04 Sep 2016, 09:30
އެތަނާ އަރާ ހަމަވި އިރު ގަދަ މިއުޒިކް އަޑު ދިޔައީ އިވެމުންނެވެ. އެތެރެއަށް ވަތްއިރު މިއުޒިކް އަޑުން ވަނީ ގުގުމާލާފައިވެ އެވެ. ފަނޑު އަލިކަމެއް ހުރިއެތަނުގައި ތަފާތު ކުލަކުލައިން ދަނީ ނިވި ދިވެއްލެމުންނެވެ. އެތަނުގެ އެކި ދިމަދިމާލުގައި ބަހައްޓާފައި ހުރި ސޯފާތަކުގައި އެތައް ޖިންސުއްލަތީފުންނަކާއި އެމީހުންގެ ގާތް ފިރިހެންވެރިން ވެއްޓިތިއްބެވެ. ކޮންމެ މޭޒެއްގައި ތިން ފޫޓެއްހާ ދިގު "ޝީޝާ" އެއް ބަހައްޓާފައި ހުރި އިރު މުޅި އެ ހޯލް ވަނީ ދުންބޯވެފަ އެވެ. މިވާހަކަތަކުން ސިފަވީ ނައިޓް ކުލަބެއްގެ ސިފަ ނޯންތޯ އެވެ. މިއީ އަވައްޓެރި ގައުމެއްގައި ހުރިތަނެއް ނޫނެވެ. މިއީ އިސްލާމީ މި ގައުމުގެ ވެރިރަށް މާލޭގެ އައިޖީއެމްއެޗް ކައިރީ ހުރި ކެފޭއެއްގެ ހާލެވެ.
ނައިޓް ކުލަބުތަކާއި ބާތަކާއި ކެސިނޯތައް ހިންގުން ރާއްޖޭގައި މަނަލެވެ. އެފަދަ ވިޔަފާރި ވެސް މީހުން ދިރިއުޅޭ ރަށްރަށުގައި ކުރުން މަނަލެވެ. ނަމަވެސް އެފަދަ ގޮތް ގޮތަށް ޑިޒައިންކޮށްފައި ހުންނަ ތަންތަން ދަނީ އާންމުވަމުންނެވެ. ވެރިރަށް މާލޭގެ އެތައް ކެފޭ، ރެސްޓޯރެންޓެއް އަންނަނީ އެ ޑިޒައިނަށް ބަދަލު ކުރަމުންނެވެ. ހަމައެކަނި ޑިޒައިންނެއް ނޫނެވެ. ވިޔާނުދާ އަމަލުތަކަށް ވެސް ވަނީ މަގު ހުޅުވާލައިފަ އެވެ. ވަރަށް ފާޅުގައި އެކަންކުރާ ހަތަރު ފަސް ތަނެއް މާލޭގައި މިހާރު ވެސް ހިންގަ އެވެ.

ބާއެއް ޑިޒައިނެއް މާލޭގައި ހަދާފައިހުރި ކެފޭއެއް--
މަސްތުވުމަށް މަގެއް!
ކެފޭ އަދި ރެސްޓޯރެންޓް ނަމުގައި ހިންގާ ބައެއް ތަންތަނުގައި މަސްތުވާތަކެތި ބޭނުންކުރާކަން އެއީ އެންމެނަށް އެނގޭ ބޮޑު އެއް ސިއްރެވެ. މީގެ އަހަރުތަކެއް ކުރިން އެފަދަ މައްސަލައެއްގައި މާލޭގެ ދެ ކެފޭއެއްގެ ވޭޓަރުންނާއި ކަސްޓަމަރުން ވަނީ ބަނގުރަލާ އެކު ހައްޔަރުވެސްކޮށްފަ އެވެ. އަދިވެސް އެކަން އެބަހިނގަ އެވެ. ފެންހުސްކުރި ފުޅިފުޅީގައި އެކިއެކި މަސްތުވާ ބުއިންތައް އަޅައިގެން ކެފޭ ތަންތަނުގައި ބުއިމަކީ ހިނގާ ކަމެކެވެ. ފެންނަ ފެނުމަށް އެއީ އެނާޖީ ޑުރިންކެވެ. ނަމަވެސް ބޭނުން ކުރަނީ ރަލެވެ.
