02 Sep 2016, 20:21
ސަރުކާރުގެ ބައެއް މުއައްސަސާތަކުގައި މަސައްކަތްކުރާ ފިރިހެން މުވައްޒަފުންގެ ތުނބުޅި ބޭލުމަށް މަޖުބޫރުކޮށް، އެގޮތަށް އަމަލުކުރަން ދެކޮޅުހަދާ މުވައްޒަފުން ވަޒީފާއިން ވަކި ކުރުމަކީ އިސްލާމް ދީނާ ދެކޮޅަށް ސަރުކާރުން ހިންގަމުން އަންނަ ޖަރީމާއެއް ކަމަށް އަދާލަތު ޕާޓީން ބުނެފިއެވެ.
އެޕާޓީން މިއަދު ބުނީ، އެކަމަކީ ރާއްޖޭގައި އިސްލާމީ ޝިއާރުތައް ފާޅުކޮށް މާތް ނަބިއްޔާގެ ސުންނަތް ދިރުވާ އާލާކުރަން ހުރަސް އެޅުމާއި އިސްލާމް ދީނާ ނަބިއްޔާއަށް ލޯބިކުރާ މީހުން މުޖުތަމައުން އެކަހެރިކޮށް ދުރުކުރުމަށް ދުރާލާ ރާވައިގެން ހިންގާ ކަމެއް ކަމަށެވެ.
އަދާލަތުން އެހެން ބުނެފައި އެވަނީ ދާދިފަހުން އިމިގްރޭޝަންގެ މުވައްޒަފުންތަކެއް ވަޒީފާއިން ވަކިކުރިކަމަށް ބުނާ ވާހަކައަކާ ގުޅިގެން ކަމަށް ބެލެވެއެވެ. ސޯޝަލް މީޑިއާގައި ވާހަކަ ފެތުރިފައި ވަނީ ތުނބުޅި އަދި ބޯ ދިގުކުރުން ހުއްޓަން ބުނެ ނުހުއްޓުމުން އިމިގްރޭޝަން މުވައްޒަފުންތަކެއް ވަޒީފާއިން ވަކިކޮށްފައިވާ ކަމަށެވެ.
އެކަމާ ގުޅިގެން އިއްޔެ އިމިގްރޭޝަނުން އާންމުކުރި ބަޔާނެއްގައި ބުނީ އިމިގްރޭޝަނުގެ މުވައްޒަފުންތަކެއް ވަޒީފާއިން ވަކިކުރި ކަމަށް ބުނެ ފަތުރަމުން ދަނީ ދޮގު މައުލޫމާތުތަކެއް ކަމަށާއި އިމިގްރޭޝަނުގެ މުވައްޒަފުންގެ ތެރެއިން ކޯޑް އޮފް ކޮންޑަކްޓާއި ޔުނިފޯމް ގަވާއިދާ ހިލާފުވި މުވައްޒަފުންތަކަކަށް އެހެން ވަޒީފާއަކަށް ބަދަލުވުމަށް ފުރުސަތު ދީފައިވާނެ ކަމަށެވެ.
އިމިގްރޭޝަނުން ބުނީ އެ މުވައްޒަފުން އެދޭ ނަމަ ސިވިލް ސާވިސްގެ އެހެން ވަޒީފާއަކަށް ބަދަލުވުމުގެ ފުރުސަތު ވެސް ތަނަވަސް ކޮށްދީފައިވާ ކަމަށެވެ. އަދި ވަޒީފާއަށް ބަދަލުވުމުގައި އިމިގްރޭޝަނުން އެހީތެރިކަން ފޯރުކޮށްދޭނެ ކަމަށް ވެސް އެ މުވައްޒަފުންނަށް އަންގާފައިވާ ކަމަށް ވެސް އިމިގްރޭޝަނުން ނެރުނު ބަޔާނުގައި ވަނީ ބުނެފައެވެ.
އިމިގްރޭޝަނުން ބުނީ އެ އިދާރާއަކީ ގައުމީ ސަލާމަތާ ގުޅުންހުރި ރާއްޖޭގެ ބޯޑަރު ބެލެހެއްޓުމުގެ ގާނޫނީ ޒިންމާތަކެއް މަތިކޮށްފައިވާ އިދާރާއެއް ކަމަށެވެ. އެހެންކަމުން އެ އިދާރާގެ މުވައްޒަފުންނަކީ ކޯޑް އޮފް ކޮންޑަކްޓާއި ޔުނިފޯމް މިންގަނޑުތަކަށް ހުރުމަތްތެރިކޮށް ހިތަން ޖެހޭ ބަޔަކަށް ވާންޖެހޭނެ ކަމަށެވެ.
އަދާލަތުން މިއަދު ނެރުނު ބަޔާނުގައި ބުނީ އިމިގްރޭޝަންގެ ބައެއް މުވައްޒަފުންގެ ތުނބުޅިއާ ގުޅުވައިގެން ވަޒީފާއިން ވަކިކުރުމަކީ ކުރިޔަށް އޮތް ތަނުގައި ހިންގަން އުޅޭ ކަންތައްތަކެއްގެ ފެށުން ކަމަށެވެ. އެހެންކަމުން އިސްލާމީ އިލްމުވެރިންނަށާއި ދީނީ ޖަމިއްޔާތަކަށާއި އިސްލާމް ދީނުގެ ދައުވަތު ފަތުރަން އުޅޭ ފަރާތްތަކަށް، އަދާލަތު ޕާޓީން ގޮވާލީ، ލާދީނީ އެ ސިޔާސަތުތައް ބަދަލުކުރަން މަސައްކަތްކުރުމަށެވެ.