ކުއަލަލްމަޕޫރު (ސެޕްޓެމަބަރު 3): ސިންގަޕޫރަށް ދިޔަ މެލޭޝިއާ އަންހެނެއްގެ ގައިން ޒިކާ ވައިރަސް ފެނިއްޖެއެވެ.

މީގެ ކުރިން ސިންގަޕޫރުން ވަނީ އެގައުމުގެ 115 މީހެއްގެ ގައިން ޒިކާ ވައިރަސް ފެނިފައިވާ ކަމަށް ބުނެފައެވެ.

މެލޭޝިއާގެ އޮފިޝަލުން ވިދާޅުވި ގޮތުގައި އެގައުމުން ޒިކާ ވައިރަސް ފެނިފައި ވަނީ މީގެ މަހެއްހާ ދުވަސް ކުރިން ސިންގަޕޫރަށް ދިޔަ 58 އަހަރުގެ އަންހެނެއްގެ ގައިންނެވެ.

"ޒިކާ ވައިރަސް ފެތުރުން ހުއްޓުވުމަށްޓަކައި އަޅުގަނޑުމެން މިހާރު ދަނީ އެއަންހެން މީހާ ދިރިއުޅޭ ގެ ކައިރިން އީޑީސް މަދިރި ނައްތާލުމަށް މަސައްކަތް ކުރަމުން،" މެލޭޝިއާގެ ހެލްތް މިނިސްޓަރު ސުބްރަމާނިއަމް ސަތާސިވާމް ވިދާޅުވިއެވެ.

ޒިކާ ވައިރަސް ޖެހުމުން ގާތްގަނޑަކަށް 80 ޕަސެންޓު މީހުންގެ ގައިން އެއްވެސް އަލާމާތެއް ނުފެނެ އެވެ. ނަމަވެސް މާބަނޑު އަންހެނުންނަށް ޒިކާ ވައިރަސް ޖެހުމުން ބަނޑުގައި އޮންނަ ދަރިފުޅަށް މައިކްރޯސެފަލީ ކިޔާ ކޮންޑިޝަންއެއް ޖެހުމުގެ ފުރުސަތު ބޮޑު ކަމަށް އެމެރިކާގެ ސެންޓާސް ފޯ ޑިޒީސް ކޮންޓްރޯލް އެންޑް ޕްރިވެންޝަން (ސީޑީސީ)ން ބުނެފައިވެ އެވެ. މައިކްރޯސެފަލީ އަކީ ތުއްތުކުއްޖާގެ ސިކުނޑިއާއި ބޮލުގެ ނާށިގަނޑު ރަނގަޅަށް އާލާނުވެ އުފަންވުމަށް ކިޔާ ނަމެކެވެ. (އަލްޖަޒީރާ)