ހަމަ އެކަނި ރަލެއް ނޫނެވެ. މަސްތުވާ ހިކި ތަކެތި ވެސް ބޭނުންކުރެ އެވެ. ހާއްސަކޮށް ހަޝިސް އޮއިލް، ކެނަބިސް ނުވަތަ "ތެޔޮ" ބުއިން އާންމެވެ. ބައެއް ކެފޭތަކަކީ އެކަމަށް ހާއްސަ ތަންތަނެވެ. އެކެފޭތަކުގެ ގޮނޑި، މޭޒުތަކުގެ ފުލަކީ މަސްތުވާތަކެތި ރައްކާކުރާ ގުދަންތަކެވެ. ހަމައެހެންމެ އެކެފޭތަކާއި ގުޅިފައި ހުންނަ ފުރާޅުތަކަކީ ވެސް މަސްތުވާތަކެތި ބަހައްޓާ ތަންތަނެވެ.
މިހާރު މާ "ކޫލް" ކަމަށް ހަދައިގެން ގިނަ ބަޔަކު ބޯ ޝީޝާގެ ދުންފަތްގަނޑު ތެރެއަށް މަސްތުވާތަކެތީގެ ހިކި ބާވަތްތައް އެއްކޮށް އެބޭނުން ކުރުމަކީ އެތައް ބަޔަކު އެއްފަހަރާ މަސްތުވުމަށް ބޭނުންކުރެވޭ ވަސީލަތަކެވެ. ހަމައެހެންމެ އެއީ ޝީޝާ ބޮނީ ކަމަށް ދައްކުވައި މަސްތުވުމަށް އޮތް މަގެކެވެ. އިސްވެ މިފާހަގަ ކުރި ކަންކަމަށް ބަލާއިރު ބާއަކަށް އެތައް ކެފޭ ރެސްޓޯރެންޓެއް އެވަނީ ބަދަލުވެފަ އެވެ.
ޖިންސީ ގުޅުންތައް ހިންގުމަށް ފުރުސަތެއް!
ނައިޓް ކްލަބުތަކަކީ އެތައް ބައެއްގެ ކުރިމަތީގައި އެއްބަޔަކު އަނެއް ބަޔަކު ގައިގޯޅީވެ ތަފާތު ބަދުއަހުލާގީ އަމަލުތައް ފާޅުގައި ހިންގާތަންތަނެވެ. މާލޭގައި ހިންގާ މިބުނާ ކެފޭތަކޭ ބުނާ ތަންތަނުން އެ ފުރުސަތު އޮވެ އެވެ. އޭގެ ތެރެއިން ބައެއް ތަންތަނުގެ ޑިޒައިން ކުލަބެކޭ ތަފާތެއް ނެތެވެ. ގޮނޑި މޭޒް އެތުރުމުން ފެށިގެން ގޮސް ބޭނުންކޮށްފައިވާ ލައިޓްތައް ވެސް ހަމަ އެ ފެންވަރުގަ އެވެ. ނަތީޖާއަކީ މަސްތުވުމަށާއި ތަފާތު ބަދުއަހުލާގީ އަމަލުތައް އެތައް ބަޔަކު އެއްވެ އެތަންތާ ހިންގާ ކަމެވެ. ވިޔާނުދާ ބަހުރުވަ ހިމެނޭ ލަވަތައް ބާރަށް ޖަހާފައި ހުންނައިރު އެފަދަ ފާހިޝްކަންތަކަށް ދެވޭ ހިތްވަރަކަށް އެކަންވެ އެވެ.
ދެ ޖިންސުގެ ގުރޫޕަކުން މާލޭ ކެފޭއެއްގައި ޝީޝާ ބޮނީ--
"އަހަރެން ދަނީ ޝީޝާ ބޯން، އެކަމަކު ދެން އެކަން ކުރާ މީހުންނަށް ކުރެވޭނެދޯ، އެމީހުން ކުރާނު، މަ ބޮނީ ޝީޝާ." ކުރިން ފާހަގަ ކުރި ކެފޭއަކަށްދާ ޒުވާން އަންހެން ކުއްޖަކު ބުންޏެވެ.
