04 Sep 2016, 10:06
މޯލްޑިވްސް ޕޫލް ބިލިއާޑް އެސޯސިއޭޝަން (އެމްޕީބީއޭ) އިން އިންތިޒާމްކޮށްގެން ކުރިއަށްގެންދިޔަ އިންޓަ އޮފީސް ބިލިއާޑް މުބާރާތުގެ ޓީމު އިވެންޓުގެ ޗެމްޕިއަންކަން ސްޓެލްކޯ ހޯދި އިރު، ސިންގަލްސް ޗެމްޕިއަންކަން އެ ކުންފުނީގެ އަހްމަދު އަފްރާހު ހޯދައިފިއެވެ.
އޮފީސް އަދި ކުންފުނިތަކަށް ހުޅުވާލައިގެން، ނިމިގެންދިޔަ މަހުގެ 18 ވަނަ ދުވަހުން ފެށިގެން ކުރިއަށްގެންދިޔަ އެ މުބާރާތުގެ ފައިނަލް މެޗުތައް އެމްޕީބީއޭ ކްލަބު ހައުސްގައި ރޭ ކުރިއަށްދިޔައެވެ.
ޓީމު އިވެންޓުގެ ޗެމްޕިއަންކަން ސްޓެލްކޯ ހޯދާފައިވަނީ ފައިނަލުގައި މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސް (އެމްއެންޑީއެފް)ގެ މައްޗަށް ކުރި ހޯދައިގެންނެވެ. ސްޓެލްކޯ އިން އެ މެޗު ކާމިޔާބުކޮށްފައިވަނީ 2-1 ގޭމުންނެވެ. ކަސްޓަމްސް ރެކްރިއޭޝަން ކްލަބު (ސީއާރްސީ) އަތުން މޮޅުވެ، ޓީމު އިވެންޓުގެ ތިން ވަނަ ހޯދާފައިވަނީ މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) އެވެ.

އިންޓަ އޮފީސް ބިލިއާޑް މުބާރާތުގެ ޓީމު އިވެންޓުގެ ރަނަރަޕް އެމްއެންޑީއެފް: އެ މުބާރާތުގެ ޓީމު އިވެންޓުގެ ފައިނަލުގައި ސްޓެލްކޯ އަތުން އެމްއެންޑީއެފް ވަނީ ބަލިވެފައި --- ފޮޓޯ: އެމްޕީބީއޭ
ސިންގަލްސް އިވެންޓުގެ ޗެމްޕިއަންކަން ސްޓެލްކޯގެ އަހްމަދު އަފްރާހް ހޯދާފައިވަނީ ފައިނަލުގައި އެމްއެންޑީއެފްގެ މުހައްމަދު ފަރީމް އަތުން މޮޅުވެގެންނެވެ. އެ މެޗުން އަފްރާހް މޮޅުވެފައިވަނީ 6-2 ފްރޭމުންނެވެ.
އެމްޕީއެލްގެ އަހުސަން ހާޝިމް ބަލިކޮށް، ސިންގަލްސް އިވެންޓުގެ ތިން ވަނަ ހޯދާފައިވަނީ މޯލްޑިވްސް އިސްލާމިކް ބޭންކް (އެމްއައިބީ)ގެ ޝިފާއު އަބްދުﷲ އެވެ.
އިންޓަ އޮފީސް ބިލިއާޑް މުބާރާތުގައި މި އަހަރު ޖުމްލަ 15 އޮފީހަކުން ބައިވެރިވެފައިވެއެވެ. އެއީ އެމްޑަބްލިޔުއެސްސީ، މޯލްޑިވްސް ޕޯޓްސް ލިމިޓެޑް، މޯލްޑިވްސް އިސްލާމިކް ބޭންކް، ރައީސް އޮފީސް، އެމްއެންޑީއެފް، ޕޮލިސް، ސްޓެލްކޯ، އިމިގްރޭޝަން އެންޑް އެމިގްރޭޝަން، މޯލްޑިވްސް ކަސްޓަމްސް ސާވިސް، ދިރާގު، ޓްރާންސް މޯލްޑިވްސް އެއާވޭސް، މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް، ޕަބްލިކް ސާވިސް މީޑިއާ، މޯލްޑިވިއަން، އަދި ޓީމް ވިލާ އެވެ.
އެ މުބާރާތުގެ ނިންމުމުގެ ރަސްމިއްޔާތު ބޭއްވުމަށް ހަމަޖެހިފައި ވަނީ މިރޭ 8:15ގައި ސްޓެލްކޯގެ ކޮންފަރެންސް ހޯލްގައެވެ.