03 Sep 2016, 09:11
އިސްކަންދަރު ސްކޫލުން މިދިޔަ އަހަރު ހުރިހާ ގޮތަކުން އެންމެ މޮޅު ދަރިވަރަކަށް އެ ސްކޫލުގެ މިދިޔަ އަހަރުގެ ކެޕްޓަން މަރިޔަމް އަޒްހާ އިބްރާހިމް ހޮވިއްޖެ އެވެ.
ސެންޓަރު ފޮ ހަޔާ ސެކަންޑަރީ އެޑިއުކޭޝަން (ސީއެޗްއެސްސީ)ގައި މިހާރު ކިޔަވަމުން އަންނަ އަޒްހާ ވަނީ މިދިޔަ އަހަރުގެ ޖީސީއީ އޯލެވެލް އިމްތިހާނުގައި ކެމިސްޓްރީ އާއި އިކޮނޮމިކްސް އިން ދުނިޔެއިންނާއި ރާއްޖެ އިން އެއް ވަނަ އަދި ފިޒިކްސް އިން ދުނިޔެއިން ހަތަރު ވަނަ ހޯދާފައިވެ އެވެ.
އިސްކަންދަރު ސްކޫލުގައި ރޭ ބޭއްވި އެ ސްކޫލުގެ މިދިޔަ އަހަރުގެ އަހަރީ އިނާމު ދިނުމުގެ ޖަލްސާގައި އެންމެ މޮޅު ދަރިވަރަކަށް ހޮވުނު އަޒްހާ އަށް އިނާމު ހަވާލުކޮށްދެއްވީ ރަސްމިއްޔާތުގެ ޝަރަފްވެރި މެހްމާން އެޑިއުކޭޝަން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ޑރ. އަބްދުﷲ ނަޒީރެވެ.
މީގެ އިތުރުން ރަސްމިއްޔާތުގައި އެ ސްކޫލުން މިދިޔަ އަހަރު ހުރިހާ ގޮތަކުން ދެވަނަ އަށް އެންމެ މޮޅު ދަރިވަރަކަށް ހޮވުނު އައިޝަތު އަޒަލް އަލީ ޒާހިރަށާއި ތިން ވަނަ އަށް ހުރިހާ ގޮތަކުން އެންމެ މޮޅު ދަރިވަރަކަށް ހޮވުނު އިބްރާހިމް ޝައްމާހް ރިޔާޒަށް ވެސް ވަނީ އިނާމު ހަވާލު ކޮށްދެއްވައިފަ އެވެ.
އިސްކަންދަރު ސްކޫލުން މިދިޔަ އަހަރު ހުރިހާ ގޮތަކުން އެންމެ މޮޅު ތިން ދަރިވަރުން (ކ-ވ) ދެވަނަ އަޒަލް، އެއްވަނަ އަޒްހާ އަދި ތިން ވަނަ ޝައްމާހު އާއެކު އެޑިއުކޭޝަން މިނިސްޓަރު ޑރ. އައިޝަތު ޝިހާމް އަދި ސްޓޭޓް މިނިސްޓަރު ޑރ. ނަޒީރު -- ސަން ފޮޓޯ/ ފަޔާޒު މޫސާ
ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން ސްޓޭޓް މިނިސްޓަރު ނަޒީރު ވިދާޅުވީ، ރާއްޖެފަދަ ކުޑަ މުޖުތަމައުއެއް އޮންނަ ގައުމެއްގައި ފަރުދީ ގުޅުން ދެމެހެއްޓުމަކީ މުސްތަގިއްލު ގައުމެއްގެ ގޮތުގައި ދެމިއޮތުމަށް މުހިއްމު ކަމެއް ކަމަށެވެ.
އެގޮތުން ގައުމެއްގެ ރައްޔިތަކަށްވީތީ ކޮންމެ ރައްޔިތެއްގެ ބޮލުގައި އެޅިފައިވާ ޒިންމާތަކެއް އެބަހުރި ކަމަށާއި އެކަން ފުރިހަމަކޮށް އެންމެންގެ މަސްލަހަތަށް ވުރެ ބޮޑު މި ގައުމު ކުރިއަށް އޮތް ޖީލްތަކަށް ތެދުވެރިކަމާ އެކު ފޯރުކޮށްދޭންޖެހޭ ކަމަށް ވިދާޅުވި އެވެ.
