ތުނބުޅިއާ މަތިމަސް އަދި ފަޓްލޫނުގެ ފައިކުރި ބަހައްޓަންވީ ގޮތް ކަނޑައަޅަައި އިމިގްރޭޝަންގެ މުވައްޒަފުން އަމަލު ކުރަން ލާޒިމު ކުރި އުސޫލަށް ދީނީ އިލްމުވެރިން ފާޑު ވިދާޅުވެއްޖެ އެވެ.

އިމިގްރޭޝަނުގެ ޔުނިފޯމު މިންގަނޑަށް ގެނައި ބަދަލުގައި ވާ ގޮތުން ފިރިހެން މުވައްޒަފުން ތުނބުޅީގެ އިސްތަށި ބަހައްޓަން ޖެހޭނީ ދެ ސެންޓިމީޓަރަށްވުރެ ކުރުކޮށެވެ. އަދި ބޯވެސް ކުރުކޮށް ކޮށާފައި ހުންނަށް ޖެހޭނެ ކަމަށް ގަވާއިދުގައި ވަނީ ބުނެފަ އެވެ. އޭގެ އިތުރުން ފަޓްލޫނުގެ ފައިކުރި ކުރުކޮށް ބެހެއްޓުމަކީ މަނާ ކަމެއް ކަމުގައި ވަނީ ކަނޑައަޅާފަ އެވެ.

އިމިގްރޭޝަނުގެ ޔުނިފޯމު މިންގަނޑަށް ގެނައި ބަދަލަށް އަމަލު ނުކުރި މުވައްޒަފުންނަށް އެތަނުން ނޯޓިސް ފޮނުވުމާ ގުޅިގެން ޝައިހް އާދަމް ޝަމީމް ވަނީ އެކަމަށް ވަނީ ފާޑު ވިދާޅުވެފަ އެވެ.

ހައްޖުގެ އަޅުކަމަށް ވަޑައިގެން ހުންނެވި ޝަމީމް އޭނާގެ ފޭސްބުކް ޕޭޖުގައި ވިދާޅުވީ އިމިގްރޭޝަނުން ޔުނިފޯމުގެ މިންގަނޑެއް ހަދައި އެއަށް އަމަލު ކުރުމަށް މަޖުބޫރު ކުރައްވަނީ ބާއްވާލެއްވިފައިވާ އިލާހީ ގާނޫނާ ހިލާފަށް ކަމަށެވެ.

"ދީނާ ހިލާފަށް އަޅުތަކުންނަށް މަޖުބޫރު ކުރުމާއި އެބައި މީހުން އެތައް ޒަމާނެއް ވަންދެއް އަދާކުރަމުންދިޔަ ވަޒީފާއިން ވަކިކުރުމަކީ އަނިޔާވެރިވުމެއް. އެފަދަ ކަންކަމަކީ ޔަގީނުން ވެސް ﷲ ގެ ހަޒުރަތުގައި އިންސާފު ލިބެވޭނެ ކަންކަން،"ޝައިހު ޝަމީމް

އިމިގްރޭޝަނުގެ ޔުނިފޯމަށް ގެނައި ބަދަލާމެދު ކަންބޮޑުވުން ފާޅުކޮށް ޝައިހު އަހުމަދު ސަމީރު ވިދާޅުވީ ރާއްޖެއަކީ މުސްލިމު ގައުމެއް ކަމަށެވެ. "މިއީ ފަރާންސެއް އަދި އެމެރިކާއެއް ވެސް ނޫން" ކަމަށާއި މިތަނުގައި އޮންނަން ވާނީ މުސްލިމުންގެ އުސޫލުތައް ކަމަށް ސަމީރު ވަނީ ވިދާޅުވެފަ އެވެ.

ކީރިތި ރަސޫލާގެ ހަދީސް ބަސްފުޅުތަކުގައި ފިރިހެން ބޭފުޅުން ތުބުޅި ދިގުކުރުމަށާއި ފަޓުލޫނުގެ ފައިކުރި ތަނބިކައްޓަށްވުރެ ދިގު ނުކުރުމަށް އަންގަވާފައިވާ ކަމަށާއި އެކަމާ މެދު ހިލާފެއް ނުވާ ކަމަށް ސަމީރު ވިދާޅުވި އެވެ. އަދި ވިދާޅުވީ ހިލާފެއް ނުވާނަމަ އެއީ ވާޖިބެއް ކަމަށެވެ.

އެހެންކަމުން ތުނބުޅި ކުރުކޮށް ބެހެއްޓުމަށާއި ފަޓްލޫނުގެ ފައިކުރި ކުރުކުރުމަށް އަންގައި އިމިގްރޭޝަނުން އެކުލަވާލި މިންގަނޑަކީ އިސްލާމް ދީނާ ހިލާފު މިންގަނޑެއް ކަމަށް ސަމީރު ވަނީ ވިދާޅުވެފަ އެވެ.

