01 Jun 2011, 15:37
"ތިޔަ ކަހަލަ މަސާޖް މަށަށް ވެސް ކުރެވިދާނެ،"
އުމުރުން 24 އަހަރުގެ ބެންކޮކް އަންހެން ކުއްޖާ، ލިލީއާ އަހަންނާ ބައްދަލުވުމުން ވަރަށް ގިނަ ވާހަކަ ދައްކަން ބޭނުންވި އެވެ. އަހަރެން އެ ސުވާލު ކުރުމުން ލިލީ ގާތަށް އައީ އަމަށަކު ހިންޏެއް ނޫނެވެ. އަހަރެންގެ ދެއަތް މައްޗަށް ނަގައި އޭނާގެ ބޮނބި ފަޅީގައި ޖައްސާފައި މަސާޖް ކޮށްދޭށޭ ބުނެލި އެވެ. އެހިސާބުން އަހަރެމެން ދެ މީހުންގެ މެދުގައި ހިމޭން ވަގުތުކޮޅެއް ނުދެ އެވެ. އަހަރެން ގެންދިޔައީ ފުލުފުލުގައި ސުވާލު ކުރަމުންނެވެ. ލިލީ ވެސް ޖަވާބު ދެ އެވެ. އޭނާ ބުނި ގޮތުންނަމަ ފިރިހެނުންނަށް މަސާޖުކޮށްދީ، ހަށި ވިއްކުމުގެ މަސައްކަތް އޭނާ ފަށައިގަތީ އުމުރުން 16 އަހަރުން ފެށިގެނެވެ. މާލެ އައީ އިތުރު ފައިސާ ލިބޭނެ ކަމަށާއި މަސާޖު ކުރުމުގެ ރަނގަޅު ބާޒާރެއް ރާއްޖޭގައި އުފެދެމުން އަންނަ ކަމަށް މެޑަމް އޭނާ ގާތުގައި ބުނުމުން މާލެއާ މެދު ގަޔާވެ އަންނަ ހިތުންނެވެ.
"މާލޭގައި އުޅޭތާ ކިހާ ދުވަހެއް؟" އަހަރެން އެހީމެވެ.
"ތިންމަސް ދުވަސް، އަހަންނަށް މާލެވެސް ކަމުދޭ، ބޭންކޮކް އަދި މާކަމުދޭ،" ލިލީ ބުންޏެވެ.
"އެހެންތަ މާލޭ ފިރިހެނުން ކަމުދޭތަ؟"
"މާލޭ ފިރިހެނުންނަށް އަހަރެން ކަމުދޭހެން ހީވޭ!" ހީނގެންފައި ލިލީ ބުންޏެވެ.
ލިލީ މާލޭގައި ވަޒީފާ އަދާކުރާ ނަމްބަރު ގޭގައި ފަސް އަންހެން ކުދިން އުޅެ އެވެ. ހުންނަނީ ވެސް ޕްރައިވެޓް ފަސް ކޮޓަރި އެވެ. މުޅިން ވެސް އުޅެނީ ތައިލެންޑްގެ އެކި ހިސާބުތަކަށް ނިސްބަތްވާ ކުދިންނެވެ. އެވްރެޖް އުމުރަކީ 25 އެވެ. ލިލީ ބުނާ ގޮތުން ކޮންމެ ދުވަހަކު އެމީހުންގެ މަސައްކަތް ފަށަނީ ހެނދުނު 10:00 ޖަހާއިރު އެވެ. ނިންމަނީ ރޭގަނޑު 10:00 ޖެހުމުންނެވެ. ޗުއްޓީ ދުވަހެއް ނޯވެ އެވެ.
"ދެން ކިހިނެއް ބޭރަށް ދަނީ؟"
"މެޑަމް، ވަރަށް ރަނގަޅު، މެޑަމް ހުރިހާ ކަމެއްގަވެސް އެހީވޭ، މެޑަމްދާނީ އެންމެން އެކީ ގޮވައިގެން ބޭރަށް، ޝޮޕިންއަށް ވެސް ދާނެ،" ލިލީ ކިޔައިދިނެވެ.
"މެޑަމް ވެސް މަސާޖު ކޮށްދޭތަ؟" އަހަރެން އެހީމެވެ.
