ސައިކޮލޮޖިސްޓު ދާއިރާ އިން ބެޗްލާސް ޑިގްރީ ނަގާފައިވާ ފަރާތްތަކަށް ނަފްސާނީ ބަލިތަކަށް ފަރުވާ ދިނުމުގެ ހުއްދަ ދޫކުރަން ފަށައިފި އެވެ.

ހަމައެކަނި މާސްޓާސް އޮތް ފަރާތްތަކަށް އެކަނި ސައިކޮލޮޖިސްޓުންގެ ގޮތުގައި މަސައްކަތް ކުރުމުގެ ހުއްދަ ދިނުމަށް ކުރިން ނިންމާފައިވުމާ އެކު މާލޭގައި އެންމެ ފުޅާދާއިރާއެއްގައި ނަފްސާނީ ބައްޔަށް ފަރުވާދޭ ކްލިނިކްތައް ވަނީ ހުއްޓުމަކަށް އައިސްފަ އެވެ.

މޯލްޑިވްސް އެލައިޑް ހެލްތު ކައުންސިލުގެ އޮފިޝަލަކު މިއަދު ސަން އަށް ވިދާޅުވީ ބެޗްލާސް ޑިގްރީ ހަދާފައިވާ ފަރާތްތަކަށް އެސިސްޓެންޓް ސައިކޮލޮޖިސްޓް ޓުރޭނީ ކަމުގެ ހުއްދަ ދެމުން އަންނަ ކަމަށެވެ.

އެހުއްދަދާއެކު ކިޔަވާފައިވާ ދާއިރާ އިން ނަފްސާނީ ބަލިތަކަށް ހިދުމަތް ކުރެވޭނެ ކަމަށް އޮފިޝަލް ވިދާޅުވި އެވެ.

ނަފްސާނީ ހިދުމަތްދޭ ކުލިނިކް ތަކުން މައުލޫމާތުދޭ ގޮތުގައި ބެޗްލާސް ޑިގްރީ ހަދާފައިވާ ފަރާތްތަކަށް ދީފައިވާ ހުއްދައާ އެކު ނަފްސާނީ ބައްޔަށް ފަރުވާދިނުމަށް މާބޮޑަށް މަސައްކަތް ނުކުރެވޭ ކަމަށެވެ.

މޯލްޑިވްސް އެެލައިޑް ހެލްތު ކައުންސިލުން ބުނެފައި ވަނީ ސައިކޮލިޖިސްޓެއްގެ ގޮތުގައި ރަޖިސްޓްރީވުމަށް ސައިކޮލޮޖީ އިން ބެޗްލާސް ޑިގްރީއެއް އޮތުމާ އެކު، ސައިކޮލޮޖީގެ ކިޔެވި ދާއިރާއަކުން މާސްޓާސް ޑިގްރީއެއް އޮންނަން ޖެހޭނެ ކަމަށެވެ.