ބެއިޖިން (ސެޕްޓެމްބަރު 4): ޗައިނާގައި މިދިޔަ މަހުގެ 22 ވަނަ ދުވަހު ހުޅުވި ދުނިޔޭގެ އެންމެ ދިގު އަދި އެންމެ އުސް ބިއްލޫރި ބުރިޖު މަރާމާތުތަކަށް ޓަކައި އިއްޔެ ބަންދުކޮށްފި އެވެ.

ޗައިނާގެ ސޯޝަލް މީޑިއާ ސައިޓު ކަމަށްވާ ވީބޯގައި އެގައުމުގެ އޮފިޝަލުން ބުނެފައިވާ ގޮތުގައި ބުރިޖު ބަންދުކޮށްފައި ވަނީ އެއަށް ގެއްލުމެއް ލިބުމުގެ ސަބަބުނެއް ނޫނެވެ. ނަމަވެސް ބުރިޖަށް ޒިޔާރަތް ކުރާ މީހުންގެ އަދަދު ހީކުރިވަރަށް ވުރެ އިތުރުވުމުން ބުރިޖުގެ ހާލަތު އިތުރަށް ރަނގަޅު ކުރުމަށެވެ.

ސީއެންއެންއަށް މައުލޫމާތު ދެމުން އެހެން އޮފިޝަލަކު ވިދާޅުވި ގޮތުގައި ކޮންމެ ދުވަހަކު ބުރިޖަށް އަރަން ރައްކާތެރި މިންވަރަކީ 8000 މީހުންނެވެ. ނަމަވެސް އެމިންވަރަށް ވުރެ 10 ގުނަ އިތުރަށް ކޮންމެ ދުވަހަކު މީހުން ބުރިޖަށް ޒިޔާރަތް ކޮށްފައިވާ ކަމަށްް އޮފިޝަލު ވިދާޅުވި އެވެ.

ބުރިޖު އަލުން ހުޅުވާނެ ތާރީހެއް ޗައިނާއިން އަދި ހާމަކޮށްފައި ނުވެ އެވެ.

ޗައިނާގެ ހުނާން ޕްރޮވިންސުގައި އޮންނަ ޒަންގްޖިއަޖީ ޕާކުގައި ހަދާފައިވާ އެބިއްލޫރި ބުރިޖުގެ ދިގު މިނުގައި 430 މީޓަރު ހުރެ އެވެ. އަދި ފުޅާ މިނުގައި ހަ މީޓަރު ހުންނަ އެބުރިޖު ހަފާދައި ވަނީ 300 މީޓަރު މަތީގަ އެވެ. (ގާޑިއަން)