ދޮރުމަތީގައި ހުރި ކެމެރާއާ ދިމާއަށް ބަލަހައްޓައިގެން ހުރެ، ހެވޭ، ވަރިހަމައޭ ހިތުގައި ބާއްވައިގެން އެތެރެއަށް ވަދެއްޖައީމެވެ. މިއީ ހެލްތު މިނިސްޓްރީގެ ހުއްދައިގެ ދަށުން ހިންގާ ބޭސްވެރިކަމުގެ ހިދުމަތްދޭ ތަނެކެވެ. އެކަމަކު ނަމެއްގަ އެވެ. އަސްލަކީ މިއީ ނާސިގެއެކެވެ. މިއީ ބުރުޒުމަގުން ގޮސް އަހުމަދިއްޔާއާ ވަރަށް ކައިރީގައި އޮންނަ ގޯޅިއެއްގެ ތެރޭގައި ހުންނަ ތަނެކެވެ. ފޯނެއްގައި ހުރެގެން އެތެރެއަށް ވަން އިރު އޮތީ ގަނޑުވާ ވަރަށް ފިނިކޮށްފަ އެވެ. ކައުންޓަރުގައި ދިވެއްސެއްގެ ސިފަ ފާޅުވާ އެކަމަކު އިނގިރޭސީން ވާހަކަ ދައްކާ މީހަކު އިނެވެ. ވަށައިގެން ހޯދައިލި އިރު ފައިތިލައިގައި މަސާޖުކުރާ މަންޒަރު ދައްކުވައިދޭ ބޮޑު ފޮޓޯއެއް ބަހައްޓާފައި ހުއްޓެވެ. ކައުންޓަރު މަތީގައި ބްރޯޝާތަކެއް ވެސް ހުއްޓެވެ. ދެވަނަ މީހެއް ފެންނާކަށް ނެތެވެ.

"މަސާޖުގެ ހިދުމަތްދެންތަ؟" އިނގިރޭސި ބަހުން ސުވާލު ކުރީމެވެ. އެ ފިރިހެން މީހާ ޖަވާބު ދިނީ ބްރޯޝާ އަކުންނެވެ. އޭގައި ހުރީ އެކި ނަންނަން ކިޔާ މަސާޖުތަކާއި އަގެވެ. އެއްވެސް އަންހެން ކުއްޖެއްގެ ފޮޓޯއެއް ނެތެވެ. އަހަރެން ނެގީ "ފުލް ބޮޑީ ތައި މަސާޖް" އެވެ. އަގަކީ 450ރ. އެވެ. ފައިސާ ދެއްކުމާއެކު އަހަރެންގެ ފޯނު އަތުލި އެވެ. ފޯނު ދިނުމުގެ ކުރިން ތިޔައީ ކޮން ގައުމެއްގެ މީހެއް ހެއްޔޭ ސުވާލު ކުރުމުން ބުނީ އިންޑިއާ ކަމަށެވެ. ބާކީ ފައިސާ ދިނުމާ ދެމެދު އޮތް ވަގުތު ކޮޅުގެ ތެރޭގައި މުޅި ތަން އަހަރެން ބަލައިލީމެެވެ. ސިއްހީ ހިދުމަތްދޭ ތަނެއްގެ އެއްވެސް ކަންފުޅެއް ނެތެވެ. އެކަމަކު ގަވައިދަށް ފެތެއޭ ހީވާކަހަލަ ހާމަކަން ބޮޑު ވަރަށް ރީތި، އެހާ ތަރުތީީބު ތަނެކެވެ. ނުހަމަ ޖިންސީ ހަރަކާތެއް ފަސޭހަކަމާ އެކު ހިންގޭނެ ކަހަލަ ވެއްޓެއް ފެންނަ ފެނުމަކަށް ނެތެވެ. އަދި އަހަރެންގެ ކުރިމަތީގައި ހުރި މީހާގެ ހަރުކަށި މޫނުން ވެސް ހީވަނީ އަހަރެން "ބަނދެފި" ހެނެވެ. މިވީހާ ތަނަށް ބިޓުންނަށް ވެސް ނުކުރެވޭ ކަމެއް އޭނާ ކޮށްފި އެވެ. އޭނާގެ ހިމާޔަތަށް އަހަރެންގެ ފޯނު ގެންދިޔައީ އެވެ. އެކަމަކު އޮންނާނީ ނިވާލާފަ އެވެ. ހުޅުވިއަސް އެއިން އެކައްޗެެއް ވެސް ނުހޯދޭނެވަރަށް ތަޅު އަޅުވައިފަ އެވެ. އޭރު އަހަރެންގެ ދެފައި ވަޅުލެވިފައި ވަނީވެސް ބޯ ކެހެރީގެ ދޫލައެއްގެ މަތީގަ އެވެ. މިތާނގައި އަހަރެންގެ ބޭނުމާ ގާތް ކުރާ ކަހަލަ އިހުސާސެއް މިހާރު ވެސް ކުރުވައިފި އެވެ. "ހިތްކާފަރު ކުރުވާ" ކަހަލަ ލުއި ސެންޓެއްގެ ވަސް ދުވަ އެވެ.

