03 Sep 2016, 15:05
ޔޫރޮޕާ ލީގަށް ކޯޗު ހޯސޭ މޮރީނިއޯ ނެގި މެންޗެސްޓާ ޔުނައިޓެޑުގެ ސްކޮޑުން ބަސްޓިއަން ޝުވެންސްޓެއިގާ އަށް ޖާގައެއް ނުދިނެވެ.
ޖަރުމަން ގައުމީ ޓީމުގެ ކުރީގެ ކެޕްޓަން ޝުވެންސްޓެއިގާ އަށް ޔުނައިޓެޑާއެކު މި ސީޒަނުގެ ޔޫރަޕްގެ މުބާރާތްތަކުގައި ބައިވެރިވުމުގެ ފުރުސަތު އޮތް ނަމަވެސް، އޭނާ އަށް މޮރީނިއޯ ޖާގަ ދީފައެއް ނުވެ އެވެ.
ޝުވެންސްޓެއިގާ އަށް ސްކޮޑުން ޖާގަ ނުދިން އިރު، އެ ކްލަބުގެ ޒުވާން ކުޅުންތެރިން ކަމަށްވާ ޓިމޮތީ ފޮސޫ މެންސާހް އާއި އެކްސެލް ޓުއަންޒޭބޭ އަށް ވަނީ ޖާގަ ދީފަ އެވެ. ޔޫރޮޕާ ލީގުގައި ޔުނައިޓެޑް ހިމެނެނީ ފެޔެނޫޑް ޒޮރިޔާ އަދި ފެނަބާޗޭއާ އެކު ގްރޫޕް އޭގައެވެ.

މެންޗެސްޓާ ޔުނައިޓެޑުގެ ކޯޗު ހޯސޭ މޮރީނިއޯ: ޔޫރޮޕާ ލީގަށް މޮރީނިއޯ ނެގި ޔުނައިޓެޑުގެ ސްކޮޑުން ޝުވެންސްޓެއިގާ އަށް ޖާގަ ނުދިން ނަމަވެސް، އެ ކްލަބުގެ ޒުވާން ކުޅުންތެރިން ތަކަކަށް ޖާގަ ދީފައިވޭ --- ފޮޓޯ: ގެޓީ
ޔޫރޮޕާ ލީގުގެ ސްކޮޑުން ޝުވެންސްޓެއިގާ އަށް ޖާގަ ދީފައިނުވި ނަމަވެސް، އޭނާ އަށް އިނގިރޭސި ޕްރިމިއާ ލީގަށް ނެގި ޔުނައިޓެޑުގެ ސްކޮޑުން ވަނީ ޖާގަ ދީފަ އެވެ.
ބަޔާން މިއުނިކުން ވިދާލި ޝުވެންސްޓެއިގާ ބުނީ، އެމެރިކާގެ މޭޖާ ލީގް ސޮކާ (އެމްއެލްއެސް)ގެ ކްލަބަކަށް ކުޅެން ބޭނުންވާ ކަމަށާއި އޭނާ އާއި ޔުނައިޓުޑްގެ ކޯޗު މޮރީނިއޯއާ ދެމެދު އެއްވެސް މައްސަލައެއް ނެތް ކަމަށެވެ. އަދިވެސް ޔުނައިޓެޑަށް ކުޅެން ބޭނުންވާ ކަމަށް ވެސް އޭނާ ބުންޏެވެ.
"އަހަރެންނާއި މޮރީނިއޯއާ ދެމެދު އެއްވެސް މައްސަލައެއް ނެތް. އަހަރެންގެ ފެންވަރާ މެދު އަހަރެންނަށް އިތުބާރު އެބައޮތް. އަހަރެންނަށް ފުރުސަތު ލިބިއްޖެނަމަ، އަހަރެންނަށް އަދިވެސް ޔުނައިޓެޑަށް އެހީތެރިކަން ފޯރުކޮށްދޭނަން. އަހަރެން އަދި ފުޓްބޯޅަ ކުޅުން ހުއްޓައެއް ނުލާނަން. އެމްއެލްއެސް ޓްރާންސްފާ މުއްދަތު ވަނީ ބަންދުވެފައި. އެހެންކަމުން އެކަން މި ސީޒަނަކު ނުވާނެ. އެކަމަކު އެމެރިކާ އަކީ ރަނގަޅު މަންޒިލެއް،" އޭނާ ބުންޏެވެ.