ރަންބީރު ކަޕޫރު އަދި ކެޓްރީނާ ކައިފް އަކީ އެންމެ ގިނަ ބަޔަކަށް ކަމުދިޔަ ބޮލީވުޑްގެ ޖޯޑެވެ. ނަމަވެސް ގިނަ ދުވަސްތަކެއް ވަންދެން އެކުގައި އުޅުމަށް ފަހު، މި އަހަރުގެ ކުރީކޮޅު ދެމީހުން ވަނީ ވަކިވެފަ އެވެ.

ދެމީހުން ވަކިވުމަށް ފަހު ވެސް އެ ގުޅުމާ ބެހޭގޮތުން ދެ ތަރިން ވެސް މާގިނަ ވާހަކަތަކެއް ދައްކައިފަ އެއް ނުވެ އެވެ. ނަމަވެސް ފަހަކަށް އައިސް ރަންބީރު އަންނަނީ ދެމީހުންގެ ގުޅުމުގެ ޞަފްހާތައް މީޑިއާ އާ ހިއްސާ ކުރަމުންނެވެ.

އެގޮތުން ރަންބީރު ވަނީ، ކެޓްރީނާ އަކީ އޭނާގެ ހަޔާތަށް އެންމެ ބޮޑު ބަދަލެއް ގެނައި މީހާ ކަމަށް ވެސް ބުނެފަ އެވެ.

ކޮންމެއަކަސް، ކެޓްެރީނާ އާއެކު ހޭދަކުރި ދުވަސްތަކަކީ ރަންބީރުގެ ހަނދާނުން އެހާ ފަސޭހައިން ފުހެވިގެން ނުދާނެ ހަނދާން ތަކެއް ކަމަށް ބެލެވެ އެވެ. ކެޓްރީނާ ދެކެ ލޯބި ވެވުނީ ކޮން އިރަކު ކަން ވެސް ރަންބީރު ހަނދާން އެބަހުއްޓެވެ.

ވަރަށް ފަހުން ވޯގް އިންޑިއާ އަށް ދިން އިންޓަވިއު އެއްގައި ރަންބީރު ބުނީ، އޭނާ އަށް ކެޓްރީނާ ދެކެ ލޯބި ވެވުނީ، ދެމީހުން އެކުގައި ކުޅުނު ކާމިޔާބު ފިލްމު "އަޖަބް ޕްރޭމް ކީ ގަޒަބް ކަހާނީ" ގެ ތެރެއިން ކަމަށެވެ.

ރާޖްކުމާރު ސަންތޯޝީ ޑައިރެކްޓު ކުރި އެ ފިލްމު ރިލީޒްކޮށްފައި ވަނީ 2009 ވަނަ އަހަރު އެވެ. ފިލްމުގެ މަސައްކަތް ކުރިއަށް ދިޔައީ ރަންބީރު އަދި ދީޕިކާ ޕަދުކޯންގެ ލޯބީގެ ގުޅުން ނިންމާލި ދުވަސްވަރު އެވެ. އޭރު ކެޓްރީނާ ލޯބީގެ ގޮތުން ގުޅިގެން އުޅުނީ ސަލްމާން ޚާން އާއެވެ.

"އަޖަބް ޕްރޭމް ކީ ގަޒަބް ކަހާނީ އަކީ ވަރަށް އާދައިގެ ވާހަކައެއްގެ މައްޗަށް އުފެއްދި ފިލްމެއް. ނަމަވެސް އެ ފިލްމުގައި ލޯބި އެކުލެވޭ. އަދި އަހަންނަށް ކެޓްރީނާ ދެކެ ލޯބި ވެވުނީ ވެސް އެ ފިލްމުގެ ތެރެއިން،" ރަންބީރު ބުނެފައިވެ އެވެ.

އޭގެ ފަހުން 2010 ވަނަ އަހަރު ދެ މީހުން އަނެއްކާ ވެސް އެކުގައި ފެނިގެން ދިޔަ އެވެ. އެއީ އެ އަހަރު ނުކުތް ފިލްމު "ރާޖްނީތީ" އިންނެވެ.

ކެޓްރީނާގެ ހަނދާން ތަކާއި ދުރަށް ނުދެވިފައި ހުރި ރަންބީރު ބުނީ ކެޓްރީނާ އަކީ އޭނާގެ މައިންބަފައިންނަށް ފަހު، އޭނާ އަށް އެންމެ މުހިންމު މީހާ ކަމަށެވެ.

އަދި ކެޓްރީނާގެ ކޮންމެ ހަނދާނަކީ އޭނާއާ ވަރަށް ގާތް ހަނދާނެއް ކަަމަށާއި، އެކަން އޮޅުން ފިލުވައިދޭނެ ގޮތެއް ނެތް ކަމަށެވެ. އަދި އެ ކަންކަން މީޑިއާ އާ ހިއްސާކޮށް، ބައެއްގެ ވިޔަފާރި އަކަށް ހަދަން ބޭނުން ނުވާ ކަމަށް ވެސް ރަންބީރު ވަނީ ބުނެފަ އެވެ.