"ލިލީ، ޔޯ ކަސްޓަމާ!" ބާކީ ފައިސާ ދެމުން އެމީހާ ބުނެލި އެވެ. އަހަރެން ބަލައިލިރު ތުނިތުނި ދޮން އަންހެން ކުއްޖާ ނުކުތީ އަހަރެންގެ ފުރަގަހުން ހުޅުވައިލި ކުޑަކުޑަ ދޮރަކުންނެވެ. އެއީ މިވީ ވަގުތުކޮޅުގައި އަހަންނަށް ފާހަގަ ކޮށް ނުލެވޭ ދޮރެކެވެ. ހިތަށް އެރި އެވެ. ފޮރުވިފައިވާ އެތައް ކަމެއް މިތާނގައި ވާނެ އެވެ.

ކުރިން ބުނި ދޮރުން ނުކުތް ލިލީއަކީ ދިވެއްސެއްގެ ސިފަ ޖަހާ ރީތި ކުއްޖެކެވެ. ދަނބުކުލައިގެ ސްލިމް ބްލައުސަލާއި ލޯހިޕް ލެގިންއެއްގައި ހުރުމުން އަހަންނަށް ހަމަ ފިސާރި ކަމުދިޔައެވެ. މޭކަޕް ކޮށްފައި ހުއްޓަސް މާ ބޮޑަށް ކުލަ އުނގުޅާފައެއް ނެތެވެ. ހުރީ ކެހެރިގަނޑެއް ކަހަލަ ބެޑް ރޫމް ސްލީޕާއެއްގަ އެވެ. ލިލީ އަހަރެންގެ އަތުގައި ހިފާލާފައި ދޫކޮށްލީ ހިނިތުންވެ ހުރެގެނެވެ. ދެން އިޝާރާތް ކުރީ އޭނާއާއެކު މައްޗަށް އެރުމަށެވެ. މައްޗަށް ދާން ހުރި ސިޑިއަކީ ބޯޓެއްގެ އިންޖީނު ރޫމަށް ފައިބާ ކަހަލަ ހިމަ، ކަތި އެހާ އުނދަގޫ ބޮޑު ސިޑިއެކެވެ. ދާންޖެހެނީ ތިން ވަނަ ބުރިއަށެވެ. އަރައިގެން ދިޔައިރު އިނގިރޭސި ލަވައެއްގެ އަޑު އިވެމުން ދިޔަ އެވެ. ތިން ވަނަ ބުރިން ވެސް އިތުރު މީހަކު ނުދެކެމެވެ. މީހަކު ވާހަކަ ދައްކާ އަޑެއްވެސް ނީވެ އެވެ. އެތަނުގައި ހުރި ކޮޓަރިއެއް ދައްކާފައި އެތެރެއަށް ވަނުމަށް ލިލީ އެދުނެވެ. އެއީ އަކީ ހެލްތު މިނިސްޓްރީން ބުނާ ކަހަލަ ތަނެއް ނޫނެވެ. ވަރަށް ޕްރައިވެޓް ރޫމެކެވެ. ވަަނުމުގެ ކުރިން އެ ކޮޓަރީގެ ދޮރުގައި ހުރި އައިހޯލް އަޅައިގަތެވެ. އަނގަ ގަދަކަމުން ނުހުރެވިގެން އެއީ ކޯނޗެއް ހެއްޔޭ އަހައިލީމެވެ. ޖަވާބުގައި ލިލީ ހަމައެކަނި ހީލީ އެވެ. އެ ހީލުމުގައި އަޅައި ނުލާށޭ ބުނި ކަހަލަ އެވެ.

