03 Sep 2016, 08:40
ކަރަން ޖޯހަރުގެ "އޭ ދިލްހޭ މުޝްކިލް" އަދި އަޖޭ ދޭވްގަންގެ "ޝިވޭ" އަކީ މި އަހަރުގެ ދިވާލީ އާ ދިމާކޮށް ރިލީޒްކުރުމަށް ތައްޔާރުވަމުން އަންނަ ދެ ފިލްމެވެ. ދެ ފިލްމުގެ ޓީޒާ ރިލީޒްކޮށް ޕްރޮމޯޝަންގެ މަސައްކަތް ވެސް ކުރިއަށްދާ އިރު، ބޮކްސް އޮފީހުގައި ކުރި ހޯދާނެ ފިލްމަކާ މެދު މިހާރު ވެސް އަންނަނީ ބަހުސް ކުރެވެމުންނެވެ.
ދެ ޑައިރެކްޓަރުންގެ ދެމެދުގައި ވާދަވެރިކަން ބޮޑުވެފައިވާ ދަނޑިވަޅެއްގައި މިވަނީ އިތުރު މައްސަލައެއް ފެންމަތިވެފަ އެވެ.
މިދިޔަ ބުރާސްފަތި ދުވަހުގެ ރޭ އަޖޭ ވަނީ، އޭނާގެ ފިލްމު "ޝިވޭ" އާ ދެކޮޅަށް ވާހަކަދައްކައި ފިލްމުގެ ވިޔަފާރި ދަށް ކުރުމުގެ މަގުސަދުގައި ކަރަން ޖޯހަރު، ކަމާލް އާރު ޚާން އަށް ފައިސާ ދީފައިވާ ކަމަށް ބުނާ އޯޑިއޯ ކްލިޕެއް އާންމު ކޮށްފަ އެވެ.
ކަމާލް އާރު ޚާން އަކީ ޕްރޮޑިއުސަރެއްގެ އިތުރުން ފިލްމުތަކަށް ފާޑުކިޔައި އުޅޭ މީހެކެވެ. އޭނާ އަކީ މީހުންގެ މެދުގައި މާބޮޑު މަގުބޫލުކަމެއް ލިބިފައިވާ މީހެއް ނޫނެވެ. އަދި އޭނާ ދައްކާ ވާހަކަތަކުގެ ސަބަބުން ގިނަ ބައެއްގެ ނުރުހުން ވެސް އޭނާއަށް ވަނީ އަމާޒުވެފަ އެވެ.
އަޖޭ އާންމު ކުރި އޯޑިއޯ އަކީ ކަމާލް އާއި އަޖޭގެ ބިޒްނަސް އެސޯސިއޭޓް، ކުމާރް މަންގަތު އާއި ދެމެދު ކުރެވިފައިވާ ފޯން ކޯލެކެވެ. ކުމާރު ވަނީ އެ ކޯލު ރެކޯޑުކޮށްފަ އެވެ. އެ އޯޑިއޯގައި ކަމާލް ވަނީ ކަރަން ޖޯހަރު އޭނާ އަށް 25 ލައްކަ ރުޕީޒް ހުށަހަޅައިފައިވާ ކަމަށް ބުނެފަ އެވެ.
އެ އޯޑިއޯ އާ ގުޅިގެން އަޖޭ ވަނީ، އެކަމުގައި ކަރަންގެ ބައިވެރިވުމެއް ވޭތޯ ބަލައި ތަހުގީގު ކުރުމަށް ކަމާބެހޭ ފަރާތްތަކަށް ގޮވާލައިފަ އެވެ. ކަރަން ވަނީ އެކަމުގެ ތެރެއަށް ވަންނަން ބޭނުން ނޫން ކަމަށް ބުނެ، ކަމާލްގެ ވާހަކަތަކަށް އެއްޗެއް ބުނަން ދެކޮޅު ހަދައިފަ އެވެ.
ނަމަވެސް ކަމާލް ވަނީ ނޫސްވެރިންނާ ބައްދަލުކޮށް، އެ އޯޑިއޯގައި ދައްކާފައިވާ ވާހަކަތަކަކީ އޭނާ އަމިއްލަ އަށް ހަދައިގެން ދައްކާފައިވާ ވާހަކަތަކެއް ކަމަށް ބުނެފަ އެވެ.
ނަމަވެސް ކަމާލް ބުނީ އަޖޭ އަށް "ޝިވޭ" އާމެދު އެއްވެސް އިތުބާރެއް ނެތް ކަމަށާއި، ކަމާލް އަކީ ކަރަން އާ ދިމާކުރުމަށް އަޖޭ ބޭނުންކުރާ ހަތިޔާރެއް ކަމަށެވެ.
އަދި ގިނަ ފަންނާނުން އޭނާގެ ނަން ބޭނުން ކުރަނީ މަގުބޫލުކަން ހޯދަން ކަމަށް ވެސް ކަމާލް ވަނީ ބުނެފަ އެވެ.
ކަމާލްގެ ވާހަކަތަކަށް ރައްދު ދެމުން އަޖޭ ބުނެފައި ވަނީ، ކަމާލްގެ ވާހަކަތަކުގައި އެއްވެސް ކަހަލަ ބުރަދަނެއް ނެތް ކަމަށާއި، ކަމާލް އާ ގުޅޭ ގޮތުން އޭނާ އެއްވެސް އެއްޗެއް ބުނެފައި ނުވާނެ ކަމަށާއި، ބުނި އެއްޗެއް ބުނެފައި ވަނީ ވެސް ކަމާލް އަމިއްލަ އަށް ކަމަށެވެ.
އަޖޭ ވަނީ ޕްރެސް ކޮންފަރެންސްގައި، އެ އޯޑިއޯގައި ވަނީ އޭނާގެ އަޑު ކަމަށް ކަމާލް އިންކާރުކޮށްފައި ނުވާ ކަމާއި، އެފަދަ ވާހަކައެއް ދައްކާފައި ނުވާ ކަމަށް ވެސް ނުބުނާ ކަން ފާހަގަކޮށްފަ އެވެ.
އަޖޭ ބުނީ ކަމާލްއާ ދުވަހަކު ވެސް ދިމާވެފައި ނުވާ ކަމަށާއި، ވާހަކަ ވެސް ދައްކާފައި ނުވާ ކަމަށެވެ.
އެ މައްސަލާގައި އެއްޗެއް ބުނަން ކަރަން ދެކޮޅު ހެދި އިރު، އަޖޭގެ އަންހެނުން އަދި ކަރަންގެ އެންމެ ގާތް އެކުވެރިންގެ ތެރޭގައި ހިމެނޭ އެކްޓްރެސް ކާޖޮލް ވަނީ އޯޑިއޯ ކްލިޕް ޝެއާކޮށްފަ އެވެ. އަދި އެ އޯޑިއޯ އާއެކު ޝޮކެއް ލިބިފައިވާ ކަމަށް ވެސް ވަނީ ބުނެފަ އެވެ.
ޚަބަރުތައް ބުނާގޮތުން، އެ އޯޑިއޯގެ ސަބަބުން އަޖޭ އާއި ކަރަންގެ އިތުރުން ކާޖޮލް އާއި ކަރަން އާ ދެމެދު ވެސް ނުތަނަވަސްކަން ވަނީ އުފެދިފަ އެވެ.