03 Sep 2016, 16:16
މޯލްޑިވްސް ނޭޝަނަލް ޔުނިވާސިޓީ (އެމްއެންޔޫ)ގެ 43 ވަނަ އަހަރީ ދުވަސް ފާހަގަކޮށްފި އެވެ.
އެމްއެންޔޫގެ އަހަރީ ދުވަސް ފާހަގަ ކުރުމުގެ ގޮތުން އެކި އެކި ހަރަކާތްތައް ކުރިއަށް ގެންގޮސްފައިވާ އިރު، އެ ޔުނިވާސިޓީގެ އަހަރީ ދުވަހު ގިނަ މުވައްޒަފުންނާއި ދަރިވަރުން ހާޒިރުވެފައި ވަނީ އެމްއެންޔޫގެ ކުލަ ކަމުގައިވާ ކަނޑު ނޫ ކުލައިގެ ހެދުމުގަ އެވެ.
އެމްއެންޔޫ އިން ބުނީ އަހަރީ ދުވަހު އެ ޔުނިވާސިޓީގެ ޗާންސެލާ އަދި ވައިސް ޗާންސެލާ އެ ޔުނިވާސިޓީގައި މަސައްކަތްކުރާ ހުރިހާ މުވައްޒަފުންނާ ބައްދަލުކުރައްވާފައިވާ ކަމަށާއި ކެމްޕަސްތަކުގައި މަސައްކަތްކުރާ މުވައްޒަފުންނާ ލައިވްކޮށް ޕޮލިކޮމް ސިސްޓަމް ބޭނުންކޮށްގެން ބައްދަލުކޮށްފައިވާ ކަމަށެވެ.
މުވައްޒަފުންނާ ބައްދަލުކުރައްވައި ޗާންސެލާ މުހައްމަދު ލަތީފު ޔުނިވާސިޓީގެ ތާރީހުގެ މައްޗަށް އަލިއަޅުވައިލެއްވި ކަމަށް އެމްއެންޔޫ އިން ބުނެ އެވެ.
އެމްއެންޔޫގެ އަހަރީ ދުވަހުގެ ގޮތުގައި ފާހަގަ ކުރަނީ ސެޕްޓެމްބަރު މަހުގެ އެއް ވަނަ ދުވަހެވެ. ޔުނިވާސިޓީގެ އަހަރީ ދުވަހުގެ ގޮތުގައި އެ ދުވަސް ކަނޑައަޅާފައި ވަނީ މޯލްޑިވްސް ކޮލެޖް އޮފް ހަޔާ އެޑިއުކޭޝަން އުފެއްދުމަށް އެއްކުޑައެއްގެ ދަށަށް ގެނައި ޓްރޭނިންގް އިންސްޓިޓިއުޓްތަކުގެ ތެރެއިން އެންމެ ދުވަސްވީ އިންސްޓިޓިއުޓް ކަމަށްވާ އެލައިޑް ހެލްތު ޓްރެއިނިންގް ސެންޓަރު އުފެދުނު ތާރީހަށް ނިސްބަތްކޮށްގެންނެވެ.
އެލައިޑް ހެލްޓު ޓްރެއިނިންގް ސެންޓަރު އުފައްދާފައި ވަނީ 1973 ވަނަ އަހަރުގެ ސެޕްޓެމްބަރު މަހުގެ އެއްވަނަ ދުވަހުގަ އެވެ.
ދިވެހިރާއްޖޭގެ ގައުމީ ޔުނިވާސިޓީ އުފެދިގެން އައީ 2011 ވަނަ އަހަރުގެ ފެބްރުއަރީ މަހުގެ 15 ވަނަ ދުވަހު ރާއްޖޭގައި ކުރިން ހިންގަމުން އައި މޯލްޑިވްސް ކޮލްޖް އޮފް ހަޔާ އެޑިއުކޭޝަން ޔުނިވާސިޓީއަކަށް ބަދަލުކުރުމާ ގުޅިގެންނެވެ. އެ ކޮލެޖް ޔުނިވާސިޓީއަކަށް ބަދަލުކުރީ އެ ކޮލެޖާއި އެ ކޮލެޖުގެ ދަށުން ހިންގަމުން އައި ތަންތަން ޔުނިވާސިޓީއެއްގެ ހައިސިއްޔަތު ލިބޭ ފެންވަރަށް ތަރައްގީވުމާ ގުޅިގެންނެވެ.
ގައުމީ ޔުނިވަސިޓީގައި މިހާރު ނުވަ ފެކަލްޓީއާއި ތިން ސެންޓަރު ގާއިމްކޮށްފައިވާ އިރު، އެ ޔުނިވާސިޓީގައި 9000 އަށް ވުރެ ގިނަ ދަރިވަރުން ތައުލީމު ހާސިލް ކުރަމުންދެ އެވެ. އެ ޔުނިވާސިޓީގައި ފައުންޑޭޝަން ކޯހުން ފެށިގެން ޕީއެޗްޑީއާ ހަމައަށް ކިޔަވައިދޭ އިރު، މިހާރު ޖުމްލަ 182 ކޯސް ހިންގަމުން ދެ އެވެ.