03 Sep 2016, 08:59
މިދިޔަ އަހަރުގެ ޖޫންމަހާ އަޅާ ބަލާއިރު މި އަހަރު ޖޫން މަހު ދިވެހި ސަރުކާރުން ފައިސާ ހަރަދު ކުރި އަދަދު 72.1 މިލިއަން ރުފިޔާ އިތުރުވެފައިވާ ކަމަށް އެމްއެމްއޭ އިން ބުނެފި އެވެ.
އެމްއެމްއޭ އިން މަހަކު އެއްފަހަރު ނެރެމުން އަންނަ އިގްތިސާދީ ރިވިއުގެ މިދިޔަ މަހުގެ އަދަދުގައި ބުނެފައި ވަނީ ސަރުކާރުގެ ހަރަދަށް ބަލާއިރު މިއަހަރުގެ ޖޫން މަހު ސަރުކާރުގެ ޖުމްލަ ހަރަދަކީ 1.7 ބިލިއަން ރުފިޔާ ކަމަށެވެ.
އެއީ މިދިޔަ އަހަރު ޖޫންމަހާ އަޅާ ބަލާއިރު 72.1 މިލިއަން ރުފިޔާ އިތުރު އަދަދެއް ކަމަށް މަރުކަޒީ ބޭންކު އެމްއެމްއޭގެ ރިޕޯޓްގައިވެ އެވެ.
އެމްއެމްއޭގެ އިގްތިސާދީ ރިވިއު ރިޕޯޓްގައި ބުނެފައި ވަނީ ޖޫން މަހު ސަރުކާރުން ކުރި ހަރަދު އިތުރުވެފައި ވަނީ ސަރުކާރުގެ ކެޕިޓަލް ހަރަދު އިތުރުވުމާ ގުޅިގެން ކަމަށެވެ.
ޖޫން މަހު ސަރުކާރުން ހަރަދުކުރި އަދަދު އިތުރު ކުރި ނަމަވެސް މިދިޔަ އަހަރުގެ ޖޫން މަހާ އަޅާ ބަލާއިރު މިއަހަރު އެ މުއްދަތުގެ ތެރޭގައި ސަރުކާރުގެ ރިކަރަންޓް ހަރަދު ދަށަށް ގޮސްފައިވާ ކަމަށް އެމްއެމްއޭގެ ރިޕޯޓްގައިވެ އެވެ.
އޭގެ ސަބަބެއް ކަމަށް އެމްއެމްއޭ އިން ބުނީ 2016 ވަނަ އަހަރުގެ ޖޫން މަހު ސަރުކާރު މުވައްޒަފުންގެ މުސާރައާއި އެލަވަންސަށް ކޮށްފައިވާ ހަރަދު ދަށްވުމުން ކަމަށެވެ.