ހައްޖު މޫސުމާ އެކު ބޭރު ފައިސާ ގަންނަ އަދަދު ގިނަވުމުގެ ސަބަބުން ރާއްޖޭގެ ރަސްމީ ރިޒާވް ދަށަށް ހިނގައްޖެއެވެ.

އެމްއެމްއޭއިން މަހަކު އެއްފަހަރު ނެރެމުން އަންނަ އިގްތިޞާދީ ރިވިއުގެ މިދިޔަ މަހުގެ އަދަދުގައި ބުނެފައި ވަނީ ޖުލައި މަސް ނިމުނު އިރު ރަސްމީ ރިޒާވްގައި ހުރީ 611.8 މިލިއަން ޑޮލަރު ކަމަށެވެ. އަދި އޭގެ ތެރެއިން ވަގުތުން ވަގުތަށް ބޭނުން ކުރެވޭ ގޮތަށް ނުވަތަ ޔޫސަބަލް ރިޒާވްގެ ގޮތުގައި ހުރީ 207.9 މިލިއަން ޑޮލަރު ކަމަށެވެ.

އިގްތިޞާދީ ރިވިއުގައިވާ ގޮތުގައި އަހަރުން އަހަރަށް ބަލާއިރު އެއީ ފަސް ޕަސެންޓްގެ ދަށްވުމެވެ. އަދި މަހުން މަހަށް ބަލާއިރު އެއީ ތިން ޕަސެންޓް ދަށްވުމެކެވެ.

މަރުކަޒީ ބޭންކް އެމްއެމްއޭ އިން ބުނީ އެ ބަދަލު އައި މައިގަނޑު ސަބަބަކީ އިގްތިޞާދަށް ދިމާވި ބޭރު ފައިސާގެ ތާށިކަން ހައްލު ކުރުމުގެ ގޮތުން ބޭންކްތަކަށާއި ސަރުކާރުގެ އެކި ކުންފުނިތަކަށް ޑޮލަރު ވިއްކި އަދަދު އިތުރުކުރަން ޖެހުން ކަމަށެވެ.

އެމްއެމްއޭއިން ބުނީ މިހާރު ރިޒާވްގައި ހުރީ 3.6 މަސްދުވަހުގެ ތަކެތި އިމްޕޯޓް ކުރެވޭ ވަރު ކަމަށެވެ.