ރާއްޖޭގައި ފުރަތަމަ ފަހަރަށް، ޕަބްލިކް ސާވިސް މީޑިއާ (ޕީއެސްއެމް) އިން ބޭއްވި ފްރެންޗައިޒް ޝޯވ،މޯލްޑިވިއަން އައިޑަލްގެ ދެވަނަ ސީޒަންގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފިއެވެ.

މޯލްޑިވިއަން އައިޑަލްގެ ރަސްމީ ފޭސްބުކް ޕޭޖުގައި އިއްޔެ ބުނެފައިވަނީ، ޝޯވގެ ސީޒަން ދޭއްގައި ބައިވެރިވުމަށް ޝައުގުވެރިވާ މީހުން އެސްއެމްއެސް ކުރުމުގެ ފުރުސަތު ހުޅުވާލާފައިވާ ކަމަށެވެ.

ޝޯވގައި ބައިވެރިވުމަށް އެސްއެމްއެސް ކުރަންޖެހޭނީ MI ޖެއްސެވުމަށްފަހު، ހުސްތަންކޮޅެއް ދޫކުރައްވާފައި ފުރިހަމަ ނަން، އުމުރު، އައިޑީ ކާޑު ނަންބަރު އަދި މިހާރު ދިރިއުޅޭ އެޑްރެސް ޖެއްސެވުމަށްފަހު 300 އަށެވެ.

މިމަހުގެ 10 ވަނަ ދުވަހުގެ ދަންވަރު 12:00 އާ ހަމައަށް ހުޅުވާލާފައިވާ އެ ފުރުސަތުގައި އުމުރުން 16 އަހަރާއި 30 އަހަރާ ދެމެދުގެ ކޮންމެ ޒުވާނަކަށް ވެސް ބައިވެރިވެވޭނެއެވެ.

ގާތްގަނޑަކަށް 17 މިލިއަން ރުފިޔާ ހަރަދުކުރި މޯލްޑިވިއަން އައިޑަލްގެ ފުރަތަމަ ޝޯވއަށް ގިނަ ބައެއްގެ ތަރުހީބު ލިބިގެންދިޔައިރު، ފުރަތަމަ މުބާރާތުގައި ރާއްޖޭގެ ފަސް ސަރަހައްދަކުން އޮޑިޝަންތައް ކުރިއަށް ގެންގޮސްފައިވެއެވެ. އަދި އޮޑިޝަންތަކުގައި ގާތްގަނޑަކަށް 600 އެއްހާ ބައިވެރިން ލަވަކިޔާފައިވެއެވެ.

ނަމަވެސް މޯލްޑިވިއަން އައިޑަލްގެ ސީޒަން ދޭއްގެ އޮޑިޝަންތައް ބާއްވާނެ ސަރަހައްދުތަކާއި ތާރީހުތައް އަލި އިއުލާން ކޮށްފައެއް ނުވެއެވެ. އަދި ސީޒަން ދޭކަށް ބޭނުންވާ ޖަޖުންނާއި ޕްރެޒެންޓަރުން ހޮވުމަށްޓަކައި އެކަމަށް ޝައުގުވެރިވާ ޒުވާނުންނަށް އަވަސް ތާރީހެއްގައި ފުރުސަތު ހުޅުވާލާނެ ކަމަށް ޕީއެސްއެމުން ބުނެއެވެ.

މީގެ އިތުރުން، ސީޒަން ދޭކަށް ތައްޔާރުވުމުގެ ގޮތުން ޕީއެސްއެމްގެ ޓީމެއް މިފަހަރު ވެސް އިންޑިއާއަށް ތަޖުރިބާ ހިއްސާކުރުމުގެ ދަތުރެއް ކުރަން ހަމަޖެހިފައިވާއިރު، ސީޒަން އެކަކާ އެއްގޮތަށް ފްރެމެންޓަލް މީޑިއާގެ ފަރާތުން ފަންނީ މީހުން ރާއްޖެ އައިސް ހާއްސަ ޓްރެއިނިން ތަކާއި ކޮންސަލްޓެންސީ ދިނުމަށް ހަމަޖެހިފައިވާ ކަމަށް ޕީއެސްއެމުން މައުލޫމާތުދެއެވެ.

މޯލްޑިވިއަން އައިޑަލްގެ ސީޒަން 2ގެ ޓައިޓަލް ސްޕޮންސަރަކީ މިފަހަރުވެސް ދިރާގެވެ. މެއިން ސްޕޮންސަރުންގެ ގޮތުގައި އެލައިޑް އިންޝުއަރެންސް، އެސްޓީއޯ އަދި ލޮޓަސް ފިހާރަ ހަމަޖައްސާފައިވާއިރު ޓްރެވަލް ޕާޓްނަރަކީ މޯލްޑިވިއަންއެވެ.

މޯލްޑިވިއަން އައިޑަލްގެ ފުރަތަމަ ޝޯގެ އެއްވަނަ ހޯދައި ރާއްޖޭގެ ފުރަތަމަ މޯލްޑިވިއަން އައިޑަލް ހޯދާފައިވަނީ ލައިޝާ ޖުނެއިދެވެ.