ލަންކާގައި ރޭލެއް ދަށުވެގެން ދިވެހި ޒުވާން ފިރިހެނަކު މަރުވެއްޖެ އެވެ.

އެއެކްސިޑެންޓް ހިނގި އިރު އެސަރަހައްދުގައި ހުރި ދިވެއްސަކު ބުނި ގޮތުގައި މިއަދު 9:15 ކަންހާއިރު ހިނގި އެ ހާދިސާގައި މަރުވެފައި ވަނީ ގދ. މަޑަވެލި، 21 އަހަރު އިޒުހާމް މުހައްމަދު ކަމަށެވެ.

އެރަށު ކައުންސިލް އިން ވެސް ވަނީ އާއިލާއާ ހަވާލާދީ މަރުވިކަން ސަން އަށް ކަށަވަރުކޮށްދީފަ އެވެ.

ކޮލޮންބޯގެ ބަންބަލަޕިޓިއާ އަވަށުގައި ހުންނަ އޯޝަން ކޮލޮމްބޯ ކުރި މަތިން ހިނގި އެ ހާދިސާ ހިނގަން މެދުވެރިވީ ހެނދުނު ސައިބުއިމަށް ފަހު ކުޑަކަމު ދިއުމަށް ރެއިލްދަގަނޑު ހުރަސްކޮށް މޫދު ކައިރިއަށް ދިއުމުގެ ތެރެއިން ކަމަށް ސަން އަށް މައުލޫމާތު ދިން މީހާ ބުންޏެވެ.

ރެއިލް ދަށުވުމުން މަރުވި އިޒްހާމް--

"ދެ މީހުން ހުރެފައި މަރުވި މީހާ ކުޑަކަމު ދާންވެގެނޯ ދިޔައީ، އޭނާ އަަކަށް ނޭންގެޔޯ ދިޔައިރު ރެއިލް އައިކަމެއް، ދެން ރެއިލްގައި ޖެހި މަރުވީ،" އެސަރަހައްދުގައި ހުރި މީހާ ބުންޏެވެ.

އިޒުހާމްގެ އާއިލާ މެމްބަރަކު ސަން އަށް މައުލޫމާތު ދިންގޮތުގައި އިހުޒާމް ލަންކާއަށް ދިޔައީ މިދިޔަ ބުރާސްފަތި ދުވަހު އޭނާ ރައްޓެހި ތިން ކުއްޖަކާއެކުއެކުއެވެ. އެއެކްސިޑެންޓް ހިނގަން މެދުވެރިވި ސަބަބު އާއިލާއަކަށްވެސް އަދި ނޭންގެއެވެ.

އިޒުހާމް އަކީ ގައުމީ ޔުނިވާސިޓީގައި ޝަރީޔާއިން ލޯ އިން ޑިގްރީ ނަގަމުންދިޔަ ޒުވާނެކެވެ. މިއީ އޭނާގެ ފަހު ސެމިސްޓާއެވެ.