އޭޝިއާ ސަރަހައްދުގައި އަންހެނުން އަދިވެސް ފާހަގަކުރެވެނީ ވަރަށް ބޮޑަށް އެކަހެރިކުރެވިފައިވާ ބައެއްގެ ގޮތުގައި ކަމަށާއި އެބައިމީހުން ބާރުވެރިކުރުވުމަށް އަދިވެސް ގިނަ މަސައްކަތްތަކެއް ކުރާން ޖެހޭ ކަމަށް އެމްޑީއޭގެ ޑެޕިއުޓީ ލީޑަރު އާއިޝަތު ރަފިއްޔާ ވިދާޅުވެއްޖެ އެވެ.

ރަފިއްޔާ މިހެން ވިދާޅުވީ މިމަހު އެކަކުން ހަތަރަކަށް މެލޭޝިއާގެ ވެރިރަށް ކުއާލަލަމްޕޫރުގައި ކުރިޔަށްދާ އިންޓަނޭޝަނަލް ކޮންފަރެންސް އޮފް އޭޝިއަން ޕޮލިޓިކަލް ޕާޓީސް (އައިކެޕް) ވިމަންސް ވިންގް ގެ ބައްދަލުވުމުގައި އިއްޔެ ވާހަކަފުޅު ދައްކަވަމުންނެވެ.

ދިވެހިރާއްޖޭގެ ހާލަތާ ގުޅޭ ގޮތުން ވާހަކަދައްކަވަމުން އެ ބައްދަލުވުމުގައި ރަފިއްޔާ ވިދާޅުވީ، އެކަނިވެރި މައިންނަށް ސަރުކާރުން އިނާޔަތެއް ދޭ އިރު، އަންހެނުންނަށް ވިޔަފާރި ކުރުމަށް ކުދި އަދި މެދު ފަންތީގެ ލޯނު ސްކީމެއް ތައާރަފު ކުރުމާއި އަންހެނުން ގޭގައި ތިބެގެން ވަޒީފާ އަދާކުރެވޭނެ އިންތިޒާމުތަކާއި ވަޒީފާ އަދާކުރާ ވަގުތުތައް ފްލެކްސިބަލް ކުރުން ފަދަ ފަސޭހަތައް ސަރުކާރުން ހަމަޖައްސައިދީފައިވާ ކަމަށެވެ.

އަންހެނުން ބާރުވެރި ކުރުވުމަކީ ރައީސް ޔާމީންގެ އެންމެ މުހިއްމު އެއް ސިޔާސަތު ކަމަށާއި، މިހާރުގެ ސަރުކާރުން އަންހެނުން ކުރިއެރުވުމުގައި ހުރި ހުރަސްތައް ނައްތާލުމަށް މަސައްކަތް ކުރަމުންދާ މަންޒަރު ފެނިގެންދާ ކަމަށް ރަފިއްޔާ ވިދާޅުވި އެވެ.

އެހެން ނަމަވެސް ސިޔާސީ އިސް މަގާމުތަކަށް އައުމަށް އަންހެނުން އަދިވެސް އިތުރު މަސައްކަތްކެއް ކުރާން ޖެހޭ ކަމަށް ރަފިއްޔާ ވިދާޅުވި އެވެ.

"ދިވެހި އަންހެނުން ބާރުވެރި ކުރުމުގައި ކުރިމަތިވެފައިވާ ގޮންޖެހުންތައް ގިރާކުރުމަށާއި، ނިންމަންޖެހޭ އުނދަގޫ ނިންމުންތައް ނިންމުމަށްޓަކައި އެތައް ގިނަގުނަ މަސައްކަތެއް ކުރެވޭ އިރުވެސް އަދިވެސް އެދެވޭ ނަތީޖާއެއް ނުނެރެވޭ. އަންހެނުން ބާރުވެރި ކުރުވަން އަދިވެސް ގިނަ މަސައްކަތްތަކެއް ކުރާން ޖެހޭ. ހާއްސަކޮށް ސިޔާސީ ދާއިރާގައި އެ މަސައްކަތް އިތުރުކުރާން ޖެހޭ،" ރަފިއްޔާ ވިދާޅުވި އެވެ.