މި ކޮޓަރިއަކީ ވަރަށްވެސް ކުޑަ ތަންކޮޅެކެވެ. އެނދަކާއި ކުޑަ މޭޒަކާ އަލަމާރިއެއް ހުއްޓެވެ. ވަރަށް ފިންޏެވެ. ދެން ހުރީ ލޯޝަން ފުޅިތަކަކާއި މޭކަޕް ސެޓަކާއި ގަހަނާތަކެކެވެ. އެނދުމަތީގައި ދެ ތުވާލި އޮތެވެ. ފައިލާ ކޮޅުގައި އޮތް ތުވާލި އޮތީ ސާމަރާ ދޫންޏެއްގެ ފިނދުފަތް ރޫޅައލުުމުން އޮންނަ ގޮތަށެވެ. އަނެއް ތުވާލި އޮތީ އެނދުގެ މެދުގައި ފަތް ޖަހައިލާފަ އެވެ.

ކޮޓަރިއަށް ވަނުމާއެކު ހެދުން ބޭލުމަށް ލިލީ އެދުނެވެ. އަހަރެން ހަމަ ހުރީއެވެ. ލިލީ ހުރީ ހެވިފައެވެ. ދެން އޭނާ އަހަރެންގެ ޓީޝާޓް ބާލައިދިނެވެ. ސޯޓް ބުރި ބޭލީ އަހަރެން އަމިއްލަށެވެ. މީވަރަށް ފައްކާ ސޯޓެވެ. ފުރަތަމަ ގޮށް ނައްޓާލާއިރަށް ފައިމައްޗަށް ވެއްޓޭނެވެ. ސޯޓް ނެގީ ލީލީ އެވެ. އެކަމަކު އަހަރެން އަތުލާފައި ޖީބުގައި ހުރި ފައިސާތައް މޭޒުމަތީގައި ބެހެއްޓުމަށްފަހު ލިލީގެ ފަން އިސްތަށިގަނޑުގައި ޖަހާފައި އިން ކޮކާލެއް ކަހަލަ ދަތި ނައްޓައިލައި ފައިސާތައް މަތީގައި ބާއްވައިފީމެވެ.

