ގދ. މަޑަވެލި، 21 އަހަރު އިޒުހާމް މުހައްމަދު ސްރީލަންކާގައި ރެއިލެއް ދަށުވެ މިއަދު ނިޔާވެފައިވާ އިރު އެންމެނަށް ވެސް މިވަނީ ޝޮކެއްލިބިފަ އެވެ. އެންމެ ބޮޑު ޝޮކެއް ލިބުނީ އޭނާއާ އެކު ދެން ލަންކާ އަށް ގޮސް އުޅުނު ތިން ދިވެހިންނަށެވެ. އެމީހުންގެ ވާހަކަތަކަށް ބަލާ އިރު ވެސް އިޒުހާމް ރެއިލް ދަގަނޑު ހުރަސް ކުރި ސަބަބެއް މިވަނީ ޔަގީންނުވެފަ އެވެ.

އިޒުހާމް އާ އެކު ލަންކާއަށް ގޮސްއުޅުނު މީހުންނާ ސްރީލަންކާގެ ފުލުހުން މިހާރު ސުވާލު ކުރަމުންދާ އިރު އެމީހުންނާ ހަވާލާދީ ލަންކާގައި މިވަގުތު ހުރި އިޒުހާމްގެ ތިމާގެ މީހަކު ސަން އަށް ބުނީ މިއަދު ހެދުނު އިތުރު މީހަކާ އެކު އިހުޒާމް ހޮޓަލުން ބޭރަށް ނުކުތް ކަމަށެވެ.

އިޒުހާމް އާ އެކު ބޭރަށް ނުކުތް، އޭނާގެ އެކުވެރިޔާއާ ހަވާލާދީ އާއިލާ އިން ބުނީ، އެކުވެރިޔާ މީހަކާ ވާހަކަ ދެއްކުމަށް މަޑުކުރުމުން، ދާތަނެއް ނުބުނެ، އިޒުހާމް ރެއިލް ދަގަނޑާ ދިމާލަށް ދިޔައީ ކަމަށެވެ.

އިޒުހާމް ރެއިލް ދަށުވެފައި--

"އޭނާއާ އެކު ބޭރަށް ނުކުތް މީހާ އެބަބުނޭ ތިމަންނަ މީހަކާ ވާހަކަ ދައްކަން ހުއްޓާ އިޒުހާމް ރެއިލް ދަގަނޑު އޮތް ދިމާލަށް ހުރަސް ކުރަނިކޮށް ދުށީމޭ، ދެން ވީގޮތެއް އޭނާއަކަށް ވެސް ނޭނގެ،" ތިމާގެ މީހާ ބުންޏެވެ.

އިޒުހާމްގެ އެކުވެރިޔާ އެހެން މީހަކާ ވާހަކަ ދައްކަން ހުއްޓާ ލަންކާ މީހަކު އައިސް ރެއިލް ދަގަނޑުގައި އެކްސިޑެންޓެއް ހިނގައިގެން އުޅޭ ވާހަކަ އޭނާ ގާތު ބުންޏެވެ.

އެއާ އެކު އިޒުހާމުގެ އެކުވެރިޔާ އެތަނަށް ދިޔަ އެވެ. ފުރަތަމަ ފެނުމުން އެއީ ކާކުކަން ނޭނގުނެވެ. ހަށިގަނޑު ޗަސްވެފައިވާވަރުންނާއި ހަށިގަނޑު ފޯވެފައިވާ ވަރުންނެވެ. ބޯވެސް ޗަސްވެފައިވާ އިރު އަތްފައި ވަނީ ބިނދިފަ އެވެ. ގިނައިރުތަކެއްނުވެ އެއީ އިޒުހާމްކަން އޭނާ އަށް ޔަގީން ކުރެވުނީ ލައިގެން ހުރި ހެދުމުން ކަމަށް އެކުވެރިޔާއާ ހަވާލާދީ ސަން އަށް ވާހަކަ ދެއްކި މީހާ ބުންޏެވެ.

"އިޒުހާމް އަޅައި އޮތް ގަޑި ހުއްޓިފައި އޮތީ، 9:25 ގައި، އެހެންވެ ބެލެވެނީ އެގަޑީގައި ކަމަށް އެކްސިޑެންޓް ހިނގީ." އާއިލާއިން މައުލޫމާތު ދިން މީހާ ބުންޏެވެ.

އިޒުހާމްގެ އާއިލާއަކަށް ވެސް މިހާތަނަށް އެ ހާދިސާ ހިނގީ ކީއްވެކަން ބުނާކަން ނޭނގެ އެވެ. ނަމަވެސް އިޒުހާމް ރެއިލް އާ އެކު ފޮޓޯ ސެލްފީއެއް ނަގަން އުޅުނު ވާހަކަ އާއި މޫދު ބަލާލުމަށް މޫދު ކައިރިއަށް ދާން އުޅެނިކޮށް އެކްސިޑެންޓްވީ ކަމަށް ބުނެ ވެސް ބައެއް ފަރާތްތަކުން ދަނީ އެއާއިލާއަށް މައުލޫމާތު ދެމުންނެވެ. ނަމަވެސް އެއްވެސް ވަރަކަށް އެ ވާހަކަތައް ކަށަވަރެއްނުވެ އެވެ.

ކޮލޮންބޯގެ ބަންބަލަޕިޓިއާ އަވަށުގައި ހުންނަ އޯޝަން ކޮލޮމްބޯ ކުރި މަތިން އެއެކްސިޑެންޓް ހިނގާފައިވާއިރު އެސަރައްދަކީ ދުރުން އަންނަ ރޭލް ރީޗަށް ފެންނަން އޮންނަ ސަރަހައްދެކެވެ. އަދި ރެއިލް އަންނަ އަޑުވެސް އިވޭނެއެވެ.

އެކުވެރިންތަކާ އެކު ޗުއްޓީއެއް ހޭދަކުރުމަށް އިޒުހާމް ލަންކާއަށް ދިޔައީ މިދިޔަ ބުރާސްފަތި ދުވަހު އެވެ. އޭނާއަކީ ގައުމީ ޔުނިވާސިޓީގައި ގާނޫނީ ވަކީލްކަން ކިޔަވާ ދަރިވަރެކެވެ. މިއީ އޭނާގެ ފަހު ސެމިސްޓާ އެވެ. އޭނާ އަށް ކިޔަވައިދެއްވި ދީނީ އިލްމުވެރިން ސިފަކުރާގޮތުގައި އިޒުހާމަކީ އަހުލާގު ރަގަނޅު ދަރިވަރެކެވެ.