ދަ ކޮލޮމްބޯ ޕްލޭންގެ ދަށުން، ޕަބްލިކް ޕޮލިސީއާ ބެހޭ ތިން ދާއިރާއަކުން މާސްޓާސް ޑިގްރީއަށް ކިޔެވުމުގެ ފުރުސަތު މިއަދު ހުޅުވާލައިފި އެވެ.

ދަ ކޮލޮމްބޯ ޕްލޭނަކީ އޭޝިއާ ޕެސިފިކް ސަރަހައްދުގެ ދޭދޭ ގައުމުތަކުގެ މެދުގައި އިގްތިސާދީ އަދި އިޖްތިމާއީ ގުޅުން ވަރުގަދަކޮށް، އެ ދާއިރާތަކުން އިންސާނީ ވަސީލަތް ވަރުގަދަ ކުރުމަށްޓަކައި އުފައްދާފައިވާ ޖަމިއްޔާއެކެވެ. ދަ ކޮލޮމްބޯ ޕްލޭންގެ ދަށުން އެކި ގައުމުތަކަށް ސްކޮލަޝިޕްގެ ފުރުސަތުތައް ދޭ އިރު، ނޭޕާލްގެ ކުރީގެ ރައީސް ޑރ. ބާބޫރާމް ބަޓަރާއީ ސިންގަޕޫރުގެ ފަސްވަނަ ރައީސް އޮންގް ޓެންގް ޗެއޮންއަކީ ކޮލޮމްބޯ ޕްލޭންގެ ސްކޮލަޝިޕްގެ ދަށުން ކިޔަވައިވިދާޅުވި ބައެއް ބޭފުޅުންނެވެ.

ކޮރެއާގެ ކޭޑީއައި (ކޮރެއާ ޑިވެލޮޕްމަންޓް އިންސްޓިޓިއުޓް) ސްކޫލް އޮފް ޕަބްލިކް ޕޮލިސީއިން ހުށަހަޅާފައި ވަނީ ޕަބްލިކް ޕޮލިސީ، ޑިވެލޮޕްމަންޓް ޕޮލިސީ އަދި ޕަބްލިކް މެނޭޖްމެންޓް ދާއިރާތަކުން މާސްޓާސް ޑިގްރީއަށް ކިޔެވުމުގެ ފުރުސަތުތަކެކެވެ.

ޑިޕާޓްމެންޓް އޮފް ހަޔަރ އެޑިއުކޭޝަނުން 30 އޯގަސްޓްގައި ކުރި އިއުލާނެއްގައި ބުނެފައި ވަނީ، މި ކޯސްތަކަށް ކުރިމަތިލެވޭނީ، އެ ކޯހަކާ ގުޅެ ދާއިރާއިން ފުރަތަމަ ޑިގްރީ ހާސިލުކޮށްފައިވާ ފަރާތްތަކަށް ކަމަށެވެ.

އެއް އަހަރު ދުވަހުގެ މުއްދަތަށް ކުރިޔަށް ދާ މި ކޯހުގެ ޓިއުޝަން ފީ، އެޑްމިޝަން ފީ، އެކޮމޮޑޭޝަން އަދި ލިވިނގް އެލަވަންސްގެ އިތުރުން، ކޮރެއާއަށް ދިއުމުގެ ދެކޮޅު ޓިކެޓު ހަމަޖައްސައިދެނީ ކޮލޮމްބޯ ޕްލޭން އަދި ކޭޑީއައި ސްކޫލުންނެވެ.

އެހެން ނަމަވެސް ވީސާ ފީއާއި ބުކް އެލަވަންސްގެ ގޮތުގައި ދައްކަންޖެހޭ 300 ޑޮލަރު ހަމަޖައްސަން ޖެހެނީ އަމިއްލަ ޚަރަދުގަ އެވެ.

އަންނަ އަހަރުގެ ފެބްރުއަރީ މަހު ފަށަން ހަމަޖެހިފައިވާ މި ކޯހަށް ކުރިމަތިލުމުގެ ސުންގަޑިއަކީ އަންނަ ހޯމަ ދުވަހެވެ.