނޑުމެންނަށް ތަރައްގީ މި ގެނެސްދެނީ. އަޅުގަނޑުމެން ރާއްޖޭގެ އެކި ރަށްތަކަށް މި އަންނަ ތަރައްގީ މި އަންނަނީ އެފަދަ ސްޓެބިލިޓީގެ ތެރެއިން މި އަންނަ ފައިސާއިން. އެހެންވީމަ އެ ސްޓެބިލިޓީ ގެއްލުވާލައިފި ކަމަށް ވަންޏާ ފުރަތަމަ ގެއްލުން މިދެވެނީ ދިވެހި ރައްޔިތުންނަށް. ރައްޔިތާއަށް. އެހެންވީމަ ދިވެހި ރައްޔިތުން ބަނޑަށް ޖައްސުވާފަ ސަރުކާރެއް މި ވައްޓާލެވެނީ. އެހެންވީމަ މި ގަނޑެއް ގަތުމަށްޓަކައި ދިވެހީން އަޑީގައި ތިބެގެން މިކަމެއް މިކުރަނީ،" ޒުހޫރު ވިދާޅުވިއެވެ.

ޒުހޫރު ވިދާޅުވީ، އެފަދަ ވިސްނުންތަކެއްގެ މައްޗަށް ޑޮމިއުމެންޓްރީއެއް ތައްޔާރު ކުރިޔަސް "ދިވެހި ސަރުކާރަށް އެކައްޗެކޭވެސް ހީނުވާނެ" ކަމަށެވެ.

ދިވެހި ސަރުކާރު އޮތީ ވަރަށް ބަދަހިކޮށް ކަމަށާއި ފަސް އަހަރުގެ ދައުރު ހަމަވަންދެން މި ސަރުކާރު ދެމި އޮންނާނެ ކަމަށް އޭނާ ވިދާޅުވިއެވެ.

ސިއްރިއްޔާތުގައި ނަގާފައިވާ އިންޓަވިއުތަކެއް އެ ޑޮކިއުމެންޓްރީގައި ހިމަނާފައިވާނެ ކަމަށް އަލްޖަޒީރާއިން ބުނެފައިވަނިކޮށް ޒުހޫރު ވިދާޅުވީ، ޑޮކިއުމެންޓްރީ އާއި އިންވެސްޓިގޭޓިވް ރިޕޯޓަކީ ސިއްރިއްޔާތުގައި ތައްޔާރުކުރާ އެއްޗެއް ނޫން ކަމަށެވެ.

"އިންވެސްޓިގޭޝަނަކީ ވެސް އެ އިންވެސްޓިގޭޝަން ރައްދުވާ ފަރާތުގެ ބަހެއް ވެސް ލިބި، އެ ރައްދުވާ ފަރާތާ ވާހަކަ ދެކެވި. އެކަން ހިނގައިދިޔަ ގޮތެއްގެ މައްޗަށް އިންވެސްޓިގޭޓިވް ރިޕޯޓެއް ފުރަތަމަ މި ނެރެވެނީ. އިންވެސްޓިގޭޓިވް ރިޕޯޓެއްގެ މައްޗަށް ބިނާކޮށް ތިފަދަ ޑޮކިއުމެންޓްރީއެއް ކުޅެންޏާ ކުޅެނީ. އެހެންވީމަ ސްޓެޕްތަކަށް ފަހު ސްޓެޕްތަކެއް ހޮވަން މިޖެހެނީ،" ޒުހޫރު ވިދާޅުވިއެވެ.

އިންވެސްޓިގޭޓިވް ޑޮކިއުމެންޓްރީއެއް ނެރުމުގެ ބަދަލުގައި އެއުޅެނީ ރައްޔިތުންގެ މެދުގައި ވަހުމްތަކާއި ފިތުނަފަސާދަ އުފެއްދޭތޯ ކަމަށް ވެސް މިނިސްޓަރު ވިދާޅުވިއެވެ.

