ގައުމީ އެއާލައިން މޯލްޑިވިއަން އިން މި އަހަރު ތެރޭގައި އިތުރު ދެ ސީޕްލޭން ގެނައުމަށް ނިންމާފައިވާ ކަމަށް އައިލެންޑް އޭވިއޭޝަނުން ބުނެފި އެވެ.

ޓޫރިސްޓުންނަށް ހާއްސަކޮށްގެން މޯލްޑިވިއަން އިން ކުރާ ސީޕްލޭން ދަތުރުތަކުގައި މިވަގުތު އަށް ސީޕްލޭން ބޭނުންކުރެ އެވެ. އޭގެ ތެރޭގައި "ލަގްޒަރީ" އެއް ސީޕްލޭން ހިމެނެ އެވެ.

އައިލެންޑް އޭވިއޭޝަން ސާވިސެސްގެ ހެޑް އޮފް އެޑްމިނިސްޓްރޭޝަން އަލީ ނަޝާތު ހަމީދު މިއަދު ސަން އަށް ވިދާޅުވީ އެ ކުންފުނީގެ އަމާޒަކީ މިއަހަރު ތެރޭގައި މިހާރު ބޭނުންކުރާ ވައްތަރުގެ އިތުރު ދެ ސީޕްލޭން ރާއްޖެ ގެނައުން ކަމަށެވެ.

މޯލްޑިވިއަން އިން މިހާރު ގެންގުޅެނީ ޑީއެޗްސީ6 ޓުވިން އޮޓާ މަރުކާގެ ބޯޓުތެކެވެ. އެއީ 15 މީހުންގެ ޖާގައިގެ ބޯޓްތަކެކެވެ.

ނަޝާތު ވިދާޅުވީ އަންނަ އަހަރު މެދެއްހާ ހިސާބަށް ދާއިރު އެ ކުންފުނިން ޖުމުލަ 12 ސީޕްލޭން އޮޕަރޭޝަންގައި ބޭނުންކުރަން ނިންމާފައިވާ ކަމަށެވެ.