03 Sep 2016, 10:19
ބާސެލޯނާގެ އާޖެންޓީނާ ތަރި ލިއޮނެލް މެސީ ނެތް ނަމަ، ފުޓްބޯޅަ އަށް ފަގީރުކަން ކުރިމަތިވެގެންދާނެ ކަމަށް އެ ކްލަބުގެ އުރުގުއާއީ ތަރި ލުއިސް ސުއަރޭޒް ބުނެފި އެވެ.
ސުއަރޭޒް އެގޮތަށް ބުނެފައި ވަނީ ކޮޕާ އެމެރިކާ ފުޓްބޯޅަ މުބާރާތަށް ފަހު، އާޖެންޓީނާ ގައުމީ ޓީމަށް ކުޅުން ހުއްޓާލާނެކަން އިއުލާން ކުރި ނަމަވެސް ފަހުން އެ ނިންމުން ބަދަލުކޮށް އާޖެންޓީނާ ގައުމީ ޓީމަށް އަލުން މެސީ ކުޅެން ފެށުމާ ގުޅިގެންނެވެ.
އަލުން ގައުމީ ޓީމަށް ކުޅެން ނިންމައި، އެ ޓީމާ އެކު އަލުން މެސީ ކުޅުނު ފުރަތަމަ މެޗުގައި ސުއަރޭޒްގެ އުރުގުއާއީ ޓީމު އަތުން ވަނީ މޮޅުވެފަ އެވެ. ވޯލްޑް ކަޕް ކޮލިފައިންގައި އުރުގުއާއީއާ ދެކޮޅަށް ކުޅުނު މެޗުގައި ދިހަ ކުޅުންތެރިންނާ އެކު ކުޅެމުންދިޔަ އާޖެންޓީނާ އިން ކާމިޔާބުކުރި ލަނޑު ޖަހައިދީފައި ވަނީ ވެސް ލިއޮނެލް މެސީ އެވެ.
"އޭނާއަކީ އަހަރެންގެ އެކުވެރިއެއް ކަމުން އަހަރެން އުފާކުރަން. އަހަރެންނަށް އެނގޭ އާޖެންޓީނާ އަށް ކުޅުމަކީ މެސީ އަށް ކިހާވަރެއްގެ ކަމެއްކަން. މެސީ ނެތް ނަމަ ވޯލްޑް ކަޕް އަދި ކޮޕާ އެމެރިކާތައް ފަގީރުވެގެންދާނެ،" އުރުގުއާއީ ތަރި ސުއަރޭޒް ބުންޏެވެ.
ސުއަރޭޒް ބުނީ، އެންމެ ބޮޑެތި ފުޓްބޯޅަ މުބާރާތަކަށް ދުނިޔޭގެ އެންމެ މޮޅެތި ކުޅުންތެރިން ބޭނުންވާ ކަމަށާއި އެއީ ހުރިހާ އެންމެންވެސް ބޭނުންވާ ގޮތް ކަމަށެވެ.