03 Sep 2016, 16:05
މި އަހަރުގެ ނޮވެމްބަރު މަހު ސްރީލަންކާގައި ބާއްވަން ހަމަޖެހިފައިވާ، އިސްލާމްދީނާއި ޑިމޮކްރަސީއާ ބެހޭ ބައިނަލްއަގުވާމީ ޖަލްސާއެއްގައި ބައިވެރިވުމުގެ ދައުވަތު، ސްރީލަންކާގެ ބޮޑުވަޒީރު ރަނިލް ވިކްރަމަސިންހަ ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމަށް އަރުވައިފި އެވެ.
ރައީސް މައުމޫނާއި ލަންކާގެ ބޮޑުވަޒީރު ރަނިލް ސިންގަޕޫރުގައި މިވަގުތު ތިއްބެވީ، އިންޑިއަން އޯޝަން ކޮންފަރެންސްގައި ބައިވެރިވެވަޑައިގަތުމަށް ޓަކަ އެވެ.
ސިންގްޕޫރުގައި މިއަދު ދެ ބޭފުޅުން ބައްދަލުކުރެއްވި އިރު، އިސްލާމްދީނާއި ޑިމޮކްރަސީއާ ބެހޭ ޖަލްސާގައި ބައިވެރިވުމަށް ބޮޑުވަޒީރު ވިކްރަމަސިންހަ ދެއްވި ދައުވަތު، ރައީސް މައުމޫން ވަނީ ގަބޫލުކުރައްވައިފަ އެވެ.
އެ ބައްދަލުކުރެއްވުމުގައި، ލަންކާގެ ބޮޑުވަޒީރު ވިދާޅުވީ ރާއްޖޭގެ ތަރައްގީއާއި ހަމަޖެހުމަށް ލަންކާއިން އަބަދުވެސް އެދޭ ކަމަށެވެ.
ރައީސް މައުމޫން މިއަދު ކުރެއްވި ޓުވީޓެއްގައި ވަނީ، އެމަނިކުފާނަށް މަރުހަބާ ދެންނެވީތީ ބޮޑުވަޒީރު ރަނިލް ވިކްރަމަސިންހައަށް ޝުކުރު އަދާކުރައްވައިފަ އެވެ.
ލަންކާގެ ބޮޑުވަޒީރު ރަނިލް ވެސް ވަނީ، އިންޑިއަން އޯޝަން ކޮންފަރެންސް 2016ގައި ބައިވެރިވެވަޑައިގެންފަ އެވެ. އެ ރަސްމިއްޔާތުގެ ފޮޓޯތައް ދައްކާ ގޮތުގައި، ރައީސް މައުމޫން އެ ޖަލްސާގައި އިންނެވީ ބޮޑުވަޒީރު ރަނިލްއާއި އަނބިކަނބަލުން ޑރ. މައިތުރީ ވިކްރަމަސިންހައާ ޖެހިގެންނެވެ.

ރައީސް މައުމޫން، ލަންކާގެ ބޮޑުވަޒީރުގެ ދެކަނބަލުންނާ އެކު -- ފޮޓޯ/ ރައީސް މައުމޫން
ރައީސް މައުމޫން އަދި ލަންކާގެ ބޮޑުވަޒީރު ވެސް އެ ކޮންފަރެންސްގައި ތަގުރީރު ކުރެއްވި އިރު، ރައީސް މައުމޫންގެ ތަގުރީރުގައި އެމަނިކުފާނު ވިދާޅުވީ އިންޑިއާ ކަނޑު ސަރަޙައްދުގެ ޞުލްޙަ އާއި ތަރައްގީ އަށް ކުރިމަތިވެފައިވާ ގޮންޖެހުންތަކާއި އަދި އެ ގޮންޖެހުންތައް ޙައްލުކުރުމަށް ޓަކައި ގުޅިގެން މަސައްކަތްކުރުމަށް ވާހަކަ ދައްކަމުން ގެންދާނެ ގޮތުގެ އިންތިޒާމެއް ހަމަޖެއްސުމަށް އެދިވަޑައިގަންނަވާ ކަމަށެވެ.
ިއިންޑިއަން އޯޝަން ކޮންފަރެންސަކީ އިންޑިއާގެ އަމިއްލަ ޖަމްޢިއްޔާއެއް ކަމަށްވާ އިންޑިއާ ފައުންޑޭޝަނާއި ސިންގަޕޫރުގެ އެސް ރާޖަރަތުނަމް ސްކޫލް އޮފް އިންޓަނޭޝަނަލް ސްޓަޑީޒްއާ ގުޅިގެން ބާއްވަމުންގެން އަންނަ، މި ސަރަޙައްދުގެ ގައުމުތައް ހިމެނޭ ކޮންފަރެންސެކެވެ. އެ ކޮންފަރެންސުގައި 21 ގައުމަކުން ބައިވެރިވި އެވެ.