އެކަން ކުރުމަށް ޓަކައި އެކަކު އަނެކަކަށް އިހްތިރާމްކޮށް އެހެން މީހުންގެ ހައްގުތަކަށް އަރައިނުގަނެ ތިމާގެ އިއްޒަތް ކުރިއަރުވައި އެންމެން ގުޅިގެން އުޅެން އަޒުމު ކަނޑައަޅަން ޖެހޭ ކަމަށް ނަޒީރު ވިދާޅުވި އެވެ.
އިސްކަންދަރު ސްކޫލުގެ ރޭ ބޭއްވި އެ ސްކޫލުގެ މިދިޔަ އަހަރުގެ އަހަރީ އިނާމު ދިނުމުގެ ރަސްމިއްޔާތުގައި އެޑިއުކޭޝަން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ޑރ. އަބްދުﷲ ނަޒީރު ވާހަކަފުޅުދައްކަވަނީ --- ސަން ފޮޓޯ/ ފަޔާޒު މޫސާ
އަދި ވިދާޅުވީ، ރާއްޖޭގައި އެކި ސަގާފަތަށް ނިސްބަތްވާ މީހުން އައިސް އެބަ އުޅޭ ކަމަށާއި އެކަންތައްތަކާ ގުޅިގެން ގައުމުގެ އަމާންކަމާއި ސުލްހަ މަސަލަސްކަން ދެމެހެއްޓުމަށާއި އެފަދަ ކަންކަމަށް ލޯހުޅުވިފައިވާ ކުދިންތަކެއް އުފައްދަންޖެހިފައިވާ ކަމަށެވެ.
ރަސްމިއްޔާތުގައި އިސްކަންދަރު ސްކޫލުގެ ޕްރިންސިޕަލް ހުސެއިން ސައީދު ވިދާޅުވީ، ސްކޫލަށް ދަރިވަރު ފޮނުވަން ޖެހޭނީ ކޮންމެހެން ފޮތުގަވާއި ފިލާވަޅުތަކެއް ދަސްކޮށްދޭން ނޫންކަމަށެވެ. އޭގެ ބަދަލުގައި ކުދިން ސްކޫލަށް ފޮނުވަންވީ ސްކޫލުގައި ހެދިފައި ހުންނަ އުސޫލްތަކާއި ގަވާއިދުތަކަށް ބޯލަނބުވައި މުޖުތަމައުއަށް ކުދިން ނުކުމެ މުޖުތަމައުގައި ހުންނަ އުސޫލްތަކާއި ގާނޫނުތަކަށް ތަބާވެ އިހްތިރާމްކުރާ ކުދިބަޔަކަށް ހެދުމަށް ޓަކައި ކަމަށް ވިދާޅުވި އެވެ.
ސްކޫލުގައި ކުދިންނަށް ދިމާވާ ކަންތައްތަކަށް އަޅާނުލައި އެ ކުދިންނަކީ ހަމައެކަނި ހައްގުތަކެއްވާ ބައެއްކަން ގަބޫލުކުރުމަކީ ގޯހެއް ކަމަށް އިޝާރާތްކުރައްވައި ޕްރިންސިޕަލް ވިދާޅުވީ، އެގޮތަށް ވިސްނާ ނަމަ ކުއްޖާގެ ހައްގު ނޫން، އެއްވެސް އެހެން މީހެއްގެ ހައްގެއް ނޯންނާނެ ކަމަށް އެ ކުއްޖަކަށް ގަބޫލުކުރެވޭނެ ކަމަށެވެ.
