01 Jun 2011, 15:40
އަހަރުމެން މަސާޖް ޕާލާތަކަށް ވަންނަން ނުކުތް އިރު ގަބޫލު ނުކުރެވޭ އެއް ކަމެއް އަހަރެމެނަށް މައުލޫމާތު ދިން ފަރާތްތަކުން ފެންމަތިކޮށްފައި އޮތެވެ. އެއީ ގިނަ ބަޔަކު ބައިވެރިވާ ގޮތަށް ހަށިވިއްކުން ނުވަތަ ގްރޫޕް ސެކްސް މިހާރުގެ މަސާޖް ޕާލާތަކުގައި އޮންނަ ކަމަށް ބުނި ބުނުންތަކެވެ.
އަހަރެން ދިޔަ ހެންވޭރުކޮޅުގައި ހުންނަ ސްޕާގެ ދޮރު ހުޅުވާލުމަށްފަހު، އެތެރެއަށް ވަން އިރުވެސް އަހަރެން އެކަމަށް ޝައްކު ކުރީމެވެ. އެ ދަރަޖައަށް އަދި ދާނެ ކަމަކަށް ގަބޫލެއް ނުކުރެމެވެ. އެތަނަށް ވަނުމާއެކު ފެނުނު ކަސްބީ އަންހެނުންގެ ސަފުތަކާއި ކުރު ހެނދުންލައި މޫނުމަތީގައި މޭކަޕްގެ ދަވާދު އުނގުޅައިގެން ތިބި، ބެންކޮކްގެ ޒުވާން އަންހެން ކުދިންގެ ތެރޭގައި ހުރި އިރުވެސް އަހަންނަށް އެކަހަލަ ދައުވަތެއް ލިބޭނެ ކަމަކަށް ނުވިސްނަމެވެ.
މަސާޖްގެ ނަމުގައި ޖިންސީ އަރާމްކަން ލިބި ގަތުމަށް ވަންނަ ކަސްޓަމަރުންނަށް ދައްކައި ބޭނުން ޗޮއިސް އެއް ހިޔާރު ކުރަން ސްޕާގެ ރިސެޕްޝަންގެ ކުރިމަތީގައި އަތުރާލާފައި ތިބޭއިރު ކަތި ބެލުމަކުން އެކުދިން ބަލައިގެން ތިބެ އެވެ. އަހަރެން ހިތަށް އެރިއެވެ. މިހުރެވެނީ ހަމަ ރާއްޖޭގައި ހެއްޔެވެ؟
ކޮޓަރީގައި "ސަމް ގާލް ވޯންޓް ޖޮއިން ވިތު ޔޫ" (އިތުރު އަންހެން ކުއްޖަކު ކަލެއާ ގުޅެން ބޭނުންވޭ) އޭ އަހަރެން ގާތުގައި ބުނުމުން އަހަންނަށް ވެސް ހުރެވުނީ ހަމަ ބަލަހައްޓައިގެނެވެ. ކަންފަތް ބުޑުގައި އެ ޖުމްލަ ބުނެލި ގޮތުން ގައިން ހީބިހި ނަގައިގެންދިޔަ އެވެ. އޭރު އަހަރެމެންނާ ޖޮއިން ކުރަން ބޭނުންވާ ކުއްޖާ ދޮރު ހުޅުވާލައި، ބޯ ދިއްކޮށްލަނީ އެވެ. އޭނާ އެތެރެއަށް ވަނުމަށް ފުރަތަމަ ފިޔަވަޅު އެޅިއިރު ހުރީ އޮރިޔާން ހާލުގަ އެވެ. ނަމަވެސް އަހަރެން އެކަން މަނާ ކުރުވީ އެވެ.
އެ ކުއްޖާ އެތެރެއަށް ވެއްދުމަށް ހުއްދަދިން ކުއްޖާއާ ދިމާލަށް އަހަރެން ބުނީމެވެ. "ކަލޭ އެކަނި ވެސް އެކަން ކޮށްދެވިދާނެ" ނޫން ހެއްޔެވެ؟ ބަރަހަނާ ވެގެން ހުރި އެ އަންހެން ކުއްޖާ ކޮޓަރިން ނުކުތީ އަހަރެން އެއްބަސް ނުވުމުންނެވެ.
އަހަންނަކީ ފުރަތަމަ ފަހަރަށް މިކަހަލަ ތަނަކަށް ވަން މީހެކެވެ. މިހުށަހެޅުން އަހަރެން ކަހަލަ ކިތަން މީހުނަށް އެގޮތަށް ހުށަހަޅައި ގްރޫޕް ސެކްސް ހަދާފައި ހުންނާ ހެއްޔެވެ؟
"މިތަނުން ހުށަހަޅާނެ، އެކަމަކު ބޭނުން މީހަކަށް އެ ހިދުމަތް އޮންނާނީ،" ކަސްބީ އަންހެން ކުއްޖާ ބުންޏެވެ. "އިތުރަށް ޖެހޭނީ ހަމައެކަނި އެތެރެއިން ޕޭ ކުރަން،"
އަހަންނާއެކު މިޝަންގައި ނުކުތް އެހެން ބައެއް ނޫސްވެރިންނަށް ވެސް ގްރޫޕް ސެކްސްގެ އޮފާ ލިބުނެވެ. އަދި އަހަރެމެންގެ މިޝަން ފެށުމުގެ ކުރިން މިކަންކަމުގެ ތަޖުރިބާ ހިއްސާ ކުރި މީހުން ބުނާ ގޮތުންނަމަ މިހާރު އެންމެ ހިނގާ މަސާޖަކީ އެއީ އެވެ. އެމީހުން ބުނާ ގޮތުންނަމަ "އޭތި ސަޅި" އެވެ.
"ގާތްގަނޑަކަށް ހުރިހާ ތަނަކުން ވެސް އެ ހިދުމަތްދޭ، އެމީހުން ދެނެގަންނާނެ، އޮފާ ކުރަންވީ މީހުން ހަމަ ކޮންމެ މީހަކަށް އޮފާއެއް ނުކުރާނެ،" މައުލޫމާތު ދިން މީހުންގެ ތެރެއިން އެކަކު ބުންޏެވެ.
ކޮންމެއަކަސް ހަށިވިއްކުމުގައި ޒަމާނާ އެއްގޮތަށް ރާއްޖެ ކުރި ހޯދަމުން ދަނީ އެވެ. ޖިންސީ އެދުންވެރި ކަމުގެ ވަހުޝީ ކަނޑުގެ ތެރެއަށް ޣަރަގު ކުރަމުންދަނީ އެވެ. އެންމެ ހުތުރު ސިފައިގަ އެވެ. މި މި މިޝަންގައި އަހަރެން ވަން މަސާޖް ޕާލާގައި "ކަމަށް" ހާއްސަ ތަންތަނަކީ ނަމެއްގައި މަސާޖް ކުރާ ތަނެކެވެ. ހަގީގަތުގައި މިއީ ހަށި ވިއްކާ ޕްރައިވެޓް ރޫމްތަކެކެވެ. ސަރުކާރުން ކަނޑައަޅާފައިވާ އެއްވެސް ޝަރުތެއް ހަމައެއް ނުވެއެވެ. ގަވައިދުގައި އެބުނާ ހެލްތު އޮފިސަރު އަހަރެން ލޮލުން ނުވެސް ދެކެމެވެ.