03 Sep 2016, 10:34
ޕެޕް ގާޑިއޯލާގެ މެންޗެސްޓާ ސިޓީގެ ޔޫއެފާ ޗެމްޕިއަންސް ލީގު ގްރޫޕް ސްޓޭޖްގެ ސްކޮޑުން އައިވަރީ ކޯސްޓް މިޑްފީލްޑަރު ޔާޔާ ޓޫރޭ އަށް ޖާގައެއް ނުދިނެވެ.
ޓޫރޭގެ ފުޓްބޯޅަ ކެރިޔަރުގެ ފުރަތަމަ ދުވަސްކޮޅު ސްޕެއިންގެ ބާސެލޯނާގައި ގާޑިއޯލާއާ އެކު މަސައްކަތްކުރި އިރު ވެސް ޓޫރޭ އަކީ މުހިންމު ކުޅުންތެރިޔަކަށް ވެފައެއް ނުވެ އެވެ.
ސިޓީއާ ހަވާލުވުމަށް ފަހު ގާޑިއޯލާ ވަނީ އެ ކްލަބުގެ މުހިންމު ކުޅުންތެރިންތަކެއް ލޯނުގެ ދަށުން އެހެން ކްލަބުތަކަށް ދޫކޮށްލައިފަ އެވެ. އެ ކުޅުންތެރިންގެ ތެރޭގައި ގޯލްކީޕަރު ޖޯ ހާޓް އާއި، ސާމިރް ނަސްރީ އާއި، ވިލްފްރެޑް ބޮނީ އަދި އެލިއަކުއިމް މަންގަލާ ފާހަގަކޮށްލެވެ އެވެ.
ޓްރާންސްފާ މުއްދަތު ހަމަވުމުގެ ކުރިން ޓޫރޭ އެހެން ކްލަބަކަށް ބަދަލުވެފައެއް ނުވެ އެވެ. މި ސީޒަނުގެ އިނގިރޭސި ޕްރިމިއާ ލީގުގައި ސިޓީ ކުޅުނު އެއްވެސް މެޗެއްގައި ޓޫރޭ އަށް ޖާގަ ނުލިބުނު ނަމަވެސް، އޭނާ ބޭނުންވީ ސިޓީގެ ކުޅުންތެރިއެއްގެ ގޮތުގައި ހުންނާށެވެ.
މި ސީޒަނުގައި މިހާތަނަށް ސިޓީ އަށް އުމުރުން 30 އަހަރުގެ ޓޫރޭ ކުޅުނު ހަމައެކަނި މެޗަކީ ޗެމްޕިއަންސް ލީގު ޕްލޭ އޯފްގެ ދެވަނަ ލެގުގައި ސްޓީއު ބަކުރެސްޓްއާ ދެކޮޅަށް ކުޅުނު މެޗެވެ. އެ މެޗުގެ 90 މިނެޓް ޓޫރޭ ފުރިހަމަކުރި ނަމަވެސް، ޗެމްޕިއަންސް ލީގުގެ ގްރޫޕް ސްޓޭޖަށް ނެގި ސިޓީގެ 21 ކުޅުންތެރިންގެ ސްކޮޑުން ޓޫރޭ އަށް ޖާގަ ލިބިފައެއް ނުވެ އެވެ.
ސިޓީގެ ސްކޮޑުން ޓޫރޭ ބާކީ ކުރި ނަމަވެސް މި ސީޒަނުގައި އެ ކްލަބަށް ގެނައި ގޯލްކީޕަރު ކްލައިޑިއޯ ބްރާވޯ އާއި، ޖޯން ސްޓޯންސް އާއި، އިލްކޭ ގުންޑޮގަން އާއި، ލެރޯއީ ސާނޭ އަދި ނޮލީޓޯ އަށް ވަނީ ޖާގަ ދީފަ އެވެ. ޗެމްޕިއަންސް ލީގުގައި ސިޓީ އޮތީ ބާސެލޯނާ އާއި، ބޮރޫޝިއާ މޮންޗެންގްލަބާޗް އަދި ސެލްޓިކްއާ އެކު ގްރޫޕް ސީގަ އެވެ.