04 Sep 2016, 10:11
ލޯނުގެ ދަށުން އޭއެފްސީ ބޯންމައުތާ ޖެކް ވިލްޝެއާ ގުޅުމުން ހުސްވެފައިވާ އާސެނަލްގެ 10 ނަންބަރުގެ ޖާޒީ ބޭނުންވާ ކަމަށް އެ ކްލަބުގެ ޖަރުމަން ތަރި މެސުޓް އޮޒިލް ބުނެފިއެވެ.
ރެކޯޑް އަގަކަށް 2013 ވަނަ އަހަރު ރެއާލް މެޑްރިޑުން އާސެނަލާ ގުޅުމަށްފަހު، އޮޒިލް ބޭނުން ކުރަމުންދިޔައީ އެ ކްލަބުގެ 11 ނަންބަރު ޖާޒީއެވެ. އޮޒިލް އާސެނަލްއާ ގުޅުމުގެ 12 މަސް ކުރިން ރޮބިން ވެން ޕާސީ އެ ކްލަބު ދޫކޮށްލުމާ އެކު، 10 ނަންބަރުގެ ޖާޒީ ބޭނުން ކުރަމުންދިޔައީ ވިލްޝެއާ އެވެ.
ލޫކަސް ޕޮޑޯލްސްކީ ގައުމީ ޓީމަށް ކުޅުން ހުއްޓާލުމާ އެކު ދާދި ފަހުން ޖަރުމަން ގައުމީ ޓީމުގެ 10 ނަންބަރު ޖާޒީ އޮޒިލްއަށް ވަނީ ލިބިފައެވެ. އަދި އާސެނަލް އިން ވިލްޝެއާ ދިއުމުން އެ ކްލަބުގެ 10 ނަންބަރު ޖާޒީ ލިބޭނެ ކަމަށް ވެސް އޮޒިލް އުންމީދުކުރެއެވެ.

އާސެނަލްގެ ޖަރުމަން ޕްލޭމޭކަރ މެސުޓް އޮޒިލް: ގައުމީ ޓީމަށް ޕޮޑޯލްސްކީ ކުޅުން ހުއްޓާލުމާ ގުޅިގެން އޮޒިލް އަށް ވަނީ ޖަރުމަނުގެ 10 ނަންބަރު ޖާޒީ ލިބިފައި --- ފޮޓޯ: ރެކްސް
އާސެނަލްގެ 10 ނަންބަރު ޖާޒީ ބޭނުންތޯ 'އެކްސްޕްރެސް' އިން ކުރި ސުވާލެއްގެ ޖަވާބުގައި އޮޒިލް ބުނީ "މިހާރު އެ ނަންބަރަކީ ހިލޭ ނަންބަރެއް. އެ ނަންބަރު އަހަރެން ބޭނުން. އެކަމާ މެދު އެއްވެސް ޝައްކެއް ނެތް،" ކަމަށެވެ.
ޖަރުމަނުގެ 10 ނަންބަރު ޖާޒީ ލިބުމާ ގުޅިގެން އޮޒިލް ބުނީ، އޭނާ އަށް އެ ނަންބަރު ވަރަށް ހާއްސަ ކަމަށާއި އެއީ އޭނާ އެންމެ ހިތްއެދޭ ނަންބަރު ކަމަށެވެ.
"ޒައިނުއްދީން ޒިދާން، ޑިއެގޯ މެރެޑޯނާ އަދި ޕެލޭ ފަދަ ފުޓްބޯޅަ ލެޖެންޑުން ވެސް ބޭނުންކުރި ނަންބަރަކީ އެއީ. އަހަރެން އެ ނަންބަރު ބޭނުންވާތާ މިހާރު އަހަރުތަކެއް ވެއްޖެ. ޕޮޑޯލްސްކީ ވެސް ހުރީ އެ ނަންބަރު ބޭނުންވެފައި. އަހަރެންނަށް ވުރެ، ގައުމީ ޓީމުގައި އޭނާ ގިނަ ދުވަސްވާނެ. އަދި މިހާރު އަހަރެންނަށް ނަންބަރު ލިބިއްޖެ. ޕްލޭމޭކަރަކަށް އެންމެ ރަނގަޅު ނަންބަރަކީ އެއީ ކަމުގައި އަހަރެން ދެކެން،" އޭނާ ބުންޏެވެ.