ގާނޫނުން އަންހެނުންނަށް ދެވޭ ބާރުތައް ބައެއް މީހުން ބަލައި ނުގަތް ކަމުގައި ވިޔަސް ދިވެހިރާއްޖެ ފަދަ ތަރައްގީ ވަމުން އަންނަ ގައުމަކަށް އަންހެނުން ކުރިއެރުވުމާއި ބާރުވެރި ކުރުވުމުގެ ގާނޫނު ވަރަށް މުހިއްމު ކަމަށް އޭނާގެ ވާހަކަފުޅުގައި ފާހަގަ ކުރެއްވި އެވެ. އަދި އޭޝިއާ ސަރަހައްދުގައި ދެބައިކުޅަ އެއްބައި ހިއްސާ ކުރަނީ އަންހެނުންކަން ފާހަގަކުރައްވަމުން ރަފިއްޔާ ވިދާޅުވީ އޭޝިއާގެ ގައުމުތައް ގުޅިގެން ކުރެވޭ މަސައްކަތުން ވެސް މި މައްސަލައަށް އިތުރު ހައްލު ގެނެވޭނެ ކަމަށް ގަބޫލުކުރައްވާ ކަމަށެވެ.

ރަފިއްޔާގެ ވާހަކަފުޅުގައި ޖިންސީ ތަފާތުކުރުމަކީ މުޅި ދުނިޔޭގައިވެސް ކުރިމަތިވަމުން އަންނަ ކަމެއް ކަމަށާއި، އެކަން ނައްތާލުމަށް ރާއްޖެއިން މިހާރު ގިނަ މަސައްކަތްތަކެއް ކޮށް ކުރިއެރުން ތަކެއް ހޯދާފައިވާ ކަމަށް ވިދާޅުވި އެވެ.

ރަފިއްޔާ ވިދާޅުވީ ފާއިތުވެ ދިޔަ މަދު އަހަރުތަކުގެ ތެރޭގައި އޭޝިޔާގެ ސިޔާސީ ޕާޓިތަކުން އަންހެން ލީޑަރުން ކުރިއެރުމަށް ގިނަ މަސައްކަތްތަކެއް ކޮށްފައިވާ ކަމަށެވެ. ނަމަވެސް އަންހެނުންނަށް ކަންކަމުގައި ބައިވެރިވެ ކަންކަން ނިންމުމުގައި ލިބިފައިވާ މަދު ފުރުސަތުތަކުގެ ސަބަބުން، އޭޝިއާގެ ގިނަ ގައުމުތަކުގައި އަންހެނުންނަކީ އެކަހެރި ކުރެވިފައިވާ ބައެއްގެ ގޮތުގައި އިހްސާސް ކުރެވޭކަމަށް އޭނާ ވިދާޅުވި އެވެ.

އެ ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުން ރަފިއްޔާ ވަނީ، އަންހެނުން ކުރިއެރުވުމަށާއި ބާރުވެރި ކުރުވުމަށް އަދި ޒުވާނުންގެ ކުރިއެރުމަށް އެމްޑީއޭގެ ލީޑަރު އަހްމަދު ސިޔާމް މުހައްމަދު ކުރައްވަމުން ގެންދަވާ މަސައްކަތްތަކަށް އެމަނިކުފާނަށް ޝުކުރު އަދާކުރައްވައިފަ އެވެ.

އަދި އަންހެނުން ބާރުވެރިކުރުމަށް މިހާރަށްވުރެ ބޮޑަށް އަހައްމިއްޔަތެއް ދީ އެ މައްސަލަ ކަމާބެހޭ ފަރާތްތަކާއި މުޖުތަމައުގެ ސަމާލުކަމަށް ގެނައުމަށް ރަފިއްޔާ ވަނީ ގޮވާލައްވައިފަ އެވެ.