އޭއެފްސީ ބޯންމައުތުގައި އިނގިރޭސި މިޑްފީލްޑަރު ޖެކް ވިލްޝެއާ ބޭނުންކުރާ ޖާޒީ ނަންބަރު އިއުލާންކޮށްފި އެވެ. އޭނާ އެ ކްލަބުގައި ބޭނުންކުރާނީ 32 ނަންބަރު ޖާޒީ އެވެ.

އާސެނަލުން ލޯނުގެ ދަށުން ބޯންމައުތާ ވިލްޝެއާ ގުޅިފައި ވަނީ ޓްރާންސްފާގެ މުއްދަތު ހަމަވާން އޮތް ދުވަހު އެވެ.

ވިލްޝެއާ އަށް ކުރިމަތިވި އަނިޔާތަކަކާ ގުޅިގެން އާސެނަލްގައި އޭނާގެ ކުޅުން އެންމެ ރަނގަޅަށް ދެއްކޭގޮތް ވެފައެއް ނުވެ އެވެ. އާސެނަލްގައި ވިލްޝެއާ ވިދާލި ނަމަވެސް، އޭނާއަށް ގިނަ އަނިޔާތަކަކާ ކުރިމަތިލާން ޖެހިފައިވެ އެވެ.

ބޯންމައުތުގައި ވިލްޝެއާ ބޭނުންކުރާ ޖާޒީ ނަންބަރު އިއުލާން ކޮށްފައި ވަނީ އިއްޔެގެ ވަގުތެއްގަ އެވެ. އެ ކްލަބުގައި ވިލްޝެއާ ބޭނުންކުރާ ޖާޒީ ނަންބަރަކީ ކުރިން ޔޫނަން އޯކާނޭ އެ ކްލަބުގައި ބޭނުންކުރި ނަންބަރެވެ.

އިނގިރޭސި ޕްރިމިއާ ލީގުގައި މިއަދު ވެސްޓް ބްރޮމްވިޗް އަލްބިއޮންއާ ދެކޮޅަށް އަމިއްލަ ދަނޑުގައި ކުޅޭ މެޗުން ވިލްޝެއާ ފެނުމަކީ އެކަށީގެންވާ ކަމެކެވެ.