03 Sep 2016, 16:09
ޓޮޕްކެޓް ވޯލްޑް ސެއިލިން ޗެމްޕިއަންޝިޕްގައި ވާދަކުރި ރާއްޖޭގެ ޓީމުން ދުނިޔޭގެ 23 ވަނަ ހޯދައިފި އެވެ.
އެ މުބާރާތުގައި ވާދަކޮށް ދުނިޔޭގެ 23 ވަނަ އަށް ހޮވުނު ރާއްޖޭގެ ޓީމުގައި ހިމެނެނީ އަބްދުލްޣަފޫރު އަލީ (ގައްބެ) އާއި އާދަމް ފައިސަލް (އެޑަމް) އެވެ. އެ މުބާރާތުގައި ޖުމްލަ 32 ޓީމު ވާދަކޮށްފައިވެ އެވެ.

ޓޮޕްކެޓް ކޭ ވަންގެ ގަދަ ތިނެއްގައި ހިމެނޭ ޓީމުތައް: ރާއްޖޭގެ ޓީމުން ވަނީ މުބާރާތުގެ 23 ވަނަ ހޯދާފައި --- ފޮޓޯ: ސްލޯޓޭޕްއެމްވީ
ކްރޮއޭޝިއާގައި މުބާރާތް ކުރިއަށްދިޔަ އިރު ގައްބެ އާއި އެޑަމް އަށް އެ ގައުމުގެ ގަދަ ވަޔަށް ހޭނުމަށް ގިނަ އުނދަގޫތަކަކާ ކުރިމަތިލާން ޖެހުނެވެ. އެގޮތުން ކްރޮއޭޝިއާގައި ވައި ގަދަވުމުގެ ސަބަބުން މުބާރާތް ފެށުމުގެ ކުރިން ޓީމުތަކަށް ރޭވުނު ޓުއާ ވެސް ކެންސަލްކޮށްފައިވެ އެވެ.
ޓޮޕްކެޓް ކޭ ވަންގެ ޗެމްޕިއަންކަން އިޓަލީގެ ގުއިޑޯ ޕަސޮލީނީ އާއި ލޮރެންޒޯ ކަސަމެންޓީ ހޯދި އިރު، ދެ ވަނަ ހޯދާފައިވަނީ އޮސްޓްރިއާގެ މާސެޑީސް ޒިން ޒިނެންބާގާއި ޓޮމީ ޗަޖްކާ އެވެ. އަދި ތިން ވަނަ ހޯދާފައި ވަނީ އޮސްޓްރިއާގެ ވުލްފްގޭންގް އާއި ޕައުލް ކްލެމްޕްފާ އެވެ.
މިއީ ޓޮޕްކެޓް ވޯލްޑް ސެއިލިން ޗެމްޕިއަންޝިޕްގައި ރާއްޖޭގެ ޓީމެއް ވާދަކުރި ފުރަތަމަ ފަހަރެވެ.