03 Sep 2016, 19:04
ދުނިޔޭގެ އެންމެ ބޮޑު އިގްތިސާދު، އަދި ޖައްވަށް ވިހަ ގޭސް ދެ ވަނައަށް އެންމެ ގިނައިން ބޭރުކުރާ ގައުމު ކަމުގައިވާ އެމެރިކާއިން ވެސް، ޕެރިސް އެގްރިމެންޓު ތަސްދީގު ކޮށްފި އެވެ.
ޕެރިސް އެގްރީމެންޓަކީ، ދުނިޔޭގެ ޖައްވުގެ ފިނި ހޫނުމިން، ސިނާއީ އިންގިލާބު (އިންޑަސްޓްރިއަލް ރިވޮލިއުޝަން)ގެ ކުރިން ހުރި މިންވަރާ އަޅަ ބަލާއިރު، ދެ ޑިގްރީ ސެލްސިއަސްއަށް މަތި ނުވާނެ މިންވަރެއްގައި ބެހެއްޓުމަށް ގައުމުތަކުން އެކުލަވާލި އެއްބަސްވުމެކެވެ.
އެމެރިކާއިން ޕެރިސް އެގްރިމެންޓު ތަސްދީގު ކޮށްފައި މި ވަނީ، ޗައިނާއިން އެ އެގްރިމެންޓު ތަސްދީގު ކުރަން މިއަދު ނިންމި ނިންމުމަށް 12 ގަޑިއިރު ވެސް ނުވަނީހެވެ. ޗައިނާއަކީ ޖައްވަށް އެންމެ ގިނައިން ވިހަ ވޭސް ދޫކުރާ ގައުމެވެ.
ޗައިނާއާއި އެމެރިކާއިން ޕެރިސް އެގްރިމެންޓު ތަސްދީގުކުރަން ނިންމި ނިންމުމަށް ރާއްޖޭގެ ތިމާވެއްޓާ ބެހޭ ވަޒީރު ތާރިގު އިބްރާހިމް ވަނީ އެ ދެ ގައުމަށް މަރުހަބާ އާއި ޝުކުރު ދަންނަވައިފަ އެވެ.
މިނިސްޓަރ ތޯރިގު ވިދާޅުވީ، ޖައްވަށް ވިހަ ގޭސް އެންމެ ގިނައިން ދޫކުރާ ދެ ގައުމު ކަމުގައިވާ ޗައިނާއާއި އެމެރިކާއިން ޕެރިސް އެގްރިމެންޓު ތަސްދީގުކުރަން ނިންމުމަކީ، އެ އެގްރިމެންޓު ކާމިޔާބު އެއްޗަކަށް ވުމަށް ލިބިގެން ދާނެ ވަރަށް ބޮޑު ބާރަކަށް ކަމަށެވެ.
އަދި އެ ދެ ގައުމުން އެއްބަސްވުން ތަސްދީގު ކުރުމުން، ތަސްދީގުނުކޮށް ތިބި އެހެން ގައުމުތަކަށް އެކަމުން ހިތްވަރު ލިބޭނެ ކަމަށް ވެސް މިނިސްޓަރު ވިދާޅުވި އެވެ.
އެލަޔަންސް އޮފް ސްމޯލް އައިލެންޑް ސްޓޭޓްސް (އެއޯސިސް) ނުވަތަ ކުދި ޖަޒީރާ ގައުމުތަކުގެ އިއްތިހާދުގެ ޗެއާގެ ގޮތުގައި، ރާއްޖެއިން ވަނީ ޕެރިސް އެގްރިމެންޓު އެކުލަވާލުމުގެ މަސއްކަތުގައި އިސް ދައުރެއް އަދާކޮށްފަ އެވެ. އަދި ރާއްޖެއަކީ، އެ އެގްރިމެންޓުގައި ސޮއި ކުރި އެންމެ ފުރަތަމަ އެއް ގައުމު ވެސް މެ އެވެ.
ޗައިނާ އާއި އެމެރިކާއިން ޕެރިސް އެގްރިމެންޓު ތަސްދީގު ކުރުމާއެކު، އެ އެގްރިމެންޓު ތަސްދީގު ކުރި ގައުމުތަކުގެ އަދަދު 25 އަށް ވަނީ އަރާފަ އެވެ. ޕެރިސް އެގްރިމެންޓުގައި ދުނިޔޭގެ 180 ގައުމަކުން ސޮއިކޮށްފައިވާ އިރު، އެ އެގްރިމެންޓުގައިވާ ކަންކަން އަމަލީ ގޮތުން ތަސްދީގުކުރަން ފަށާނީ 55 ގައުމެއްގެ ސަރުކާރަކުން އެ އެގްރިމެންޓު ތަސްދީގުކު ރަން ނިންމުމުންނެވެ.
ޗައިނާ އާއި އެމެރިކާއިން ޕެރިސް އެގްރިމެންޓު ތަސްދީގު ކުރިކަން މިއަދު އިއުލާން ކުރި އިރު، އެމެރިކާގެ ރައީސް ބަރަކް އޮބާމާ މިވަގުތު ހުންނެވީ މި ހަފްތާގައި ފަށާ ޖީ20 ސަމިޓުގައި ބައިވެރިވެވަޑައިގަތުމަށް، ޗައިނާގެ ހަންޖޯ ގައެވެ.