ކެފޭ ނުވަތަ ރެސްޓޯރެންޓްތަކުގައި ފުރުސަތު އޮތީ ހަމައެކަނި ގިނަ ބައެއްގެ ތެރޭގައި ގައިގޯޅިވެ ބަދުއަހާލީ އަމަލުތައް ހިންގުމަކަށް ނޫނެވެ. އަނދިރި ހޮހަޅަފަދަ ޖާގަތަކުގައި އެކަހެރިވެ ބޭނުންވާ ކަމެއް ކުރަން އަލިކަމެއް ނެތް މޭޒުތައް ވެސް މާލޭގެ ރެސްޓޯރެންޓްތަކުގައި ބަހައްޓާފައިހުރެ އެވެ. ހަމައެއާ އެކު ވަކިވަކި ކުދި ކޮޓަރިތައް ވެސް އެދަނީ ދާހާ ބަޔަކަށް ދޫކުރަމުންނެވެ.
ދުންފަތް ފެޝަނަކަށް ހަދައިފި
ޒުވާނުންގެ މެދުގައި ޝީޝާ ބުއިން މިހާރު މިވަނީ ފެޝަނަކަށްވެފަ އެވެ. ކޮފީތަށީގެ އިތުރުން މޭޒުމަތިން ޖާގަ ލިބޭ އެއްޗަކަށް ޝީޝާ އެވަނީ ހަދައިފަ އެވެ. އެއީ ބައެއް ވިޔަފާރިތަކުގެ ޓާގެޓެކެވެ. މޮޅެތި ކެއުންތަކާއި މީރު ބުއިންތައް ވިއްކުމަށް ވުރެ ޝީޝާ ވިއްކުމަށް އެތަންތަން ވަނީ ހާއްސަކޮށްފަ އެވެ. އެއީ ދުންފަތުގެ އިސްތިއުމާލަށް އެތައް ބަޔަކު ދެވި ހިއްޕާލާ އެއްޗަކަށް ވެއްޖެ އެވެ. ހާއްސަކޮށް ޖިންސުއްލަތީފުންގެ މެދުގައި އެކަން "ކޫލް"ވެ އެއަވާގައި ޖެހުން އިންތިހާއަށް އިތުރެވެ.
ހޫކައް ނުވަތަ ޝީޝާ އަކީ ދެވި ހިފާ އެއްޗެކެވެ. ގިނަ ބަޔަކު ދެކޭ ގޮތުގައި ޝީޝާ އަކީ ސިނގިރޭޓް ބޭނުން ކުރުމަށް ވުރެ ގެއްލުން ކުޑަ ކަމެކެވެ. ނަމަވެސް އެއީ ކުށްހީއެކެވެ.
އެމެރިކާގެ ސެންޓާ ފޮ ޑިސީޒް ކޮންޓްރޯލް އެންޑް ޕްރިވެންޝަނުން (ސީޑީސީ) ބުނެފައި ވަނީ ސިނގިރޭޓް ދުމުގައި ހިމެނޭ ގިނަ ވިހަ މާއްދާތަކެއް ޝީޝާގައި ވެސް ހިމެނޭ ކަމަށެވެ. އެގޮތުން ޝީޝާގެ ސަބަބުން ފުއްޕާމޭގެ ކެންސަރާއި ނޭވާ ލުމުގެ ނިޒާމަށް އެކި ކަހަލަ ބަލިތައް ޖެހުމާއި މާބަނޑު އަންހެން މީހާ އަށާއި ދަރިފުޅަށް ގެއްލުން ލިބުން ހިމެނެ އެވެ. ސިނގިރޭޓާ ހިލާފަށް ޝީޝާ ބޯ މީހުންނަށް ވިހައިގެ ނުރައްކާ ބޮޑު ކަމަށް ސީޑީސީ އިން ވަނީ ބުނެފަ އެވެ. ސިނގިރޭޓާ ހިލާފަށް ޝީޝާއަކީ ދިގު ވަގުތަކަށް އެއްފަހަރާ ބޭނުން ކުރާ އެއްޗެކެވެ.