އިސްކަންދަރު ސްކޫލުގެ ރޭ ބޭއްވި އެ ސްކޫލުގެ މިދިޔަ އަހަރުގެ އަހަރީ އިނާމު ދިނުމުގެ ރަސްމިއްޔާތުގައި އެޑިއުކޭޝަން މިނިސްޓަރު އައިޝަތު ޝިހާމްގެ އަރިހުގައި އިސްކަންދަރު ސްކޫލުގެ ޕްރިންސިޕަލް ހުސެއިން ސައީދު -- ސަން ފޮޓޯ/ ފަޔާޒު މޫސާ
"މަދަރުސާގައި އުޅޭ އިރު ކުއްޖާއަށް ދިމާވާ ކޮންމެ ކަމަކަށް އަޅާލަންޖެހޭނެ. ކޮންމެ ކަމަކަށް ވާހަކަ ދެއްކެންޖެހޭނެ. ކޮންމެ ކަމަކަށް ނަސޭހަތްތެރި ވާން ޖެހޭނެ. ކޮންމެ ކަމަކަށް ވިސްނައި ދޭން ޖެހޭނެ. ހަގީގަތުގައި ބެލެނިވެރިން ކުދިން ދެކެ ލޯބިވާ ކަމުގައި ވަނީ ނަމަ ސްކޫލުގައި އުޅޭ އިރު ދިމާވާ ކަންތައްތަކަށް އެއްބާރުން ދިނުން އެއީ ކުއްޖާގެ މުސްތަގްބަލް ބިނާވެގެންދާނެ ކަމެއް،" ޕްރިންސިޕަލް ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ، މިޒަމާނުގައި ކޮންމެ މީހެއްގެ އަތުގައި ސެޓްފިކެޓެއް އޮތް ނަމަވެސް، ކާމިޔާބު މީހަކަށް ވާނީ ސެޓްފިކެޓާ އެކު ނުކުމެ އުސޫލްތަކާއި ގަވާއިދުތައް ދަންނަ އެހެން މީހުން ބަލައިގަންނަ ގޮތްތަކެއް ހުރެގެންކަމަށެވެ.
"ހުރިހާއެއްޗަކުން 'ޔޫ' ހޯދައިގެން ވެސް މުޖުތަމައުގައި އުޅެން އިނގިއްޖެ މީހެއް ނަމަ އެއީ އޭ ސްޓާގެ މީހަކަށްވީ،" ޕްރިންސިޕަލް ސައީދު ވިދާޅުވި އެވެ.
ރޭ ބޭއްވި އިސްކަންދަރު ސްކޫލުގެ މިދިޔަ އަހަރުގެ އަހަރީ އިނާމު ދިނުމުގެ ޖަލްސާގައި ޖުމްލަ 129 ދަރިވަރަކު އިނާމު ހާސިލްކޮށްފައިވެ އެވެ.
އޭގެ ތެރޭގައި މިދިޔަ އަހަރުގެ ޖީސީއީ އޯލެވެލް އާއި އެސްއެސްސީ އިމްތިހާނުގައި ބައިވެރުންގެ ތެރެއިން ރާއްޖޭގެ ގަދަ 10 ދަރިވަރުންގެ ތެރޭގައި ހިމެނުނު އިސްކަންދަރު ސްކޫލުގެ 48 ދަރިވަރަކަށް އިނާމު ދީފައިވާ އިރު، އެ އިމްތިހާނުން އެކި މާއްދާތަކުން ރާއްޖޭންނާއި މުޅި ދުނިޔެއިން އެކި ވަނަތައް ހޯދި ދަރިވަރުންނަށް އިނާމު ދީފައިވެ އެވެ.
އިސްކަންދަރު ސްކޫލުގެ ރޭ ބޭއްވި އެ ސްކޫލުގެ މިދިޔަ އަހަރުގެ އަހަރީ އިނާމު ދިނުމުގެ ރަސްމިއްޔާތުގެ ތެރެއިން --- ސަން ފޮޓޯ/ ފަޔާޒު މޫސާ
މީގެ އިތުރުން، ސްކޫލަށް އެކި ގޮތްގޮތުން ރީތި ނަން ހޯދައިދީފައިވާ ދަރިވަރުންނަށާއި ސްކޫލުގެ އިތުރު ހަރަކާތްތަކުގެ ތެރެއިން ކިޔެވުމަށާއި ހުރިހާ ގޮތަކުން އެންމެ މޮޅު ދަރިވަރުންނަށް ވެސް ރޭގެ ރަސްމިއްޔާތުގައި އިނާމު ދީފައިވެ އެވެ.
އެންމެ 70 ކުދިންނާ އެކު ހަމީދިއްޔާ މޮންޓިސޫރީ ސްކޫލުގެ ނަމުގައި މޭ 10، 1961 ވަނަ އަހަރު ހުޅުވި، މިހާރުގެ އިސްކަންދަރު ސްކޫލަކީ ގްރޭޑް އެކަކުން ފެށިގެން 10 އަކަށް ކިޔަވައިދެމުންދާ، ގާތްގަނޑަކަށް 2000 އަށް ވުރެ ގިނަ ދަރިވަރުން ތައުލީމް ހާސިލްކުރަމުންދާ ސްކޫލެކެވެ.