03 Sep 2016, 10:12
މެނީލާ (ސެޕްޓެމްބަރު 2): ފިލިޕީންސްގެ ރައީސް ރޮޑްރީގޯ ޑުޓާޓޭގެ އުފަން ސިޓީ ކަމަށްވާ ދަވާއޯގެ މާރުކޭޓެއްގައި ބޮމެއް ގޮއްވާލައި 14 މީހަކު މަރާލައިފި އެވެ.
އިއްޔެ އެހަމަލާ ދިން ވަގުތު ރައީސް ޑުޓާޓޭ ހުންނެވީ ދަވާއޯގަ އެވެ. އަދި ހަމަލާ ދީފައި ވަނީ ޑުޓާޓޭ އާއްމުކޮށް ޒިޔާރަތް ކުރައްވާ ސަރަހައްދަކަށް ނަމަވެސް އެހަމަލާގައި ރައީސަށް އެއްވެސް އަނިޔާއެއް ނުވާ ކަމަށް ފިލިޕީންސުގެ ރައީސް އޮފީހުން ބުންޏެވެ.
އައިޑީ ހަމަލާއެއް ކަމަށް ބެލެވޭ އެ ހަމަލާގައި 14 މީހަކު މަރުވުމުގެ އިތުރުން 60 މީހަކަށް އަނިޔާވެފައިވެ އެވެ.
ފިލިޕީންސުގެ ހަނގުރާމަވެރި ޖަމާއަތެއް ކަމަށްވާ އަބޫ ސައްޔާފުން ވަނީ އެ ހަމަލާގެ ޒިންމާ ނަގައިފަ އެވެ. ނަމަވެސް އެ ގައުމުގެ ސަރުކާރުން ވަނީ އެއީ މަސްތުވާތަކެތީގެ ވިޔަފާރި ކުރާ ގޭންގުތަކުން ދިން ހަމަލާއަކަށް ވެދާނެ ކަމަށް ބުނެފަ އެވެ.
ރައީސް ޑުޓާޓޭ ވަނީ އެ ހަމަލާއަކީ ޓެރަރިޒަމްގެ އަމަލެއް ކަމަށް ވިދާޅުވެ، އެގައުމުގެ ޗެކްޕޮއިންޓުތަކުގައި ފުލުހުންގެ އިތުރުން ސިފައިން ހަރަކާތްތެރިވުމަށް އަންގައިފަ އެވެ.
ރައީސް ޑުޓާޓޭގެ ސަރުކާރުން ވަނީ މަސްތުވާތަކެތީގެ ވިޔަފާރީގައި ބައިވެރިވާ 2000 އަށް ވުރެ ގިނަ މީހުން މަރާލާފަ އެވެ. އޭގެ ތެރެއިން ދެބައިކުޅަ އެއްބައި މީހުން މަރާލާފައި ވަނީ ފުލުހުންގެ އޮޕަރޭޝަންތަކުގަ އެވެ. (ބީބީސީ)