03 Sep 2016, 11:18
ދުނިޔޭގެ ޖައްވަށް ދޫކުރާ ވިހަ ގޭހުގެ މިންވަރު މަދުކޮށް، ދުނިޔޭގެ މޫސުމަށް ނުރައްކާތެރި ބަދަލެއް ނާންނަ މިންވަރަކަށް ބެހެއްޓުމަށް އެކުލަވާލި ޕެރިސް މުއާހަދާ، ޗައިނާއިން ތަސްދީގު ކޮށްފި އެވެ.
ދުނިޔޭގެ ދެވަނައަށް އެންމެ ބޮޑު އިގްތިސާދު ކަމުގައިވާ ޗައިނާގެ، ގާނޫނު ހަދާ މަޖިލީސް ނޭޝަނަލް ޕީޕަލްސް ކޮންގްރެސްއިން އެއް ހަފްތާ ދުވަހުގެ މަޝްވަރާތަކަކަށް ފަހު، ޕެރިސް އެގްރީމެންޓު ތަސްދީގު ކުރުމަށް ފާސްކުރީ މިއަދު އެވެ.
ޕެރިސް އެގްރީމެންޓަކީ، ދުނިޔޭގެ ޖައްވުގެ ފިނި ހޫނުމިން، ސިނާއީ އިންގިލާބު (އިންޑަސްޓްރިއަލް ރިވޮލިއުޝަން)ގެ ކުރިން ހުރި މިންވަރާ އަޅަ ބަލާއިރު، ދެ ޑިގްރީ ސެލްސިއަސްއަށް މަތި ނުވާނެ މިންވަރެއްގައި ބެހެއްޓުމަށް ގައުމުތަކުން އެކުލަވާލި އެއްބަސްވުމެކެވެ.
ޗައިނާ އިން މި އެގްރިމެންޓު ތަންފީޒު ކުރުމާ އެކު، ކޯލް ފަދަ، ބިމު އަޑިން ނަގާ ފޮސިލް ފިއުލްސްއިން ހަކަތަ އުފެއްދުން ވަރަށް ބޮޑުތަން ކުޑަކޮށް، ހަކަތަ އުފެއްދުމަށް އެހެން ގޮތްތަކެއް ހޯދަން ޖެހޭނެ އެވެ.
މި އެގްރިމެންޓުގައި ހުރި ކަންކަން ތަންފީޒުކުރަން ފަށާނީ، މަދުވެގެން 55 ގައުމަކުން އެ އެގްރިމެންޓު ތަސްދީގު ކުރުމުންނެވެ.
މިވަގުތު ދުނިޔޭގައި އެންމެ ބޮޑު އަދަދަކަށް ވިހަ ގޭސް ޖައްވަށް ދޫކުރަނީ ޗައިނާއިންނެވެ.
ޗައިނާ އިން ޕެރިސް އެގްރިމެންޓު ތަސްދީގު ކުރުމާ ހަމައަށް އެ އެގްރިމެންޓު ތަސްދީގު ކޮށްފައިވާ ގައުމުތަކުގެ އަދަދަކީ އެންމެ 21 އެވެ. އޭގެ ތެރޭގައި ދިވެހިރާއްޖެ ވެސް ހިމެނެ އެވެ. އެހެން ނަމަވެސް އެ 21 ގައުމުގެ ކާބަން އެމިޝަން ނުވަތަ ޖައްވަށް ދޫކުރާ ވިހަ ގޭހުގެ އަދަދަކީ އެންމެ އެއް ޕަސަންޓެވެ.