އެއް ގަޑިއިރުގެ ޝީޝާ ސެޝަނެއްގައި ގާތްގަނޑަކަށް 200 ފަހަރު ދަމާލެވޭނެ އެވެ. ނަމަވެސް އެވަރެޖްކޮށް ސިނިގިރޭޓެއްގައި ދަމާލެވޭނީ 20 ފަހަރު އެވެ. އެހެންކަމުން ސިނގިރޭޓަކަށް ވުރެ ގެއްލުން ބޮޑެވެ. ނަމަވެސް އެނުރައްކާ އަވާގައި އެތައް ބަޔަކު ޖައްސައިފި އެވެ. ހާއްސަކޮށް ޒުވާން އަންހެން ކުދިންނެވެ.
ޒުވާން އަންހެން ކުދިންތަކެއް ޝީޝާ ބޮނީ-- ފޮޓޯ: ޕާކިސްތާން ސުޓާ
ބައެއް ރެސްޓޯރެންޓްތަކުން އެރެސްޓޯރެންޓެއްގެ ނަން އިސްތިހާރުކުރާ އިރު ސީދާ ޝީޝާ ބޭނުން ކުރެ އެވެ. އެއީ ދުންފަތް ކޮންޓުރޯލް ކުރުމުގެ ގާނޫނުގެ ދަށުން ކަނޑައެޅިގެން މަނާކަމެކެވެ. ނަމަވެސް ފައިސާގެ ބޭނުމަށް ފާޅުގައި އެދަނީ އެކަންކޮށް ޒުވާން ޖީލެއް ނައްތާލަމުންނެވެ.
އެފަދަ ކެފޭއެއް ހިނގާ ފަރާތަކާއި ސުވާލު ކުރުމުން ބުނީ ވިޔަފާރިކުރަނީ ނަގަން ޖެހޭ ހުއްދަތައް ނަގައިގެން ކަމަށެވެ. މަސްތުވުމާއި ފާހިޝް އަމަލުތައް ހިނގާ ކަމަށާއި އެފަދަ މީހުން ކެފޭއިން ނެރެމުން އަންނަ ކަމަށް އޭނާ ބުންޏެވެ.
މިއީ ރޭވުމެއް، ބޭނުމީ އެފަދަ ކަންކަން އާންމުކުރަން!
ތަފާތު ބިޔަރު ނަމުގައި މަސްތުކަމެއް ނެތް ބުއިންތައް އެބަވިއްކަ އެވެ. އެފުޅިތައް ބެއްޓަމާއި ނަމަކީ ހަމަ އެއްކަލަ މަސްތުވާތަކެތީގެ ނަމާއި ބައްޓަމެވެ. ނަތީޖާއަކަށް ވަނީ މަޑުމަޑުން އެއްކަހަލަ މަސްތުވާތަކެއްޗަށް ލޯބި ޖެހުމެވެ. ރެސްޓޯރެންޓު ނަމުގައި ކުލަބުތަކުގެ ބައްޓަމަށް ތަންތަން ބަދަލު ކުރުމަކީ އޭގެ ފެށުމެއް ކަމަށް ދީނީ އިލްމުވެރިން ދެކެއެވެ.
އައްޝެއިޚް އަހުމަދު ފަހުމީ ދީދީ ވިދާޅުވި ގޮތުގައި އެފަދަ ގޮތްގޮތަށް ހިންގަމުންދާ ކަންކަމަކީ ވަރަށް ބޮޑު ކަންބޮޑުވުމެކެވެ. އެއީ ނުރަނގަޅު ވިސްނުންތައް ތައާރަފްކޮށް މީހުން އެކަންކަމަށް ހިތްޖެއްސުމަށް ރާވައިގެން ކުރަމުންދާ ކަންކަން ފަހުމީ ވިދާޅުވި އެވެ.
"މިއީ ފާހިޝް ކަންކަމަށް މީހުން އަހުލުވެކޮށް މަގުފަހިކޮށް ދިނުމަށް ވަރަށް ދުރާލާ ރާވައިގެން ކުރަމުންދާ ކަންކަން،" ޝެއިހް ވިދާޅުވި އެވެ.
