ސްރީލަންކާގައި ރެއިލެއް ދަށުވެ ގދ. މަޑަވެލި، 21 އަހަރު އިޒުހާމް މުހައްމަދު މަރުވި މައްސަލައާ ގުޅިގެން އޭނާއާއެކު ލަންކާއަށް ދިޔަ ތިން ދިވެހިން ކޯޓަށް ބަޔާން ދިނުމަށް އަންގައިފި އެވެ.

އޭނާ އާއެކު ލަންކާއަށް ދިޔަ މީހުންގެ ތެރެއިން އެކަކު މިއަދު "ސަން"އަށް ބުނީ އެ މައްސަލައާ ގުޅިގެން މި މަހު 19 ވަނަ ދުވަހު ލަންކާ ކޯޓަށް އެ ތިން މީހުން ބަޔާންދޭން ޖެހޭތީ އެ ދުވަހު ލަންކާގައި ހުރުމަށް އަންގާފައިވާ ކަމަށެވެ.

އެ މައްސަލައާ ގުޅިގެން ފުލުހުން ވަނީ ތަހުގީގަށް އެ މީހުންގެ ބަޔާންތައް ނަގާފައެވެ.

ރޭލެއްގައި ޖެހި އިޒުހާމް މަރުވެފައި ވަނީ އޭނާއާއެކު ލަންކާއަށް ދިޔަ ރައްޓެއްސަކާއެކު ބޭރަށް ނުކުމެ އުޅެނިކޮށެވެ. އިޒުހާމުގެ އެކުވެރިޔާ މީހަކާ ވާހަކަ ދައްކަން ހުއްޓާ އިޒުހާމް ރެއިލްދަގަނޑު ހުރަސް ކުރަނިކޮށް، އޭނާ އެކްސިޑެންޓްވިކަން އެކުވެރިޔާއަށް އިނގުނީ ވެސް އެހެން މީހަކު އައިސް ބުނުމުން ކަމަށް އިޒުހާމްގެ ގާތް މީހަކު ސަން އަށް ބުންޏެވެ.

އިޒުހާމް މަރުވާން ދިމާވި ސަބަބު ދެނެގަތުމަށް ޓެސްޓްތައް ހެދުމަށްފަހު މިރޭ ވަނީ ލަންކާގައި ވަޅުޅުލާފަ އެވެ.

އެކުވެރިންތަކާ އެކު ޗުއްޓީއެއް ހޭދަކުރުމަށް އިޒުހާމް ލަންކާއަށް ދިޔައީ މިދިޔަ ބުރާސްފަތި ދުވަހު އެވެ. އޭނާއަކީ ގައުމީ ޔުނިވާސިޓީގައި ގާނޫނީ ވަކީލުކަން ކިޔަވާ ދަރިވަރެކެވެ. މިއީ އޭނާގެ ފަހު ސެމިސްޓާ އެވެ.