ހުޅުމާލޭގައި ރޭ ހިނގި އެކްސިޑެންޓެއްގައި ސީރިއަސް ޒަޚަމްތަކެއް ލިބުނު، އުމުރުން 28 އަހަރުގެ އަންހެނަކަށް އިންދިރާ ގާނދީ މެމޯރިއަލް ހޮސްޕިޓަލް (އައިޖީއެމްއެޗް)ގައި ފަރުވާދެމުން ދަނިކޮށް މިއަދު ހެނދުނު މަރުވެއްޖެއެވެ.

އެކްސިޑެންޓުގައި މަރުވީީ، ރ. ރަސްގެތީމު، ފާތުމަތު ޝިއުނާއެވެ.

އެކްސިޑެންޓް ހިނގާފައިވަނީ ރޭ 11:35 ކަންހާއިރު ނިރޮޅު މަގުން ދުއްވާފައިދިޔަ ސައިކަލެއްގައި ފަހަތުން އައި ކާރެއް ޖެހިގެންނެވެ.

އެ އެކްސިޑެންޓުގައި މަރުވީ ސައިކަލު ފަހަތުގައި އިން 28 އަހަރުގެ އަންހެން މީހާއެވެ. ސައިކަލު ދުއްވަން އިން މުހައްމަދު ޝާހިދު، 35،އަށް ވެސް ސީރިއަސް އަނިޔާތަކެއް ލިބިފައި ވާތީ އޭނާއަށް އައިޖީއެމްއެޗްގައި ދަނީ ފަރުވާ ދެމުންނެވެ. އޭނާ އަކީ ގާނޫނީ ވަކީލެކެވެ.

މަރުވި ޝިއުނާ އަކީ މީގެ ކުރިން ކައިވެންޏެއްކޮށްފައިވާ މީހެކެވެ. ހަތް އަހަރުގެ ފިރިހެން ކުއްޖަކުވެސް އޭނާގެ ހުރެއެވެ. ޝިއުނާ މާލެއައީ އޭނާގެ މަންމައާއި ދައްތަ ހައްޖަށް ފޮނުވާފައި ދައްތަގެ ކުދިން ބެލުމަށެވެ.

ފުލުހުންގެ އިންފޮމޭޝަން އޮފިސަރު އިސްމާއިލް އަލީ މިއަދު ސަން އަށް ވިދާޅުވީ، އެއަންހެން މީހާ މިއަދު ހެނދުނު މަރުވީ އެކްސިޑެންޓް ހިންގުމަށްފަހު ހޭނެތުނުގޮތަށް ހޭނާރާ އޮވެ ކަމަށެވެ. އަންހެން މީހާގެ ބޮލަށް ވަނީ ބޮޑެތި ޒަހަމްތަކެއް ލިބިފައެވެ.

އެ އެކްސިޑެންޓާ ގުޅިގެން އަދި މީހަކު ހައްޔަރުކޮށްފައި ނުވި ނަމަވެސް އެމައްސަލަ ވަރަށް ސީރިއަސްކޮށް ބަލަމުން އަންނަ ކަމަށް ފުލުހުން ބުނެއެވެ.