"އަހަންނަކަށް ނޭނގެ. އެކަމަކު ވަރަށް ސުވާލު ކުރޭ މަސާޖާ ބެހޭ ގޮތުން، ހީވަނީ މެޑަމް ވަރަށް ޝައުގުވެރިވޭހެން،"
މުސާރަ ކިހާ ވަރެއްތޯ އެހުމުން ލީލީ ވެސް ކުރީ ސުވާލެކެވެ. "ތިހާ އަނގަ ގަދަވެފައި ސުވާލު ގިނަވަނީ ކީއްވެގެން ހެއްޔޭ" އެވެ. އަހަރެން ލިލީއާ ވަރަށް ގަޔާވާ ކަމަށް ބުނުމުން ވަރަކަށް ހެވިފައި އިނދެގެން ބުނީ މުސާރައަކީ 400ޑޮލަރު ކަމަށެވެ. ބައެއް ފަހަރު ޑޮލަރުން މުސާރަ ދޭއިރު އަނެއް ބައި ފަހަރު ދެނީ ދިވެހި ފައިސާއިން ކަމަށް ވެސް ބުންޏެވެ.
އަހަރެން ހިތަށް އެރި އެވެ. ބެންކޮކް ދޫކޮށް މިހާ ޒުވާން އުމުރުގައި މިރަށަށް ހަށިވިއްކަން އަންނާނީ ގައިމު ގިނަ ފައިސާތަކެއް ލިބޭތީ ނޫން ހެއްޔެވެ؟ އެހެންވެ އެކަން ރަނގަޅަށް ސާފުކުރުމުގެ ގޮތުން ދުވާލަކު ކިހާ މީހުންނެއް އާދެއްހެއްޔޭ އެހީމެވެ. ލިލީ ބުނީ އެވްރެޖްކޮށް ކޮންމެ ކުއްޖަކަށް ވެސް ހަތަރެއް ނޫނީ ފަސް ކަސްޓަމަރުން ލިބޭ ކަމަށެވެ. ދެން ހީލާފައި ބުނީ މިއަދު އޭނާއަށް ލިބުނީ ތިނެއް ކަމަށެވެ.
"ކޮން ބައެއްތަ މި އަންނަނީ؟"
"ތިކަހަލަ ބިޒްނަސް ކުރާ މީހުން!"
"ކިހިނެއް އަހަރެން ބިޒްނަސް ކުރޭ ތިބުނީ؟"
"ހީވޭ، އާންމުކޮށް އަންނަނީ ބިޒްނަސް ކުރާ މީހުން، ބޮޑެތި މީހުން،"
ވަރުވަރުން ސުވާލު ކުރުމުން ސަރުކާރުގެ މީހުންވެސް އާދެއޭ ބުންޏެވެ. އެމީހުން ހަމަ އަންނަނީ މަސާޖު ކުރަންތޯ ނޫނީ ސެކްސް ބޭނުންވެގެންތޯ އެހުމުން ލިލީ ބުނީ އަންނަނީ ސެކްސް ހޯދަން ކަމަށާއި އެންމެވެސް ސެކްސްގެ ބޭނުންވެގެން ފައިސާ ދޭ ކަމަށެވެ.
"ދެން ސެކްސް ދެންތަ؟"
"އާނ ދެން، އަހަރެމެން ޖެހޭ ދޭން... އަހަރެން ބޭނުން ފައިސާ،"
ލިލީ ބުނި ގޮތުން ވިއްޔާ އޭނާގެ އަގަކީ 300ރ. އެވެ. ބައެއް ފަހަރު 200ރ. އަށް ވެސް ހިދުމަތް ދެއެވެ. ލިލީ ބުނާ އެ އަދަދުތަކަށް ބަލައިގެން ހިސާބު ހެދީމާ މުސާރައިގެ އިތުރުން ދުވާލަކު 800ރ. ލިބޭނެ އެވެ. އެއީ މަހަކަށް 24000ރ. އެވެ. އެއީ އެންމެ ދަށް އަދަދުން ހިސާބު ޖެހުމުން ލިބޭ ވަރެވެ.
ގޭގަށް ދާންވެސް ލިލީއަށް ދައުވަތު ލިބެ އެވެ. އެކަމު އެކުގައި މެޑަމް ދާން ބޭނުންވާތީ ނުދެވެނީ އެވެ. ލިލީ އަހަންނަށް ވެސް ފޯނު ނަމްބަރު ދިނެވެ. އަހަރެންވެސް ނަމްބަރު ދިނީމެވެ. އެންމެ ފަހު ވަގުތު ކޮޅުގައި އޭނާ ބުނި ގޮތުން ނަމަ ހަށިވިއްކަން ނުކުމެ އުޅެނީ އެނޫން ގޮތެއް ނެތިގެނެވެ.