"ފަޓްލޫނުގެ ފައިކުރި ފައިގެ ތަނބިކައްޓަށްވުރެ ތިރިއަށް ހުންނަ ނަމަ އެއީ ނަރަކާގައިވާ ބައެއް ކަމަށް ހަދީސް ބަސްފުޅުގައިވޭ. މާނައަކީ އެއީ ޢަޒާބު ލިބޭ ކަމެކޭ. ރާއްޖޭގެ ގާނޫނުގެ ދަށުންވެ ސް އެފަދަ އަމުރެއް ނުކުރެވޭނެ. އެއީ ގާނޫނުއަސާސީގައި ބުނެފައިވޭ އޭގެ ދަށުން އެއްވެސް ގަވާއިދެއް އެކުލަވާލެވޭނީ އިސްލާމް ދީމާ ހިލާފު ނުވާ ގޮތުގެ މަތިން ކަމަށް،"ޝައިހު ސަމީރު

ވަޒީފާއާ ބެހޭ ގާނޫނުގެ 20 ވަނަ މާއްދާގެ (ށ)

  • މަސައްކަތުގެ އަހުލަގީ މިންގަނޑަށް މުވައްޒަފަކު ތަބާނުވާކަމަށް ބެލުމުގައި ނުވަތަ މުވައްޒަފަކު އޭނާގެ ވަޒީފާއިން ވަކިކުރުމުގައި ތިރީގައިވާ ކަންތައްތައް އެއީ އެކަށީގެންވާ ސަބަބުތަކެއް ކަމުގައި ނުބެލެވޭނެ އެވެ.

  1. މުވައްޒަފުގެ ނަސްލު، ކުލަ، ގައުމީ ނިސްބަތް، އިޖުތިމާއީ ނިސްބަތް، ދީން، ސިޔާސީ ގޮތުން ވިސްނުން ގެންގުޅޭ ހިޔާލު، ނިސްބަތްވާ ސިޔާސީ ޕާޓީ، ޖިންސު، ކައިވެނީގެ ނިސްބަތް، އާއިލީގޮތުން އުފުލަންޖެހޭ ޒިންމާތައް، ނުވަތަ އޭނާގެ ހުރި ނުކުޅެދޭ ސިފައެއް

އިމިގްރޭޝަނުގެ މުވައްޒަފުން ޔުނިފޯމު މިންގަނޑާ ހިލާފުވެގެން ވަޒީފާއިން ވަކިކުރާ މައްސަލާގައި އިމިގްރޭޝަނުން ބުނެފައި ވަނީ އެ އިދާރާއަކީ ގައުމީ ސަލާމަތާ ގުޅުންހުރި ރާއްޖޭގެ ބޯޑަރު ބެލެހެއްޓުމުގެ ގާނޫނީ ޒިންމާތަކެއް މަތިކޮށްފައިވާ އިދާރާއެއް ކަމަށެވެ. އެހެންކަމުން އެ އިދާރާގެ މުވައްޒަފުންނަކީ ކޯޑް އޮފް ކޮންޑަކްޓާއި ޔުނިފޯމް މިންގަނޑުތަކަށް ހުރުމަތްތެރިކޮށް ހިތަން ޖެހޭ ބަޔަކަށް ވާންޖެހޭނެ ކަމަށެވެ.

އިމިގްރޭޝަނުން ބުނީ އެ އިދާރާގައި މަސައްކަތް ކުރާ ހުރިހާ މުވައްޒަފުންނަކީ ވެސް ކޯޑް އޮފް ކޮންޑަކްތާއި ޔުނިފޯމް މިންގަނޑާއި އަދިވެސް އެ އިދާރާގައި ހެދިފައިވާ ހުރިހާ ގަވާއިދުތަކަށް ހުރުމަތްތެރިކޮށް ހިތާ ބޯލަނބާ ބަޔަކަށް ވާންޖެހޭނެ ކަމަށެވެ.

އިމިގްރޭޝަނުގެ މުވައްޒަފުންގެ ތެރެއިން ކޯޑް އޮފް ކޮންޑަކްޓާއި ޔުނިފޯމް ގަވާއިދާ ހިލާފުވި މުވައްޒަފުންތަކަކަށް އެހެން ވަޒީފާއަކަށް ބަދަލުވުމަށް ފުރުސަތު ދީފައިވާނެ ކަމަށް އެ އިދާރާއިން ވަނީ ބުނެފަ އެވެ. ނަމަވެސް އެހެން އިދާރާއަކުން ދޭ ވަޒީފާއަކީ އިމިގްރޭޝަނުން ދެމުން އައި މުސާރައާ އިނާޔަތް ހަމަ އެވަރަށް ދޭނެ ތަނެއްކަން ޔަގީން ނުވާ ކަމަށް އިމިގްރޭޝަނުން ވަނީ ބުނެފަ އެވެ.

ޔުނިފޯމު މިންގަނޑާ ހިލާފުވި މުވައްޒަފުންނަށް ނޯޓިސް ދީފައިވާ އެކެއް އޮކްޓޫބަރާ ހަމައަށް އެހެން ވަޒީފާއެއް ހޯދުމަށް ބުނެ އެވެ. އަދި އެ ދުވަހާ ހަމައަށް މުސާރަ ލިބޭނެ ކަމަށް ފޮނުވާފައިވާ ނޯޓިސްގައިވެ އެވެ. ނަމަވެސް ނޯޓިސް ލިބޭ ވަގުތުން ފެށިގެން ވެސް ވަޒީފާއަށް ނުނިކުތުމަށް އިމިގްރޭޝަނުން ވަނީ އަންގާފަ އެވެ.

އިމިގްރޭޝަނުގެ މުވައްޒަފުން ޔުނިފޯމު މިންގަނޑަށް ގެނައި ބަދަލާ ގުޅިގެން އަދާލަތު ޕާޓީން ވެސް ވަނީ ކަންބޮޑުވުން ފާޅުކޮށްފަ އެވެ.