04 Sep 2016, 10:10
ބާސެލޯނާއިން ބަޠަލެއްގެ ދަރަޖަ ދީފައިވާ އެ ކްލަބުގެ ކުރީގެ ތަރި، ބްރެޒިލްގެ ރޮނާލްޑީނިއޯ އަނެއްކާވެސް ބާސާއާ ގުޅިއްޖެއެވެ.
ފުޓްބޯޅައިގެ ޚަބަރުތައް ގެނެސްދޭ، ގޯލް.ކޮމް އިން ބުނެފައިވަނީ، އުމުރުން 36 އަހަރުގެ ޑީނިއޯ އަލުން ބާސާއާ ގުޅުނީ، ކުޅުންތެރިއެއްގެ ގޮތުގައި ނޫންކަމަށެވެ. އަދި އޭނާ އެނބުރި ބާސާއާ ގުޅުނީ އެ ކްލަބުގައި އޭނާ ހޭދަކުރި ދުވަސްވަރުގެ ކާމިޔާބީ އަލުން ތަކުރާރުކުރުމަށް ކްލަބަށް އެހީތެރިވެދޭނޭ އެމްބެސެޑަރެއްގެ ގޮތުގައި ކަމަށެވެ.
ބާސާއިން ދަނީ ބައިނަލްއަގްވާމީ ގޮތުން ކްލަބުގެ ކުރިއެރުން އިތުރަށް ވަރުގަދަކުރުމުގެ ގޮތުން މި މަހުގެ 6 ވަނަ ދުވަހު އެމެރިކާގެ ނިއުޔޯކުގައި އެ ކްލަބުގެ އޮފީހެއް ހުޅުވުމަށް ތައްޔާރުވަމުންނެވެ.
ބާސާގެ އުންމީދަކީ، ޑީނިއޯގެ ރަން ދުވަސްވަރު ކަމަށްވާ 2003-2008އާ ދެމެދުގެ އޭނާގެ ފަރާތުން ބާސާއަށް ލިބުނު އެހީތެރިކަން އެމްބެސެޑަރެއްގެ ގޮތުގައި ވެސް އެ ކްލަބަށް ލިބުމެވެ.
ރޮނާލްޑީނިއޯ ބާސާގައި ހޭދަކުރި ފަސް ސީޒަންގައި އެ ކްލަބަށް އޭނާ ކުޅުނު 145 މެޗުން ޖުމުލަ 70 ލަނޑު ކާމިޔާބުކޮށްފައި ވެއެވެ. އަދި އެކްލަބާއެކު ސްޕެނިޝް ލީގު ދެ ފަހަރު، ޔުއެފާ ޗެމްޕިއަންސް ލީގު އެއްފަހަރު ހޯދުމުގެ އިތުރުން އެ މުއްދަތުގެ ތެރޭގައި އޭނާ ވަނީ، ފީފާއިން ހޮވާ ދުނިޔޭގެ އެންމެ މޮޅު ފުޓްބޯޅަ ކުޅުންތެރިޔާގެ މަގާމު، 2004 އަދި 2005 ވަނަ އަހަރު ހޯދައިފައެވެ.