03 Sep 2016, 16:56
ސެމްސަންގް ކުންފުނިން އެންމެ ފަހުން ބާޒާރަށް ނެރުނު ސްމާޓް ފޯން، ސެމްސަންގް ގެލެކްސީ ނޯޓް 7 ވިއްކުން އެ ކުންފުނިން ހުއްޓާލުމުން، ދިރާގަށް އެ ފޯނު ހޯދުމަށް އެދި ޕްރީއޯޑާދީ ފައިސާ ދައްކާފައިވާ މީހުންނަށް އަނބުރާ ފައިސާ ދޭން ފަށައިފި އެވެ.
ސެމްސަންގުން އިއްޔެ ވަނީ ނޯޓް 7ގެ ބެޓެރީގައި މައްސަލަތަކެއް އުޅޭކަމަށް ބުނެ، އެ ކުންފުނިން އެކި ފަރާތްތަކަށް ދޫކޮށްފައި ހުރި ފޯނުތައް ކުންފުންޏަށް އަނބުރާ ދިނުމަށް އަންގާފަ އެވެ. އެގޮތުން އެ ކުންފުނީގެ ޑިސްޓްރިބިއުޓަރުންނަށް ދޫކޮށްފައި ހުރި ފޯނުތައް ވެސް މާކެޓަށް ނުނުރެ އަނބުރާ ރިޓާން ކުރުމަށް ވަނީ އަންގާފަ އެވެ.
ދުނިޔޭގައި އެންމެ ފުރަތަމަ އެ ފޯނު ސެމްސަންގުން ލޯންޗްކުރީ ނިއުޔޯކްގަ އެވެ. އެއަށްފަހު ދިރާގާ ގުޅިގެން އެ ކުންފުނިން ވަނީ ރާއްޖޭގައި އެ ފޯނު ލޯންޗްކޮށްފަ އެވެ. ލޯންޗް ކުރުމާ އެކު ދިރާގުން ވަނީ އެ ކުންފުނިން ފޯނު ގަންނަން ބޭނުންވާ ކަސްޓަމަރުންނަށް ޕްރީއޯޑާ ކުރުމުގެ ފުރުސަތު ހުޅުވާލައި ފައިސާ ދެއްކުމަށް ވެސް ހުޅުވާލައިފަ އެވެ.
ދިރާގުގެ ޕަބްލިކް ރިލޭޝަންސް މެނޭޖަރު އިމްޖާދު ޖަލީލް "ސަން" އަށް ވިދާޅުވީ ސެމްސަންގުން އުފައްދައި މާކެޓަށް ނެރުނު ފޯނެއް އެ ކުންފުނިން ވިއްކުން ހުއްޓާލުމުން ދިރާގަށް އެ ފޯނު ކަސްޓަމަރުންނަށް ފޯރުކޮށްދެވޭނެ ގޮތެއް ނޯންނާނެ ކަމަށެވެ.
"މިހާރު ސެމްސަންގް ކުންފުނިން މި ބުނަނީ އެ ފޯނު ބޭނުން ކުރުމަކީ އެންމެ ރައްކާތެރި ގޮތެއް ނޫނޭ. އެގޮތަށް ބުނެ އެ ކުންފުނިން މާކެޓަށް ދޫކޮށްފައި ހުރި ހުރިހާ ފޯނެއް އަނބުރާ ނަގަނީމި ސެމްސަންގަށް. އަޅުގަނޑުމެންނާ އެކު އެހެން ފަރާތްތަކަށް ދީފަ ހުރި ޝިޕްމަންޓް ވެސް އަނބުރާ ދޭން އަންގާފަ ވަނީ ސެމްސަންގުން،" އިމްޖާދު ވިދާޅުވި އެވެ.
އެހެންކަމުން އެ ފޯނު ގަތުމަށް އެދި ޕްރީއޯޑާ ދިން ކަސްޓަމަރުންނަށް، އެ ކަސްޓަމަރުން ދިރާގަށް ދީފައިވާ ފައިސާ އަނބުރާ ހަވާލުކުރަން ފަށާފައިވާ ކަމަށް އިމްޖާދު ވިދާޅުވި އެވެ.
"ދިވެހިންނަކީ އަބަދުވެސް ޓެކްނޮލޮޖީއަށް ވަރަށް ލޯބިކުރާ ބައެއް. އެހެންވީމަ ދިރާގުން އަބަދުވެސް މަސައްކަތް ކުރާނަން އެޕަލް އަދި ސެމްސަންގް ފަދަ ކުންފުނިން މާކެޓަށް ނެރޭ އެންމެ ފަހުގެ އުފެއްދުންތައް އަޅުގަނޑުމެން މެދުވެރިކޮށް ދިވެހިންނަށް އަވަހަށް ފަސޭހައިން ލިބޭނެގޮތް ހަދައިދިނުމަށް،" އިމްޖާދު ވިދާޅުވި އެވެ.
ބޭރުގެ ބައެއް މީޑިއާ ތަކުގައި ސެމްސަންގްގެ އޮފިޝަލުންނާ ހަވާލާދީ ބުނެފައި ވަނީ މިހާރު ފޯނު ގަނެފައިވާ ކަސްޓަމަރުންނަށް ފޯނު ބަދަލުކުރުމުގެ ފުރުސަތު ސެމްސަންގ ކުންފުނިން ދޭނެ ކަމަށެވެ. ސެމްސަންގުން މިހާރު ދަނީ 10 ގައުމެއްގައި އެ ފޯނު ލޯންޗްކޮށް މިލިއަނުން ފޯނު ސަޕްލައި ކުރަމުންނެވެ.
ސެމްސަންގުން އިއްޔެ ބުނީ ނޯޓް 7 ވިއްކުން ހުއްޓާލަނީ ފޯނުގެ ބެޓަރީގެ ސީރިއަސް މައްސަލަތަކެއް ފާހަގަ ވެގެން ކަމަށާއި ނޯޓް 7 ޗާޖް ކުރުމުން ފޯނުގައި އަލިފާން ރޯވެގެން، މިހާތަނަށް 35 މައްސަލައެއް ހުށަހަޅާފައިވާ ކަމަށެވެ. އެ ކުންފުނިން ބުނީ މިހާރު ވިއްކާފައިވާ، 2.5 މިލިއަނެއްހާ ފޯނަށް ވެސް ކުންފުނިން ބަދަލު ދޭން ނިންމާފައިވާ ކަމަށެވެ.