03 Sep 2016, 15:07
އިނގިރޭސިވިލާތުގައި އަލަށް އުފަންވާ ފިރިހެން ކުދިންނަށް އެންމެ ގިނައިން މިދިޔަ އަހަރު ދީފައިވާ ނަމަކީ މުހައްމަދުކަން އެ ގައުމުގެ އޮފީސް ފޯ ނެޝަނަލް ސްޓެޓިސްޓްކްސް (އޯއެންއެސް) އިން އާއްމު ކުރި ތަފާސްހިސާބުން ދައްކައިފި އެވެ.
އޯއެންއެސް އިން ބުނި ގޮތުގައި މިދިޔަ އަހަރު އުފަންވި 7،361 ކުއްޖަކަށް މުހައްމަދުގެ ނަން ދީފައިވެ އެވެ. ނަމަވެސް އޯއެންއެސްއިން ނެރުނު 'އިނގިރޭސިވިލާތުގައި އެންމެ މަގުބޫލު ފިރިހެން ނަންތަކުގެ ރަސްމީ ލިސްޓު'ގެ އެއްވަނާގައި މުހައްމަދު ހިމަނާފައި ނުވެ އެވެ.
އޭގެ ސަބަބަކީ 'މުހައްމަދު' އިނގިރޭސިން ލިޔުމުގައި އެކި މީހުން އެކި ގޮތްގޮތަށް ލިޔުން ކަމަށް އޯއެންއެސްއިން ބުންޏެވެ. އަދި އެއާއިލާއެއް ނިސްބަތްވާ ގައުމެއްގެ ސަބަބުން ނުވަތަ އެހެން ތަފާތެއްގެ ސަަބަބުން މުހައްމަދު ލިޔާ ތަފާތު 14 ގޮތެއް އޮންނަ ކަމަށް އޯއެންއެސްގެ ލިސްޓުން ދައްކަ އެވެ.

'މުހައްމަދު' ލިޔާ ގޮތް ތަފާތުވި ނަމަވެސް އެނަން ދީފައިވާ ކުދިންގެ އަދަދު ވަނީ ފާއިތުވި އަހަރުތަކުގެ ތެރޭގައި އިތުރުވެފައި -- ފޮޓޯ: އޯއެންއެސް
އިނގިރޭސިވިލާތުގައި އެންމެ މަގުބޫލު ނަންތަކުގެ ރަސްމީ ލިސްޓުގައިވާ ގޮތުން އެ ގައުމުގެ އެންމެ ގިނަ ފިރިހެން ކުދިންނަށް މިދިޔަ އަހަރު ދީފައިވާ ނަމަކީ އޮލިވާ އެވެ. އަދި އެންމެ މަގުބޫލު އަންހެން ނަމަކީ އެމީލިއާ އެވެ. ހަ ހާސްނުވަސަތޭކަ ސާޅީސްއެއް ކުދިންނަށް އޮލިވާގެ ނަން ދީފައިވާ އިރު 5،158 އަންހެން ކުދިންނަށް އެމީލިއާގެ ނަން ދީފައިވެ އެވެ. (އިންޑިޕެންޑެންޓް)