"ކުޑަކުޑައިރުކޮޅެއްގެ ތެރޭގައި މި އަންނަނީ،" ދަތި ނައްޓައިލުމުން ރޫޅި ތަރުތީބު ގެއްލުނު އިސްތަށިގަނޑު ހައްޔަރު ކުރަމުން ލިލީ އެހެން ބުނި އިރު އަހަރެން ހަށިގަނޑުގައި އޮތީ ބޮކްސާއެއް އެކަންޏެވެ. އޭނާ ހިނގައި ގަތުމުން ތުވާލި އޮޅައިގެން ގޮސް އެއްކަަލަ އައި ހޯލުން ބޭރު ބަލައިލިރު އެ ބުރީގައި ހުރި އެހެން ކޮޓަރިއަކަށް ލިލީ ވަންނަނީ އެވެ. އެތަނުން ދެ އަންހެނަކު ވާހަކަ ދެއްކި އަޑުވެސް އިވުނެވެ. ދެން ބެލީ އެއްވެސް ކަހަލަ ކެމެރާއެއް ނޫނީ އެފަދަ ޑިވައިސް އެއް ހުރިތޯ އެވެ. ނުފެނުނެވެ. މާދަމާ އަހަރެންގެ ވީޑިއޯއެއް އިންޓެނެޓްގައި އާންމުވެދާނެތީ ބަލައިލެވުނީ އެވެ. ނެރުނަސް ވަރިހަމަ އެވެ. ދެން އެނދުގައި އޮށޯވެލައި ވަށައިގެން ބަލައިލި އިރު ސިޓިން ރޫމުގައި ވެސް ހުރި ފޮޓޯ އާއި ގަޑިއަކާއި އަދި ދިވެހި ބަހުންނާއި އިނގިރޭސި ބަހުން ހުރި ލިޔުމެއް ހުއްޓެވެެ. އެނދުން ތެދުވެެ އެ ލިޔުމުގެ ފުރަތަމަ ތިން ފޮޅުވަތް ކިޔައިލި އިރު ބުނަނީ ބަދުއަހުލާގީ އެއްވެސް އަމަލެއް މިތާނގައި ނުހިންގާނެ ކަމަށެވެ. ހިންގުމަކީ މަނާ ކަމެއް ކަމަށާއި ހިންގާނަމަ ވެސް ހިނގިނަމަ ވެސް ފިޔަވަޅު އަޅާނެ ކަމަށެވެ. އަދި އެފަދަ މުވައްޒަފެއްގެ ވަޒީފާއާމެދު އަޅަންޖެހޭ ފިޔަވަޅު އަޅާނެ ކަމަށެވެ. ލެމިނޭޓްކޮށް ހަރުކޮށްފައިވާ އެ ލިޔުން ނައްޓާލައި ފީމެވެ. އެކަމަކު އެ ބޭރުކޮށްލާނެ ގޮތެއް އެވަގުތު ވިސްނުމަށް ނައުމުން ހުރި ގޮތަށް ހަރުކޮށްފައި އޭގެ ތިރީގައި ހުރި އިނގިރޭސި ބައި ކިޔަން ފެށީމެވެ. އެއް ވާހަކައެކެވެ. ރަނގަޅުތާ އެވެ. ފިޔަވަޅު އަޅާ ވިއްޔާ އެވެ. އެކަމަކު މިއީ ހަމަ ޕްރައިވެޓް ކޮޓަރިއެކެވެ. ލިލީއާ އަހަންނާ ދެމެދު ހިނގާ ކަމެއް އެނގޭނީ ކާކަށް ހެއްޔެވެ؟ ރިސެޕްޝަނުން އަހަރެން ރަޖިސްޓްރީއެއް ނުކުރެއެވެ. ފޯނު ނަމްބަރުވެސް ނާހަ އެވެ. ނޭނގޭ ކަމަކަށް އަޅާނީ ކޮން ފިޔަވަޅެއް ހެއްޔެވެ؟ ނޫނީ މިއީ ހަމަ ނަމަކަށް ކޮށްފައި ހުރި ކަމެކެވެ.

މިހާރު ލީލީ އައިސް ވަދެއްޖެ އެވެ. އޭނާ އަހަންނާ ވާހަކަ ދެއްކީ ވަރަށް ރީއްޗަށެވެ. ހަމަ ހަގީގަތުގައި ވެސް ވަރަށް އިހުތިރާމާއެކު މަޑުމަޑުން އަހަރެންގެ ދެ ފައިތިލައިގައި ލިލީގެ އަތްތިލަ ބީއްސާއި މަސާޖު ކުރަން ފަށައިފި އެވެ. މަޑުމަޑުން މައްޗަށް އަރައި ކުޑަކަޅުވާގައި އަތް އަޅައި އޮބައިގެން މިނެޓެއްހާއިރު އޮވެފައި އެނދުގެ ވާތް ފަރާތުން އަހަރެންގެ ބުރަކަށި މައްޗަށް އަރައި އިށީނދެއްޖެ އެވެ. އޭނާގެ އަތުގެ ފިރުމުންތަކުން އަރާމު ލިބި ގަތުމުގެ ކުރިން އަހަރެން ބޭނުންވީ ލިލީއާ އޮޅުވެލައި ބައެއް ވާހަކަތައް ހޯދާލާށެވެ. އެހެން ނޫނީ އަހަރެން ބޭނުންވާ ބައެއް ވާހަކަ ފަހުން ހޯދުމަށް ދަތިވެދާނެތީ އެވެ. (އަހަރެމެން ދެމީހުންގެ މެދުގައި ދެކެވުނު ވާހަކަތައް ވަކިން ލިޔެފައިވާނެ އެވެ)