"އެހެންވީމަ އަޅުގަނޑު ދަންނަވާނީ ދިވެހި ރައްޔިތުން ވަރަށް ބޮޑަށް ހޭލަން އެބަޖެހެއޭ. ދިވެހިރާއްޖޭގައި ތިބީ ކުޑަކުދިންނެއް ނޫން. ދިވެހިރާއްޖޭގައި ތިބީ ކިޔަވައިގެން ތިބި، އިކޮނޮމީ އާއި ދުނިޔޭގެ ހިނގާ ކަންކަން އެނގޭ ބަޔަކު. އެހެންވީމަ ހަމަ ބަޔަކު ތިބެފަ ބުނާ އެއްޗަކުން ދިވެހީންނެއް ގަބޫލެއް ނުކުރާނެ،" ޒުހޫރު ވިދާޅުވިއެވެ.

އިދިކޮޅު ޕާޓީން ބުނާ ޑިމޮކްރަސީގެ ތެރެއިން 2018 ވަނަ އަހަރު ރާއްޖޭގައި ރިޔާސީ އިންތިޚާބެއް އޮންނާނެ ކަމަށް ވިދާޅުވެ އެ އިންތިޚާބަށް އިންތިޒާރުކޮށްލެއްވުމަށް ޒުހޫރު ވަނީ އިލްތިމާސް ކުރައްވާފައެވެ.

"ތިބުނާ ޑިމޮކްރަސީގެ ތެރެއިން އިލެކްޝަނެއް 2018 ގައި އޮންނާނެ. އެ އިލެކްޝަނަށް އިންތިޒާރުކޮށްލައްވަންވީ ނޫންތޯ. އެ އިލެކްޝަނަށްފަހު، އަދި މިއަދުގެ ސަރުކާރުން ބޮޑެތި ކުށްތަކަކަށް، ޖަރީމާތަކަކަށް އަރާފައި އޮވެއްޖެ ކަމަށް ވަންޏާ ހަމަ އަދި ދައުވާ ވެސް ކުރެވޭނެ އިނގޭތޯ. އެބޭފުޅުން އެބުނާ ހެން ދައުރުގެ ތެރެއިން މުޅި ގައުމު ފުނޑާލާފައި، ވެރިކަން ބަދަލުވާ ވާހަކައެއް ނޫން ދައްކަންވީކީއެއް. އެބޭފުޅުން ކިތަންމެ ވަރަކަށް ވާހަކަދެއްކިޔަސް ދިވެހި ސަރުކާރެއް ނުވެއްޓޭނެ. ސަރުކާރު ބަދަލެއް ނުވާނެ،" ޒުހޫރު ވިދާޅުވިއެވެ.

އެ ޑޮކިއުމެންޓްރީގައި ސަރުކާރާ ގުޅޭގޮތުން ހިމަނާ ވާހަކަތަކަށް ސަރުކާރުގެ ބަހެއް ހޯދުމަށް އަލްޖަޒީރާއިން ރައީސް އޮފީހުގައި އެދުނެވެ.

ޒުހޫރުގެ ވާހަކަތަކާ ގުޅިގެން އެމްޑީޕީގެ އިންޓަނޭޝަނަލް ސްޕޯކްސް ޕާސަން ހާމިދު އަބްދުލް ޣަފޫރު މިއަދު ސަން އަށް ވިދާޅުވީ ބައިނަލްއަގުވާމީ މީޑިއާ އަކީ ވެސް ވަކިގޮތަކަށް ތަރުތީބު ވެގެން ހިންގާ ނިޒާމަކަށް ވާއިރު، އެކަން ރޭވިފައި އޮތް ގޮތް ނޭނގުމަކީ، ޒުހޫރު އެ ވިދާޅުވާ ނަތީޖާ ނިކުތުން ގާތް ކަމެއް ކަމަށް ފެނިވަޑައިގަންނަވާ ކަމަށެވެ.