އިސްލާމްދީނާއި ހިލާފު އަދި ފާހިޝް ކަންކަމަށް މަގުފަހިވާ ގޮތަށް ކުރާ އެފަދަ ކަންކަން ހުއްޓުވަން ޖެހޭ ކަމަށް ފަހުމީ ވިދާޅުވި އެވެ.
ފުރުސަތެއް ނެތް ހުއްޓުވާނަން!
ދިވެހި ރާއްޖޭގައި ވިޔަފާރިއެއް ކުރަން ހުއްދަދޭ އިރު ދިވެހި ރާއްޖޭގައި ފާހިޝް ކަންކަން ނުފެތުރޭނެ ގޮތްތަކަށް ނޫނީ ވިޔަފާރި ބައްޓަން ނުކުރުމަށް ވަނީ ލާޒިމްކޮށްފަ އެވެ. ހާއްސަކޮށް މީހުން ދިރިއުޅޭ ރަށްރަށުގައި ކުރާ ވިޔަފާރިތަކުގައި ފާހިޝްކަންކަމަށް އަރައިގަތުމަށް ފުރުސަތު ނުދިނުމަށް ގާނޫނުން ބާރުއަޅަ އެވެ.
މާލޭ ކެފޭއެއްގައި ޒުވާނުންތަކެއް ޝީޝާ ބޮނީ-- ފޮޓޯ؛ މުނައްވަރު
އިކޮނޮމިކް މިނިސްޓްރީގެ ރަޖިސްޓާ އޮފް ކޮމްޕެނީސް މަރިޔަމް ވިސާމް ވިދާޅުވި ގޮތުގައި ކެފޭ އަދި ރެސްޓޯރެންޓްތައް ހިންގާއިރު އެކަށީގެންވާ ވަރަށް ލައިޓިން ހުންނަން ޖެހެ އެވެ. މަސްތުވުން ނުވަތަ ގާނޫނު ހުއްދަ ނުކުރާ ކަންކަމަށް ފުރުސަތުދޭ ނަމަ އެ ވިޔަފާރިއެއްގެ ހުއްދަ ބާތިލުކުރާނެ ކަމަށް ވިސާމް ވިދާޅުވި އެވެ.
"ކެފޭތައް އަނދިރިކޮށްފައި އޮތުން އެއީ ރަނގަޅު ގޮތެއް ނޫން، މަސްތުވާތަކެތި އުޅެންޔާ ސުވާލުކޮށް ފިޔަވަޅު އަޅާނެ، ހުއްދަ ބާތިލްކުރާނެ،" ވިސާމް ވިދާޅުވި އެވެ.
ފުލުހުން އަންގާ އެފަދަ ކަންކަން ބަލައި އެވިޔަފާރިތަކާއި މިހާރު ވެސް ފިޔަވަޅު އަޅަމުންދާއިރު ކުރިއަށް އޮތްތަނުގައި މޮނީޓާކޮށް ބަލާނެ ކަމަށް ވެސް ވިސާމް ވިދާޅުވި އެވެ.
މަސާޖްޕާލާ ނަމުގައި ހަށިވިއްކާ ތަންތަން ހިންގާފަދައިން ކެއިންބުއިމުގެ ހިދުމަތް ދޭން ކަމަށް ބުނެ ޖަރީމާގެ މަރުކަޒުތައް މިދަނީ ހިންގަމުންނެވެ. ނޭނގި ނަމަވެސް ޒުވާނުންގެ ހިތްތައް އެ ފާހިޝް ކަންކަމަށް އެ ދަނީ ލަންބަމުންނެވެ. ހަރުކަށި ފިޔަވަޅުތަކެއް ނާޅައިފި ނަމަ ދުވަސް ކޮޅަކުން އަވައްޓެރި ގައުމުތަކުގައި ހިންގާ ކުލަބުތައް ފަދަ ތަންތަން އެއަށްވުރެ ގޯސްކޮށް މިރާއްޖޭގައި އެތަންތަން ހިންގާނެ ކަމުގެ މަލަމަތި މިދަނީ ފެންނަމުންނެވެ.