ލިލީގެ ތައި މަސާޖުގެ ޖާދޫގައި އަހަރެން ޖެހުމުގެ ކުރިން އަހަރެންގެ ދުލުގެ ޖާދޫގައި ފިސާރި ރަނގަޅަށް ލިލީ ޖައްސުވައި އަހަރެން ހޯދަން ބޭނުންވާ ހުރިހާ މައުލޫމާތެއް ހޯދައި ނިންމައިފީމެވެ. މިހާރު އޭނާ އަހަންނާ ވަރަށް އޮޅުވެ ގާތްގަނޑަކަށް އަހަރެންގެ ބިޓަކަށް ވެއްޖެ އެވެ. އެ ހިސާބަށް ދިއުމުން ލިލީ އޭނާގެ ފޯނުން އިނގިރޭސި ލަވައެއް ޕްލޭކޮށްފައި ބާލީސް ކައިރީ ބައްވައިގެން މަސާޖުކޮށްދޭން ފަށައިފި އެވެ. މަސާޖުގެ ތެރޭގައި އަހަރެންވެސް އޭނަގެ ހިމަ ހަށިގަނޑު ވަށައި ދެއަތުން ބައްދާލައިފީމެވެ. އެހެން ހެދީ އެއީ ކުރެވޭ ކަމެއްތޯ ޓެސްޓްކޮށްލަން ވެގެނެވެ. ލިލީ ރީއްޗަށް އަހަރެންގެ މޭމައްޗަށް ތިރިވެއްޖެ އެވެ. އޭރު އަހަރެންގެ އުނަގަނޑު މަތީގައި އޮތް ތުވާލި އަހަންނާ ވަކިވިތާ އިރުކޮޅެއް ވެއްޖެ އެވެ. މިހާރު މިކުރާ ވައްތަރުގެ މަސާޖަށް ކިޔާނެ ނަމެއް އަހަންނަށް ނޭނގޭތީ ލިލީ ގާތުގައި މިވެސް މަސާޖު ހެއްޔޭ އަހައިލީމެވެ. އެހެން އެހިނަމަވެސް އޭރަކު އަދި "އެކަހަލަ" އެއްވެސް ކަމެއް ނުހިނގަ އެވެ. ހަގީގަތުގައި އެ ސުވާލު ކުރީ އަހަރެން ސީދާ ބޭނުންވާ ހިސާބަށް ދިއުމުގެ ވަގުތު ކުޑަތަންވެފައި ވާތީ އާއި ކަސްޓަމަރުންނަށް ލިލީމެން ހަށި ވިއްކާތޯ ޔަގީން ކުރާ މަރުހަލާއަށް ދާންވެގެނެވެ. ވަގުތެއް ނެތެވެ. އަހަރެންގެ މިޝަނަކީ މިއީ ނާސިގެއެއްކަން، މިތަނުގައި ހަށި ވިއްކާކަން ސާބިތު، ކޮށްދިނުމެވެ. އެހެންނޫނީ އަހަރެން ވާނީ ބޮޑުފޭލިން ފޭއްޔެވެ.

އަހަރެން ކުރި ސުވާލަށް ލިލީ ޖަވާބު ނުދީ އޭނާގެ ތުންފަތް އަހަރެން މޫނުގައި ޖެއްސި އެވެ. އެހާވަރުން އަހަންނަށް ޖަވާބު ލިބިއްޖެ އެވެ. ހަމައެއާއެ ބޯ މަސާޖު ކޮށްދޭށޭ ބުނެފީމެވެ. ލިލީގެ އަތްތިލަ އަހަރެންގެ އިސްތަށިގަނޑުގެ ތެރޭ ދުއްވަމުން ދަނިކޮށް ލޯ މަރައިލެވޭ ގޮތްވީ ތުނި ތުންފަތް އަހަރެންގެ ތުންފަތާ ގާތްކޮށް ފުމެލުމުންނެވެ. ލިލީ ބުނީ މަސާޖު ނިމުނީ ކަމަށެވެ. ހަމައެއާކު އިތުރު މަސާޖެއް ބޭނުން ހެއްޔޭ އަހައިފި އެވެ. އަހަރެން ވަރަށް ސީދަލަށް "ސެކްސް" އޮވޭ ހެއްޔޭ އަހައިފީމެވެ. ޖަވާބުގައި ލިލީ ބުނީ ކިހާވަރެއް ދޭނަން ހެއްޔޭ އެވެ. އަހަރެން 300ރ. ދީފާނެ ކަމަށް ބުނީ ލިލީ ގަޔާ ނުވާނެ ވަރުގެ އަދަދެއް ކަމަށް ބަލައިގެނެވެ. އެކަމަކު އޭނާ ބުނީ އެވަރު "އޯކޭ" ކަމަށެވެ.

"ދެން އަންނާނީ ކޮން އިރަކު؟ އަހަރެން މާދަން ގުޅާނަންް،" އަހަރެން ރީތިވެލައިގެން ނުކުމެ އެއްޗެހިލުމުން އަހަރެންގެ މޭމަތީގައި ބޯ އަޅައިގެން އޮވެ ލިލީ ބުނެލި އެވެ. އަހަރެންވެސް "ވަރަށް ލޯބިވެއޭ" ބުނެފައި ފައިސާ ދިނީމެވެ. އަދި އެއްކަލަ ބަޓަފްލައި ދަތި ލިލީގެ ބޮލުގައި ޖަހައި ދީފީމެވެ. އޭރު ލިލީ ހުރީ މޭޒުމަތީގައި ހުރި މޭކަޕް ސެޓުން މޭކަޕްކުރާށެވެ. ދެން އަންނަ ކަސްޓަމަރާ މީޓް ކުރަން ތައްޔާރުވަނީތޯ ސުވާލު ކުރުމުން އޭނާ ބުނީ އާނއެކޭ އެވެ.

ކުޑައިރުކޮޅެއްގެ ތެރޭގައި ލިލީ އަހަރެންގެ އަތުގައި ހިފައިގެން ނުކުންނަނަށް ހިނގައިގަތެވެ. އަނެއްކާވެސް އެ އުނދަގޫ ސިޑިންނެވެ. އަހަރެން ތިރިއަށްފައިބައި ކައުންޓަރުގައި ފޯނު ދޭށޭ ބުނި ވަގުތު ލިލީ ފަހަތުން އައިސް އަހަރެން ފޫކޮޅުގައި ވިކާލާފައި ހަނިހަނި ދޮރުން ވަދެ ޣައިބުވެއްޖެ އެވެ. އަހަރެން ނުކުމެގެން ދަމުން ކައުންޓަރު މަތީގައި ހުރި މެޓާ ތަބަކަކުން ދެ މެޓާ ނަގައި އަނގައަށް ލައިގެން އަނގަ ސާފުކޮށްލައިގެން ހިނގައިގެންފައި ނަންބޯޑަށް ބަލައިގެން އިރުކޮޅަކު ހުރީމެެވެ. ދެން ބާރަށް ހިނގާފައި ގޮސް ވަނީ އޮރެގާނޯ ރެސްޓޯރެންޓަށެވެ. އެތާނގައި ކޯފީއެއް ބޯން އިންދާ އަހަންނާއެކު މިޝަން އަށް ނުކުތް މީހުންގެ ތެރެއިން ފަހަރަކު މީހަކު އައިސް އަހަރެމެން އެންމެން ހަމަވެއްޖެ އެވެ.